ތާރީހީ އިންތިޒާރު ނިމި، މާލެ އާއި ހުޅުލެ ބްރިޖަކުން ގުޅާލައިފި

ޗައިނާ މޯލްޑްިވްސް ފްރެންޑްޝިޕް ބްރިޖްގެ ސުޕަ ސްޓްރަކްޗާ ގުޅާލާ ނިންމާފައި--ފޮޓޯ/ ރަންރިހި ޓްވިޓާރ

ޖުމްލަ 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން މާލެ އާއި ހުޅުލެއާ ދޭތެރޭ ހަދާ ޗައިނާ މޯލްޑްިވްސް ފްރެންޑްޝިޕް ބްރިޖްގެ ސުޕާ ސްޓްރަކްޗާ ގުޅާލައި ނިންމައިފި އެވެ.

ޗައިނާ ސަރުކާރުން ހަމަޖައިސައިދިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާ އަދި ލޯނު އެހީއެއްގެ ގޮތުގައި އެ ގައުމުން ދިން 170 މިލިއަން ޑޮލަރުގެ ހީއާ އެކު ބްރިޖްގެ މަސައްކަތް ފެށީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

އެ ބްރިޖްގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯ މީޓަރު ހުރެ އެވެ. އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރެ އެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދުތަކަށް ދަތުރު ކުރެވޭ އިރު މެދު ދިޔާގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފަ އެވެ. ބްރިޖްގެ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ޗައިނާ މޯލްޑްިވްސް ފްރެންޑްޝިޕް ބްރިޖްގެ ސުޕަ ސްޓްރަކްޗާ ގުޅާލާ ނިންމާފައި--ފޮޓޯ/ ރަންރިހި ޓްވިޓާ

މ. ދިއްގަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވަނީ މާލެ އާއި ހުޅެލެ ބްރިޖަކުން ގުޅާލާފައިވާކަން ފާހަގަކުރައްވައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ ބަޔަކު ފާޑުކީ ކަންތައް އެ އޮތީ ނިންމަވާފައި ކަމަށާއި އެއީ ކުރިން ބަޔަކު ދުށް ހުވަފެނެއް ކަމަށެވެ. އަދ އެކަން މިއަދު ހަގީގަތަކަށް ވެއްޖެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ "ބްރިޖް މަތިން މިހާރު ހުޅުލެއަށް އެއްވެސް ދަތިކަމަކާ ނުލާ ދަތުރުކުރެވޭނެ" ކަމަށެވެ.

ބްރިޖްގެ ސުޕާ ސްޓްރަކްޗާ މިއަދު ގުޅާލާފައިވާ އިރު ބްރިޖްގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އާންމުކުރަމުން ހައުސިން މިނިސްޓްރީގައި މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި މަސައްކަތް ކުރިއަށްދަނީ ޝެޑިއުލަށް ވުރެ ވެސް އަވަހަށް ކަމަށާއި އަންނަ މަސް ނިމުމުގެ ކުރިން ބްރިޖްގައި ކުރަން ހުރި ހުރި މަސައްކަތެއް ނިމި ހުޅުވާނެ ކަމަށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އެގްރިމަންޓްގައިވާ ގޮތުން ބްރިޖްގެ މަސައްްކަތް ނިންމަންޖެހެނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށެވެ. ނަމަވެސް އެ މަސައްކަތް ކުރާ ކުންފުނިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ ދުވަހަށް ވުރެ އަވަހަށް މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި ޖުލައި 26 ވަނަ ދުވަހަށް ބްރިޖް ހުޅުވަން މަސައްކަތް ކުރަނީ އެ މަސައްކަތް ކުރާ ކުންފުނިން ކަމަށާއި ހައުސިން މިނިސްޓްރީން އެ ދުވަހު ބްރިޖް ހުޅުވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މާލެއާއި ހުޅުލެ ގުޅުވާލައި ނިމުމުން ދެން ކުރިއަށް ދާނީ ބްރިޖް ފުރިހަމަކުރުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ ދަށުން ބްރިޖުގެ ޑެކު މަތީގައި ތާރު އެޅުމާއި ލައިޓު ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

comment ކޮމެންޓް