ފުރަތަމަ ހަ މަސް ދުވަހު މީރާއިން ދައުލަތަށް 8.4 ބިލިޔަން ރުފިޔާގެ އާމްދަނީއެއް

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމިފައިވާ އިރު، އެ ހަ މަސް ދުވަހުގެ މުއްދަތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ދައުލަތަށް އާމްދަނީގެ ގޮތުގައި 8.48 މިލިޔަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މީރާ މެދުވެރިކޮށް 8.48 ބިލިޔަން ރުފިޔާ ދައުލަތަށް ލިބުނު އިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މިއީ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 7.8 ބިލިޔަން ރުފިޔާގެ އާމްދަނީއެކެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހު އެ އޮތޯރިޓީއަށް ބަލައިގަތް ފައިސާގެ އަދަދަކީ 1.28 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު މީރާއަށް ބަލައިގަތް 913.3 މިލިޔަން ރުފިޔާއާ އަޅާ ބަަލާއިރު 41 ޕަސަންޓު އިތުރު އަދަދެކެވެ. އަދި މީރާއިން ލަފާކުރި މިންވަރަށް ވުރެ 18.5 ޕަސަންޓު ބޮޑު އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި އާމްދަނީ އިތުރުވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޓެކްސް ދައްކަންޖެހޭ ތާރީޚުތައް މިދިޔަ އަހަރުގެ ފިތުރު އީދާ ދިމާކޮށް ފަސްކޮށްދިނުން ހިމެނެއެވެ. މި އަހަރުގެ ފިތުރު އީދާ ދިމާކޮށް އެފަދައިން ތާރީޚު ފަސްކޮށްފައި ނުވެއެވެ.

މީގެ އިތުރުން މިދިޔަ އަހަރަށް ވުރެ މި އަހަރު އާ ރިސޯޓު އޮޕަރޭޓުކުރަމުްނ ދާތީ ޓޫރިޒަމް ދާއިރާގެ ބިމު ކުއްޔާއި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކްސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ.

ޓޫރިޒަމް ދާއިރާގެ ބިމު ކުލީގެ ގޮތުގައި ޖޫން މަހު 292 މިލިޔަން ރުފިޔާ މީރާއިން ބަލައިގެންފައިވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހު ޓޫރިޒަމް ދާއިރާގެ ބިމު ކުލީގެ ގޮތުގައި ލިބުނީ 193.9 މިލިޔަން ރުފިޔާއެވެ.

ނިމިދިޔަ ޖޫން މަހުވެސް އެންމެ ބޮޑު އާމްދަނީއެއްގެ ގޮތުގައި މީރާއަށް ލިބުނީ މުދަލާއި ޚިދުމަތްތަކުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)އެވެ. ޖީއެސްޓީގެ ގޮތުގައި ޖޫން މަހު 455.9 މިލިޔަން ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރުގެ ޖޫން މަހު ލިބުނީ 238 މިލިޔަން ރުފިޔާއެވެ.

މިދިޔަ ޖޫން މަހުގެ ޖީއެސްޓީ އާމްދަނީގެ ގޮތުގައި ލިބުނު 455.9 މިލިޔަން ރުފިޔާގެ ތެރެއިން 259.2 މިލިޔަން ރުފިޔާއަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއެ ގޮތުގައި ލިބުނު އާމްދަނީއެވެ.

މީގެ އިތުރުން ނިމިދިޔަ ޖޫން މަހު ގްރީން ޓެކްސްގެ ގޮތުގައި މީރާއަށް 54.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އިތުރު އާމްދަނީއަށް ބަލާއިރު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 46.6 މިލިޔަން ރުފިޔާ، އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 46.9 މިލިޔަން ރުފިޔާ، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 162 މިލިޔަން ރުފިޔާ އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 114.9 މިލިޔަން ރުފިޔާ ހިމެނެއެވެ.

comment ކޮމެންޓް