އިސްލާމީ ޔުނިވާސިޓީގެ އިމާރާތެއް އަޅަން ރައީސް ވަނީ ބިމެއް ދެއްވާފައި: ޝަހީމް

ޝަހީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ މިހާރު ހިންގަމުންދަނީ ވަގުތީ ބިމެއްގައި ކަމުން، އިސްލާމީ ޔުނިވާސިޓީގެ އިމާރާތް އެޅުމަށް ބޭނުންވާނެ ބިމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހު އެދުމުން އެކަން ހަމަޖައްސަވާދެއްވާފައިވާ ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އެ ޔުނިވާސިޓީގެ ހައިބަތު ފެންނަފަދަ ބިނާ އެއް ބޭނުންވާ ކަމަށެވެ. އަދި އެ ބިނާ އެޅުމަށް ބޭނުންވާ ބިން ހަމަޖައްސަވައި ދެއްވުމަށް ރައީސްގެ އަރިހުން އެދުމުން އެ ބިން މިހާރު ހަމަޖައްސަވާ ދެއްވާފައިވާ ކަމަށެވެ.

އެ އިމާރާތާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ޝަހީމް ވިދާޅުވީ މީގެ ދެމަސް ކުރިން ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ އިސްލާމިކް މިނިސްޓަރާ ބައްދަލު ކުރެއްވި ކަމަށެވެ.

އިސްލާމީ ޔުނިވާސިޓީގެ ޒަމާނީ ބިނާ އެއް ގާއިމު ކުރުމާ ގުޅޭ ގޮތުން މިނިސްޓަރުގެ އަރިހުގައި މަޝްވަރާ ކުރެވުނު ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ސައުދީ އަރަބިއާ އިން އަޅުގަނޑު ގާތު ވަނީ ބުނެފައި، ބިން ހަމަޖައްސައި، އެތަން ކުރަހައި ބޭނުންވާ ޚަރަދާ އެކު ހުށަހެޅުމަށް. އޭރުން އެކަން ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް،" ޝަހީމް ވިދާޅުވީ އެ ބިނާ އެޅުމަށް މިހާރު ދޮރެއް ހުޅުވިފައިވާ ކަމަށާއި މާތްﷲގެ އިރާދަފުޅުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

"ރައީސް މިއަދު އަޅުގަނޑު ގާތު ދެންނެވި އެކަން ރައްޔިތުންނަށް ސާފުކޮށްދެން. އިސްލާމީ ޔުނިވާސިޓީގެ ޒަމާނީ ބިނާއެއް އެ ޔުނިވާސިޓީގެ މުންނާރުގެ ވިދުވަރު ދިވެހި އުޑުދަށުގައި ހުންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށް އެމަނިކުފާނު ވަރަށް ގިނަ މަސައްކަތް ކުރައްވާނެ ކަމަށް،" ޝަހީމް ވިދާޅުވި އެވެ.

https://sun.mv/107764

އިސްލާމީ ޔުނިވާސިޓީ އަށް އާ އިމާރާތާރެއް މިސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށް މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީގެ ވަޒީރުންގެ މަޖިލީހުން ވެސް މީގެ ކުރިން ވަނީ ނިންމައިފަ އެވެ.

އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވުމުން އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް މީގެ ކުރިން ޝަހީމ ނިންމަވާފައިވީ ނަމަވެސް، ރައީސްގެ އެދިވަޑައިގަތުމުގެ މަތިން އެ ނިންމުން ބަދަލު ކުރައްވާފައިވާ ކަމަށް ޝަހީމް މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްދައުރަށް ރައީސް ޔާމީން އިންތިޚާބުވެވަޑައިގެންފި ނަމަ، ޝަހީމް އަށް ހަވާލުކުރެވޭ މަސްއޫލިއްޔަތުގެ ތެރޭގައި އިސްލާމީ ޔުނިވާސިޓީގެ ކަންތައް ހިމެނޭތީ އެ މަސްއޫލިއްޔަތު މިވަގުތު ދޫކޮށްލެއްވުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ލަފާދެއްވި ކަމަށެވެ.

https://sun.mv/107760

ޗާންސެލަރުގެ މަގާމުގައި ޝަހީމް ހުންނެވި ނަމަވެސް އެ ޔުނިވާސިޓީ އަށް ވައިސް ޗާންސެލަރަކު ލައްވައި، ޔުނިވާސިޓީ ހިންގުން މިއަދު ވަނީ ހަވާލުކުރައްވައިފަ އެވެ. އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ އާއިޝާ ޚަލީލާ އަބްދުލްސައްތާރެވެ. ގާނޫނުގައި ބުނެފައިވާ ގޮތުން ވައިސް ޗާންސެލަރަކީ ޔުނިވާސިޓީގެ މަޖިލީހުން ނިންމާ އުސޫލުތަކާ އެއްގޮތަށް ޔުނިވާސިޓީގެ ތައުލީމީ، އިލްމީ އަދި އިދާރީ ކަންތައްތައް ހިންގާ އެންމެ އިސްވެރިޔާ އެވެ.

comment ކޮމެންޓް