20 އަހަރަށް ފަހު އެރިޓްރިއާއާއި އިތިއޯޕިއާއިން އަލުން ގުޅުން ގާއިމުކުރަނީ

އެރިޓްރިއާގެ ރައީސް އިސައިއާ އަފްވާކީ އާއި އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ވަނީ އިއްޔެ ބައްދަލު ކުރައްވާފައި -- ފޮޓޯ: ޓުވިޓާ

އަސްމަރާ (ޖުލައި 9): އެރިޓްރިއާއާއި އިތިއޯޕިއާއިން ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިތާ 20 އަހަރު ފަހުން އަނެއްކާވެސް ގުޅުންތައް ގާއިމުކުރަން ނިންމައިފިއެވެ.

އެރިޓްރިއާގެ ރައީސް އިސައިއާ އަފްވާކީއާއި އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު އެއިއުލާން ކުރެއްވީ ދެ ލީޑަރުން އިއްޔެ ބޭއްވި ތާރީހީ ބައްދަލުވުމަކަށް ފަހުގައެވެ. އެއީ ދެ ގައުމުގެ ލީޑަރުން ފާއިތުވި 20 އަހަރު ތެރޭ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އެރިޓްރިއާއާއި އިތިއޯޕިއާގެ ގުޅުންތައް ކަނޑާލީ 1990 ގެ އަހަރުތަކުގައި ދެ ގައުމުގެ ބޯޑަރާ ބެހޭ ގޮތުން ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. އަދި އެ މައްސަލައާ ގުޅިގެން އެތައް ހާސް މީހުން މަރުވުމާ ގުޅިގެން 2000 ވަނަ އަހަރު ދެ ގައުމުން ސުލްހައިގެ އެއްބަސްވުމެއް ހަދަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.

އެ މައްސަލަ ބެލި ބޯޑާ ކޮމިޝަނުން ނިންމީ ދެ ގައުމުގެ މެދުގައި މިލްކުވެރިކަމާ މެދު ދެބަސްވުން އުފެދިފައިވާ ބިމެއް އެރިޓްރިއާއަށް ދިނުމަށެވެ. އޭގެ ސަބަބުން އިތިއޯޕިއާއިން ވަނީ އެއެއްބަސްވުމާ ދެކޮޅު ހަދާފައެވެ.

ނަމަވެސް މިހާރު އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ ވަނީ އެ ކޮމިޝަނުގެ ނިންމުން އެގައުމުން ގަބޫލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އަދި އެރިޓްރިއާގެ ދައުލަތުގެ މީޑިއާއިން ދެއްކި ތަގުރީރެއްގައި ބޮޑުވަޒީރު އަބީއާއި ރައީސް އިސައިއާ ވަނީ ދެގައުމުގައި އެމްސަބީތައް ގާއިމު ކުރާނެ ކަމަށާއި، ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުތައްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމާ ގުޅިގެން އެރިޓްރިއާގެ އެތައް ހާސް މީހުން ވަނީ އެގައުމާއި އިތިއޯޕިއާގެ ދިދަ ހިފައިގެން، ގައުމުގެ މަގުތަކަށް އެއްވެ އުފާ ފާޅުކޮށްފައެވެ.

(ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް