Sun Online
ހަޒާޑް (ކ) އަދި އޭނާގެ ކޮއްކޮ ތޯގަން (މ)އާއި އެންމެ ކުޑަ ކޮއްކޮ ކިލިއަން (ވ) --- ފޮޓޯ/ ޓްވިޓާ
ހަޒާޑް (ކ) އަދި އޭނާގެ ކޮއްކޮ ތޯގަން (މ)އާއި އެންމެ ކުޑަ ކޮއްކޮ ކިލިއަން (ވ) --- ފޮޓޯ/ ޓްވިޓާ

ހަޒާޑްގެ ޅައިރުގެ ހަނދާންތައް ފްރާންސާ ގުޅިފައި!

މުޙައްމަދު ޝަމްޢޫން
ލިޔުނީމުޙައްމަދު ޝަމްޢޫން

ފީފާ ވޯލްޑް ކަޕް 2018 ވެފައި ވަނީ ލަފާކުރަން ދަތި ނަތީޖާތަކެއް ނުކުންނަ ވޯލްޑް ކަޕަކަށެވެ. ހާއްސަކޮށް ފުޓުބޯޅައިގެ ބޮޑެތި ބައެއް ގައުމުތަކަށް މާޔޫސްކަންވެސް ގެނުވި ވޯލްޑް ކަޕަށެވެ.

ޖަރުމަނާއި ސްޕެއިންގެ އިތުރުން ބްރެޒިލަށްވެސް މިފަހަރުގެ ވޯލްޑް ކަޕް، އެންމެ ކާމިޔާބު ނުވިއެވެ. އެހެން ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕުން ދުނިޔޭގެ ފުޓުބޯޅައިގެ އާ ބާރުތަކެއް އުފައްދައިފިއެވެ. ހާއްސަކޮށް "ގޯލްޑަން ޖެނެރޭޝަން" ތަކެއްގެ ތަފާތު ދައްކާލައިފިއެވެ.

މިހާރު ސެމީ ފައިނަލްގައި އޮތް ކްރޮއޭޝިއާގެ އިތުރުން ބެލްޖިއަމްއާއި އިންގްލެންޑް އަދި ފްރާންސްގެ ސްކޮޑަކީވެސް އެ ޓީމުތަކުގެ ރަން ޖީލެވެ. ހާއްސަކޮށް ޒުވާން ހުނަރުވެރި ތަރިންނެވެ. ވޯލްޑް ކަޕާއެކު އެ ޓީމުތަކުގެ ތަރިން އިތުރަށް ވިދާވެސް ލައިފިއެވެ.

ބެލްޖިއަމުން 32 އަހަރަށްފަހު ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، އެޓީމުން ސެމީއަށް ދިޔައީ ކުއާޓާގައި ވަރުގަދަ ބްރެޒިލް ބަލިކޮށްފައެވެ. ބެލްޖިއަމުން ތާރީހީ ނަތީޖާތަކެއް ނެރެމުންދާ އިރު، އެގައުމުގެ "ގޯލްޑަން ޖެނެރޭޝަންގެ" ޓީމު ލީޑު ކުރަމުން ދަނީ އުމުރުން 27 އަހަރުގެ އެޑެން ހަޒާޑެވެ. ޗެލްސީގެ މިޑްފީލްޑަރު ހަޒާޑަށް މިފަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ އެންމެ ކާމިޔާބު އެއް މުބާރާތެވެ. ހާއްސަކޮށް މުޅި ބެލްޖިއަމް ޓީމު ގޮވައިގެން، ކެޕްޓަނެއްގެ ގޮތުގައި އޭނާ އަންނަނީ ތަފާތު ދައްކަމުންނެވެ.

ބެލްޖިއަމްއާއި ޓިއުނީޝިއާ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގެ ފައިނަލަކާ ދެމެދު އޭނާއަށް މިހާރު އޮތް ހަމައެކަނި ހުރަހަކީ ސެމީ ފައިނަލްގައި އިދިކޮޅަށް ނުކުންނަ ފްރާންސެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ނަގައި، 2006 ވަނަ އަހަރު ފައިނަލް ކުޅުނު ފްރާންސަކީ ހަޒާޑަށް ހާއްސަ ގައުމެކެވެ.

ބެލްޖިއަމްގައި ހަޒާޑް ދިރިއުޅެ ބޮޑުވި ހިސާބަކީ ފްރާންސް ބަހުން ވާހަކަ ދައްކާ ހިސާބެކެވެ. އޭނާގެ މާދަރީ ބަހަކީ ފްރެންޗެވެ. ހަޒާޑްގެ އުމުރުން 14 އަހަރު ފްރާންސްގެ ކްލަބެއް ކަމަށްވާ ލިލްއަށް ކުޅެން ފަށައިފައިވާ އިރު، އޭނާގެ ޅަ ދުވަސްވަރުގެ ހަނދާންތައް ގުޅިފައި ވަނީ ފްރާންސާއެވެ.

"އަހަރެމެން ބޮޑުވެގެން އައީ ފްރާންސްގައި. އޭރު އެއީ 1998ގެ ޒަމާން. އޭރު ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ގައުމު. އަމިއްލަ ގައުމު ބެލްޖިއަމްއަށްވުރެ ބޮޑަށް ފްރާންސަށް ސަޕޯޓުވެސް ކުރަނީ. އަހަރެންގެ ކޮއްކޮމެންވެސް އޭރު ތިބޭނީ ފްރާންސްގެ ޖާޒީގައި،" ހަޒާޑް ބުންޏެވެ.

މިފަހަރު ބެލްޖިއަމްގެ ސްކޮޑުގައި ހަޒާޑްގެ ކޮއްކޮ، ތޯގަން ހަޒާޑްވެސް ހިމެނިފައިވެއެވެ. އޭނާގެ އުމުރުން 25 އަހަރެވެ.

ހަޒާޑްގެ ދެބެން ބެލްޖިއަމް ފަރިތަކުރުންތަކުގައި --- ފޮޓޯ/ އޭޕީ

ހަޒާޑް ބުނެފައި ވަނީ އޭރު ބެލްޖިއަމްގެ ގައުމީ ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ހިތާ ރޫހުން ސަޕޯޓްކުރީ ފްރާންސަށް ކަމަށާއި، ފުޓުބޯޅައިގެ ގައުމީ ޓީމަކަށް އޭރު ބަލަނީވެސް ފްރާންސަށް ކަމަށެވެ.

" އޭރު ބެލްޖިއަމްގެ ޓީމަށް ބުނާ ބަދުބަހެއް ނޫން މިއީ... އެކަމަކު އަހަރެން ދެކޭ ގޮތުގައި އޭރު ގައުމީ ޓީމަކީ ފްރާންސް. ދެން ފަހުން ހުރިހާ ކަމެއްވެސް ބަދަލުވީ. އަހަރެން ބެލްޖިއަމްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕަކަށް އަންނާނެ ކަމަށް ބުނަން އޭރު ނުވެސް އެނގޭނެ. މިއީ ހުވަފެންތަކެއް. ބޭނުން ވަނީ ތާރީހުގައި ބެލްޖިއަމްގެ ނަން ލިޔެލަން،" ހަޒާޑް ބުންޏެވެ.

ފްރާންސާއި ޕެރޫ ވާދަކުރި މެޗުގައި ގޯލް ޖެހުމަށްފަހު އެމްބާޕޭ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސަށް ނެރުނު ހަތިޔާރަކީ އުމުރުން 19 އަހަރުގެ ކިލިއަން އެމްބާޕޭއެވެ. ބެލްޖިއަމްއަށް އެންމެ މުހިއްމު ކަމަކަށްވާނީވެސް އޭނާ ހިފެހެއްޓުމެވެ. ވީއިރު އެމްބާޕޭގެ ރޯލް މޮޑެލްއަކީ ހަޒާޑެވެ. އެމްބާޕޭ ބުނެފައި ވަނީ އޭނާގެ ކެރިއަރު ފެށި ދުވަސްކޮޅު ހަޒާޑްގެ ވީޑިއޯތައް ބަލާ، ނަކަލު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ.

އެމްބާޕޭ އެހެން ބުނެފައި އޮތުމުން ހަޒާޑް ވަނީ އޭގެ ރައްދުވެސް ދީފައެވެ. "އެމްބާޕޭ ފެށި އިރު، އަހަރެންގެ ވީޑިއޯތައް ބަލާ ވާހަކަ ބުނި. އަހަރެން ބުނާނީ މިހާރު އަހަރެން އޭނާގެ ވީޑިއޯތައް ބަލަމޭ. އެމްބާޕޭއަކީ ތަފާތު، ހުނަރުވެރި ކުޅުންތެރިއެއް،" ހަޒާޑް ބުންޏެވެ.

ހަޒާޑް އޭނާ ޅަ ދުވަސްވަރުގެ "ފެވަރިޓް" ޓީމާ ދެކޮޅަށް ނުކުންނަ އިރު، ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި މިވަގުތު ހުރި ތިއެރީ އޮންރީ ނުކުންނާނީ އޭނާގެ ގައުމާ ދެކޮޅަށެވެ. ފްރާންސާއެކު 1998 ވަނަ އަހަރު ވޯލްޑް ކަޕްވެސް އުފުލާލި އޮންރީއަށް މިފަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ހާއްސަވާނެކަން ޔަގީނެވެ.

ފްރާންސާއި ބެލްޖިއަމް ވާދަކުރާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 11:00ގައެވެ.

infinity loading...
×
DB released 01.