ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުން ލިބުނު އާމްދަނީ މައްޗަށް

މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާކިޔުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރުވެއްޖެއެވެ.

މަރުކަޒީ ބޭން އެމްއެމްއޭއިން އާންމުކޮށްފައިވާ ކުއާޓާލީ ބިޒްނަސް ސާވޭގެ ނަތީޖާ ދައްކާގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރަކީ ޓޫރިޒަމްގެ ޕީކް ސީޒަނަށްވުމުން އެ ސިނާއަތުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ 88 ޕަސެންޓު އިތުރު ކަމަށް އެ ސާވޭގައި ބުނެފައިވެއެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ އިތުރުވިނަމަވެސް ދެވަނަ ކުއާޓަރަކީ އޮފް ސީޒަންއަށް ވުމުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ އަހަރުގެ ދެވަނަ ކުއާޓަރުގައި ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުސަތު އިތުވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ލަފާކުރާކަމަށް އެ ސާވޭގެ ނަތީޖާއިން ދައްކައެެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ 2,709,572 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ކުއާޓާލީ ބިޒްނަސް ސާވޭ އަކީ އިގްތިސާދުގެ މުހިއްމު ހަރަކާތްތައް ކުރިއަށްދާގޮތް ބެލުމަށް މަރުކަޒީ ބޭންކުން ކުރިއަށް ގެންދާ ސާވޭ އެކެވެ. މި ސާވޭއަށް މައުލޫމާތު ދެއްވަނީ ރިސޯޓުތަކުގެ އިސް ބޭފުޅުންނާއި ވިޔަފާރިވެރިންނެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އުފެއްދުންތެރިކަމުގެ ދާއިރާގެ މައުލޫމާތު މި ސާވޭގައި ހޯދައެވެ.

comment ކޮމެންޓް