ސްޕެއިންގެ ކޯޗުކަމުން އިއެރޯ އިސްތިއުފާ ދީފި

ފެރްނާންޑޯ އިއެރޯ، ވޯލްޑް ކަޕްގައި ސްޕެއިންއަށް އިރުޝާދު ދެނީ --- ފޮޓޯ/ އޭޕީ

ސްޕެއިންގެ ކޯޗުކަމުގެ މަގާމުން ފެރްނާންޑޯ އިއެރޯ އިސްތިއުފާ ދީފިއެވެ.

އިއެރޯ ސްޕެއިންގެ ކޯޗުކަމުގެ މަގާމާ ހަވާލުވެފައި ވަނީ ވޯލްޑް ކަޕަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށް، ސްޕެއިނުން އެޓީމުގެ ކޯޗު ކަމުގައި ހުރި ހުލެން ލޮޕެޓެގީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭގެ ކުރިން އިއެރޯ ހުރީ ސްޕެއިން ގައުމީ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައެވެ.

ބީބީސީ ސްޕޯޓްސްއިން ބުނެފައި ވަނީ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާވެސް ހަވާލު ނުވާން އިއެރޯ ނިންމާފައިވާ ކަމަށެވެ.

އިއެރޯއާއެކު ވޯލްޑް ކަޕަށް ނުކުތް ސްޕެއިނަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވާ އިރު، އެ ގައުމު ވޯލްޑް ކަޕުން ކެޓީ ގަދަ 16ގައި ރަޝިއާ އަތުން ބަލިވެގެންނެވެ.

ސްޕެއިންގެ ފުޓުބޯޅައިގެ މައި އިދާރާއިން ބުނެފައި ވަނީ އިއެރޯ ކޯޗު ކަމުން އިސްތިއުފާ ދިނީ އާ މިސްރާބަކަށް އޭނާގެ ކެރިއަރު ގެންދިއުމަށް ކަމަށެވެ. އަދި މިވަގުތު އޭނާގެ މިސްރާބު ހުރީ ސްޕެއިން ގައުމީ ޓީމާއެކުގައި ނޫން ކަމަށްވުމުން، ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުވެސް އޭނާ ބޭނުން ނުވާ ކަމަށްވެސް ސްޕެއިންގެ ފެޑަރޭޝަނުން ބުނެއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ރެއާލް މެޑްރިޑަށް 400 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިއެރޯ ވަނީ އިނގިރޭސި ލީގުގައިވެސް ކުޅެފައެވެ. އަދި ސްޕެއިން ގައުމީ ޓީމަށްވެސް އޭނާ ވަނީ 89 މެޗު ކުޅެދީފައެވެ.

ކޯޗެއްގެ ގޮތުގައި 2014-15 ވަނަ އަހަރުގެ ސީޒަންގައި ރެއާލްގެ ކޯޗު ކަމުގައި އިއެރޯ މަސައްކަތް ކޮށްފައިވާ އިރު، މިދިޔަ އަހަރު އޭނާ ހޭދަކުރީ ސްޕެއިންގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ރެއާލް އޮވިއޭޑޯގައެވެ.

comment ކޮމެންޓް