Sun Online
12 ޖުލައި 2017 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
12 ޖުލައި 2017 ވަނަ ދުވަހު އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖޭޕީއަށް ރަނިން މޭޓަކު ނުދެއްކި ލަސްވުން، އެމްޑީޕީގެ ނުސީދާ ނުފޫޒު!

ރިފާޒް އަހްމަދު ރިޔާޒް
ލިޔުނީރިފާޒް އަހްމަދު ރިޔާޒް

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސިޔާސީ މިސްރާބު ބަދަލުކޮށްލައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނެރެން ނިންމީ ނިމިގެން ދިޔަ އެ ޕާޓީގެ ކޮންގްރެސްއިންނެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން އެއްބަސްވީ ޖުމްހޫރީ ޕާޓީއަށް ރަނިން މޭޓަކު ކަނޑައަޅަން ފުރުސަތުދިނުމަށެވެ. ނަމަވެސް އަދި މިއަދާ ޖެހެންދެން ވެސް އެ ނަން އޮތީ ކަނޑަނޭޅި އެވެ. އިބޫ ކެމްޕެއިން ފެއްޓެވީ ގިނިކަންޏާ އެވެ. ރަނިން މޭޓެއްގެ ތަޅާފޮޅުން އަދިވެސް ވަރުގަދަ ވަނީ އެވެ. ހަތަރު ފިކުރުގެ އެކްޓިވިސްޓުން މީސް މީޑިއާގައި ތަޅާފޮޅަނީ އެވެ. އެކަކަށް ވުރެ އަނެކެއްގެ ހަމަލާތައް ވަރުގަދަވެފައި ބަހުގެ ވިހަކަން ގަދަ އެވެ. މި ހަތަރު ސިޔާސީ ލީޑަރުންގެ ފިކުރު ހަގީގަތުގައި ވެސް އެއް ނުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަން ފަށައިފި އެވެ.

މައްސަލަ ގޯސްވި ހިސާބަށް ބަލަމާހެއްޔެވެ. ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ ނަޒަރުގައި، ރަނިން މޭޓަކު ކަނޑައެޅުމުގައި، ޖުމްހޫރީ ޕާޓީ "ނުކުޅެދިފައި" އޮތީ އިދިކޮޅުގައި ބާރުގަދަ އެމްޑީޕީގެ ނުފޫޒާ ހެދި އެވެ. އެމްޑިޕީން ޖޭޕީއަށް އެކިގޮތްގޮތަށް ވަކި ބޭފުޅަކު ރަނިންމޭޓަކަށް ނެގުމަށް ދިޔައީ ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ނެރޭ ކެނޑިޑޭޓް، އިބޫގެ ރަނިން މޭޓެއް ނެރުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު މިހާރު އޮތީ ޖުމްހޫރީ ޕާޓީއަށް ދޫކޮއްލައިފަ އެވެ.

3 ޖުލައި 2017: މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އިދިކޮޅު ކޯލިޝަނުން އެކަމުގެ އުފަލުގައި މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނަމަވެސް ޖުމްހޫރީ ޕާޓީން ރަނިން މޭޓަކު ނުނެރެ މިި ލަސްވަނީ ކީއްވެހެއްޔެވެ؟ މި ސުވާލަށް ގިނަ ބަޔަކު ދޭ ޖަވާބަކީ އެކަމުގައި އެމްޑީޕީގެ ނުފޫޒާ އޮތީ ކަމަށެވެ. ރަނިން މޭޓަކު ނެރުމުގައި އެމްޑީޕީން ނުފޫޒު ފޯރުވާތީ ލަސްވަނީ ކަމަށެވެ.

ދާދި ފަހުން ސިޔާސީ ދައިރާއާ ގުޅި ވަޑައިގެންނެވި، ގާސިމް އިބްރާހީމްގެ ހަގު އަބިކަނބަލުން އާއިޝަތު ނަހުލާ (އާއިޝާ)، ޖުމްހޫރީ ޕާޓީން ނެރޭ ރަނިން މޭޓަކަށް ހަމަޖެއްސުމަށް އެ ޕާޓީގެ ތެރޭގައި ކެމްޕެއިން ވެސް ކުރި އެވެ. ނަމަވެސް އެމްޑީޕީއާ ޖޭޕީއާ ހިޔާލު ތަފާތުވުން ބޮޑުވެ، ނަތީޖާއެއްގެ ގޮތުން ރަނިން މޭޓަކަށް ކުރިމަތި ނުލުމަށް އައިޝާ ނިންމާފައިވާ ކަމަށް ދަނީ އަޑު ފެތުރެމުންނެވެ. ގާސިމަށް އެންމެ އިތުބާރު ކުރެވޭނެ ކަމަށް ބެލެވޭ އެއް ނަންފުޅު އެމްޑީޕީގެ ޕްރެޝާރާ ހެދި ރޭހުން ބޭރުވީ އެވެ.

އައިޝާ ރަނިން މޭޓުގެ ރޭހުން ބާކީކުރި އެންމެ ބޮޑު އެއް ސަބަބަކަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ގޮތަށް ކަންކަން ކުރުމުގެ ފުރުޞަތު އެކަމަނާ ނުދެއްވާފާނެތީ ކަމަށެވެ. ސަބަބަކީ ރިޔާސީ ދައުރަކަށް އިބޫ އިންތިހާބުވުމުން ކޮންމެވެސް ގޮތަކުން ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވަން ނިންމަވާފައި އޮތުމުން ކަމަށް ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވެ އެވެ.

3 ޖުލައި 2017: މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އިދިކޮޅު ކޯލިޝަނުން އެކަމުގެ އުފަލުގައި މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން މީގެ ކުރިން ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ ޖޭޕީގެ ރަނިން މޭޓް މަގާމުން ވަކި ކުރާނެ ކަމަށެވެ. އަދި އެ މަގާމަށް ކުރީގެ ރައީސް ނަޝީދު ގެނެސް އިބޫ ވެސް ވަކި ހިސާބަކުން އިސްތިއުފާދީ ނަޝީދާއި ވެރިކަން ހަވާލު ކުރާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެމްޑީޕީން ރަނިން މޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެންނަން އުޅޭ ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.

ގުޅިފައިވާ ކޯލިޝަނުން ރަނިންމޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީއަށް ދީފައިވާ ބާރުގެ ތެރެއަށް އެމްޑީޕީން ނުފޫޒު ފޯރުވައި އެމްޑީޕީން އަނެއްކާ ވެސް މަސައްކަތް ކުރަމުން މިދަނީ ގާސިމަށް "ލަނޑެއްދޭންތޯ" އެއީ މިހާ ހިސާބުން ސިޔާސީ ތަޖުރިބާކާރުން އުފައްދާ ސުވާލެކެވެ. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނަޝީދު ވެރިިކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެކު ހެދި ކޯލިޝަނާއެކުގަ އެވެ. އޭރު ގާސިމް ހިތް ހަމަޖެއްސުމަށް ޓަކައި "ކީހާ ޅެން ފަރިއްސަށްވެ"، ނަޝީދު ވެރިކަމަށް ވަޑައިގެންނެވިތާ 21 ދުވަހުގެ ތެރޭގައި، ނަޝީދުގެ ސަރުކާރުން ގާސިމް ބޭރުކޮށްލީ އެވެ.

12 އޭޕްރީލް 2017 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން، ކުނޫޒްގައި ބޭއްވި ޖަލްގެ ތެރެއިން -- ސަން ފޮޓޯ، ފަޔާޒު މޫސާ

ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޖޭޕީން އަންނަ އަންގާރަ ދުވަހު ނައިބު ރައީސަކު ދައްކަން ނިންމި ނަމަވެސް އެކަން ޖުލައި މަހުގެ 14 ވަނަ ދުވަހަށް ފަސްކުރީ އެމްޑީޕީގެ ނުފޫޒުގެ ސަބަބުންނެވެ. އަދި އެ ނުފޫޒު ފޯރުވުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ވެސް އޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޖުމްހޫރީ ޕާޓީން ރަނިން މޭޓެއް ނެރުން ލަސްވަނީ އެމްޑީޕީގެ ފިއްތުންތަކާއެކުގައި ކަން ގިނަ ބަޔަކު ގަބޫލުކުރާ އިރު އެމްޑީޕީން ރިޔާސީ ކެނޑިޑޭޓެއް ނެރުމުގެ ފުރިހަމަ އިހުތިޔާރު އިދިކޮޅު ލީޑަރުން ދިން ފަދައިން ރަނިން މޭޓަކަށް ޖޭޕީން ބޭނުންވާ މީހަކު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އެ ޕާޓީއަށް ދޭން ޖެހެ އެވެ.

ގުޅިފައިވާ ޕާޓީތަކަށް ޖޭޕީންދޭ ނަން ގަބޫލު ނުކުރެވުމަކީ އެއީ ސިޔާސީ ގޮތުން ގުޅިފައިވާ އިއްތިހާދެއްގެ ބަދަހިކަމާ މެދު ސުވާލު އުފައްދަން ލިބޭ ފުރުޞަތެކެވެ. ރަނިން މޭޓަކީ ޖޭޕީގެ ސްލޮޓެއް ކަމަށް ހަތަރު ލީޑަރުން ވަނީ އެއްބަސްވެފަ އެވެ. އެހެންކަމުން އެ މަގާމަށް ލާނެ މީހަކު ނިންމުމުގެ ފުރިހަމަ އިހުތިޔާރު ޖޭޕީއަށް ލިބެން ޖެހޭ ކަމަށް ސިޔާސީ ތަޖްރިބާކާރުން ގަބޫލުކުރައްވަ އެވެ. އަދި ފުރިހަމަ ޑިމޮކްރަސީއެއްގައި އެކަން އޮންނާނީ ވެސް އެހެން ނޫންތޯ އެވެ.

infinity loading...
×
DB released 01.