ތަފާތު ލޯތްބެއް - 19

"އަހަރެމެންގެ މުޖުތަމައުގެ ގޮތުން ދީނާއި ދުރުން އުޅެވުނީ ދީނާއި ބެހޭ މާބޮޑުކަމެއް ނޭނގޭ. ބަޓް ކުޑައިރުއްސުރެ މަންމަމެން ބުނެދީފައިވޭ އަހަރެމެންނަކީ މުސްލިމުންކަން. ވީ ބިލީވް އިން މެނީ ތިންގްސް. އެކަމަކު ދީނުގައި ކުރަން ޖެހޭ އެއްވެސް ކަމެއް ނުކުރެވޭ. ލައިކް ޕްރޭއިން. ރޯދަ ހިފުން.......އެހެންވެކަން ނޭގޭ ނަފްސާނީ މައްސަލަތައް ބޮޑުވަނީ؟ " ކައިޒާން އަހައިލިއެވެ. ކެމީލާއާއިއެކު ހުރިހާ ވާހަކައެއް ހިއްސާކުރެވުމުން ހިތަށް އަޖައިބެއްފަދަ ހަމަޖެހުމެއްލިބެއެވެ. މޫޑު އެހާވެސް ރަނގަޅުވެދެއެވެ.

"ނޭނގޭ ކައި. އެއްގޮތަކަށްވެސް ނޭނގޭ އެކަމަކު ނަމާދުކޮށް ގުރުއާން ކިޔެވީމަ ސްޓްރެސް ފިލާ ހިތްހަމަޖެހޭ. ދީނަށް އެންމެ ރަގަޅަށް ނޫޅެވުނަސް މާމަގެ ސަބަބުން ވަރަށް ޓްރައިކޮށްގެން ގިނަކަންތައްތަކަށް ފަރުވާ ބަހައްޓަން. ސޯ ދެރަވެ ހިތް ހަލާކުވާއިރުވެސް އައިމް މެންޓަލީ ފައިން. ދީނާއި ނަފްސާނީ މައްސަލަތައް ގުޅުމެއްވޭ. ނަމާދުކޮށް ރަނގަޅަށް އުޅުނަސް އަދި ސްޕިރިޗުއަލީ ކަނެކްޝަން ވަރުގަދަ ނުވަންޏާ ވީ ވިލް ބްރޭކް ސޯ އީޒިލީ. ކައި ބީ ކްލޯޒް ޓު ގޯޑް އެންޑް ސީ ދަ ޑިފެރެންސް...." ދީނާއި ބެހޭގޮތުން ދެޒުވާނުން ކުޑަކޮށް ވާހަކަދައްކާލާ ހެދުމަށްފަހު ކެމީލާ އެހެން މައުޟޫއަކަށް ވާހަކަ ގެންދިޔައެވެ.

"ކައި އަހަރެމެންނަށް ސިއްރުން މެރީ ކުރެވިދާނެތަ " ކެމީލާ ސުވާލުކޮށްލިއެވެ.

"އޮފްކޯސް. މިހާރުވެސް ވަންޏާ ކުރާގޮތަށް މިހިރީ. އެކަމަކު ސިއްރުން ކުރަންވީ ކިއްވެ. މަންމަމެންވެސް އޯކޭވެފައި އެތިބީ............" ކައިޒާން ހައިރާންވިއެވެ. "ބައްޕަގެ ވަލީ ސިޓީ ލިބުނީމަ ވަގުތުން ކޮށްލާނީ ދޯ. މަންމަމެން މާދަން އެކޮޅަށް ފުރާނެ. އެކޮޅުގައި ފަސްވަރަކަށް ދުވަސްވާނީ. މިކޮޅަށް އަންނައިރު އެ ސިޓީ ހިފައިގެން އާދެވިދާނެއްނު. އޭރުން މަންމަމެންނާއިއެކު ކޮއްކޮ އާއި މާމައަށްވެސް އާދެވޭގޮތަށް ހަމަޖައްސާނަން............"

"ބައްޕަ ކައިރީ ބުނާނަން އިތުރު މީހަކަށް ނާންގާ އުލާއަތަށް އެ ސިޓީ ދޭށޯ. އުލާވެސް ހުޅުވަފާނެ ސޯ އުލާއަށްވެސް އޮޅުވާލާނަން. ހުޅުވައިފިއްޔާ އެމެރިކާގައި ނުހުރެވޭނެއޭ ބުނާނީ. ކައި ޔޫ ނޯ ވަޓް. ކައި މަންމަމެން ގަބޫލުނޫންކަމަށާއި ކޮންމެވެސް ކަންތައްގަނޑެއް ހިންގާލާނެވާހަކަ ނޯޔާ ބުނި. އެހެންވީމަ ސިއްރުން މެރީކުރީމަ މާ ރަގަޅުކަން ނޭނގޭ. މެރީނުކޮށް އަބަދު އެކީގައެއް ނޫޅެވޭނެ. ހަލާލު ޑޭޓްތަކަކަށް ނުވާނެ..." ކެމީލާ އިނީ ރޮވެން ކައިރިވެފައެވެ. އޭނަ ކައިޒާންއާއި ކައިވެނިނުކޮށްފިއްޔާ ނާޔަލްގެ އުދަގޫތައްވެސް ޖެހޭނެކަން އެނގެނީއެވެ. ކައިވެނި އަވަސްކުރަން ކޮންމެހެން ޖެހޭ ދެވަނަ ސަބަބަކީވެސް އެ ނާޔަލްގެ އުދަގުލެވެ. އިންޒާރެވެ.

"އައި ޕްރޮމިސް. ސޫން. ވެރީ ސޫން އައި ވިލް މޭކް ޔޫ މައިން....."

"އިންޝާﷲ..." ކެމީލާއަށް ބުނެވުނެވެ.

"އެކަމަކު ނާޔަލްއަށް އެނގެންވާނެ. ބެސްޓްފްރެންޑްވީމަ އޭނައަށް ކޮންމެހެންވެސް އަންގައްޗޭ ކައި. އެހެން އެންމެނަށް ސިއްރުކުރިޔަސް އޭނައަށް ނޭގި މި ކައިވެނިކުރާކަށް ނުވާނެ..." ކެމީލާ އެ ހަނދާންތައް އާވިޔަސް މޫނަށް ހޫނުވެ އަލިފާން ހިފާހެން ހީވެއެވެ. ރުޅިގަދަވެ ސިކުނޑިވެސް އަންދާލައެވެ. ކައިވެނިކުރުމަށްފަހު ނާޔަލްއަށް އެނގުމުން ދެން އޭނަ މައިތިރިވެދާނެއެވެ.

"ކައި. ވަން މޯ ތިންގް. މެޑިސިން ހަދާކަށް ބޭނުމެއްނޫން. މިހާރު އެންމެ ބޭނުންވަނީ ސައިކޮލޮޖީ ދާއިރާއިން ކުރިއަށްދާން. އެކަހަލަ ކޯހެއް ހޯދަން ހެލްޕްވެ ދީފާނަންތަ؟ މޭބީ އޮންލައިންކޮށްވިޔަސް..." ކެމީލާ އެދުނެވެ. ނާޔަލް ބޭނުންވާކަމަކަށް ވާތީ އެއްކޮށް މެޑިސިންހެދުން ފޫހިވީއެވެ. ނާޔަލްގެ ސަބަބުން އޭނަގެ ހިތުގައި އުފެދިފައިވާ ނަފްރަތު ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންދާއިރު އޭނައަށްޓަކާ އެފަދަ ކަމެއްކުރެވޭނީ ކިހިނެއްހެއްޔެވެ. ސައިކޮލޮޖީއަކީވެސް ކުރިއަށް ދާން ހިތަށް އެރި ރޮގެއްނޫނެވެ. ނަމަވެސް އެންމެ ލޯބިވާ ފަރާތާއި ގުޅުން ހުރިކަމަކަށްވާތީ ހުރިހާއެއްޗެއް އުގެނެން ބޭނުންވީއެވެ. ނޫނީ އެކީ އުޅޭކަށް ފަސޭހައެއްނުވާނެއެވެ.

ކައިޒާން ދިން ގަހަނާ ސެޓް ރީތިކަމުން ކެމީލާ ވަގުތުން އެޅިއެވެ. ފިޔާތޮށިރަނުގެ ފަށެއްކަމުން އޭނަގެ ހަމާއި ނިކަން ގުޅެއެވެ. މިއީ ތޭންކްސްގިވިންގެ އެންމެ ޚާއްސަ ހަދިޔާއެކެވެ. އެނޫނަސް ދޭތެރެއަކުން ދޭ ކުދިކުދި ހަދިޔާތައް އޭނަވަނީ ފޮށްޓަކަށްލާ ފޮރުވާފައެވެ. އޭނަ ކައިޒާންއަށް ދިނީ ސްކާފަކާއި ގަލަމެކެވެ. އަދި ދެމީހުންގެ ފޮޓޯ ލާފައި ހުރި ފްރޭމެކެވެ.

ކައިޒާންއާއިއެކު މިހާ ގައިގޯޅިކޮށް އުޅުމުން ހިތަށް ލިބޭ އުފަލަށްވުރެ ފާފައިގެ އިހުސާސްތައް ބޮޑުވެ ކެމީލާގެ ސިކުނޑިއަށް އުދަގޫތައްކުރެއެވެ. ކައިވެނި ސިއްރުން ނަމަވެސް ކޮށްގެން އެދެމީހުންނަށް އެހެން މީހުންގެ ކުރިމަތީގައި ދުރުން އުޅެވިދާނެތާއެވެ. ޖޫލްގެ ނެނީއެއްގެ ގޮތުގައި ދެކެގެން މުޅި އުމުރު ކައިޒާންއާއިއެކު އުޅެވިދާނެއެވެ. ކެމީލާ މޮޔައީއެވެ. ކައިވެންޏަށްފަހު ބަނޑުބޮޑުވެދާނެކަމާއި އެހެންމީހުންނަށް ފަޅާ އަރާފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ދުރުވިސްނޭކުއްޖަކަށް ކެމީލާ ނުވިއެވެ. ކައިޒާން އެކަހަލަ ޚިޔާލެއް ކުރިއެވެ. އެކަމާ ވިސްނާލާފައި އެވާހަކަ ދައްކާކަށް ނޫޅުނެވެ. މީހުންނާއި ނީދެ ކުދިން ލިބުމަކީ އެމީހުންނަށް ބޮޑުކަމެއް ނޫނެވެ. އެކަން ބޮޑުވާނީ ކެމީލާއަށެވެ. ކެމީލާ މާމަމެން ދެކޭހިތުން އިންތިޒާރުގައި ހުރިއިރު ބައްޕަގެ ވަލީ ސިޓީވެސް ލިބޭނެތީ އެހާ ހިތްހަމަޖެހެއެވެ. އެހެން މީހަކަށް ބައިވެރިނުވެވުނަސް އޭނަގެ މާމަ އޭނަގެ ކައިވެނީގެ ހަފްލާގައި ބައިވެރިކުރާނެއެވެ.

ނާޔަލް ޔާސިރުއަށް ގުޅާފައި އެދުނީ އެ ސިޓީ މެއިލް ކޮށްލަ ދިނުމަށެވެ. ކެމީލާ އަދި އެހެންމީހަކު އެހިޔަސް އެސިޓީގެ ވާހަކަ އިތުރަށް ނުދައްކާން ނާޔަލް ޔާސިރު ކައިރިން ވައުދުކުރުވިއެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހަށް ކައިވެނި ކުރެވޭނެކަމަށާއި ޔާސިރުމެންނަށް ދައުވަތު ފޮނުވާނެކަމަށާއި ކެމީލާއަށް ސަޕްރައިޒެއް ދޭންވެގެން ކުރި ކަމަށް ބުނުމުން ޔާސިރު އުފާވިވަރުން އަޑުކޮޅަށް ހެވުނެވެ.

އުލާ ފުރަން ދެދުވަހަށް ވެފައިވަނިކޮށް މަންމަގެ އެކުވެރިއަކާއިއެކު ހަފްތާއެއްގެ ދަތުރަކަށް ލަންކާއަށް ފުރިއެވެ. ޓިކެޓްދިނީވެސް އެކުވެރިޔާ ކަމުގައި މަންމަ ބުނެލިއިރު އުލާ އެކަމާ މައްސަލަ ޖައްސާނެކަމުގައި ހީކުރިއެވެ. އުލާ މަންމައަށް ބާއްޖަވެރި ދަތުރަށް އެދުނެވެ. އުލާ ފުރަން ފެރީޓާމިނަލް ކައިރީ ހުރިތަން ފެނި ނަތާލީއާއި ނަތާޝާ އެކަކު އަނެކަކަށް ބަލާފައި ހީލިއެވެ. އުލާ ހުރީ ގެނައި ސާމާނުތައް ގިނަކަމުން ހަދަންވީގޮތެއް ނޭނގިފައެވެ. ބޯދަށަށް ލައްވާ ތުނި ބާލީހުން ފެށިގެން ރަޖާގަނޑާއި ތުވާލިތަކަށް ދާންދެން ކޮތަޅަކަށް ލައިގެން ގެނެސްފާ ހުއްޓެވެ. އުލާ ލައިގެން ހުރި ތުނި ޓޮޕްކޮޅާއި ޓައިޓާއިއެކު އެމެރިކާގެ މޫސުމަށް ކެތްވާނެހެއްޔެވެ. ކެމީލާ ކޮއްކޮ ކައިރީ ނުބުނަނީ ހެއްޔެވެ؟ ނަތާލީ އެދުނީ އެމީހުންނާއިއެކު ލޯންޗުގައި އައުމަށެވެ. އުލާ މާމައާ އަޅާ ނުލާ ދުވެފައި ލޯންޗަށް އެރުމުން މާމަ އަރުވަން އެހިތެރިވެދިނީވެސް ނަތާލީއެވެ. ވަރެއްގެ އަންހެންކުއްޖެކޭ ހިތަށް އެރިއެވެ.

ޖޭއެފްކޭ އެއަޕޯޓަށް ވަނުމާއިއެކު އުލާގެ ލޯ ތަރަތަރަޖަހައިގެން ދާވަރުވިއެވެ. އުފަލުން މޮޔަވާވަރުވިއެވެ. އޭނައަށް އެމެރިކާއަށް އާދެވުނީއެވެ. ވަގުތުން އުޅުނީ އެކިގޮތްގޮތަށް ތުއި ސެލްފީނަގަ ނަގާފައި އިންސްޓާ ނުކުރެވިގެންނެވެ. އުލާ އޭނަގެ މާމައާއި އަޅާނުލާތީ މިފަހަރު ލަނޑުދޭންވެގެން ސާމާނުތައް އަރުވާފައި ހުރި ޓްރޯލީ އުލާއާއި ހަވާލުކޮށްފައި ނަތާލީ ހުރީ ހެވިފައެވެ. އުލާއަށް އެ ދުއްވަން ނޭގިގެންގޮސް މީހަކާއި މުޑިއެރުވިއެވެ. އަނެއްފަހަރު އެދިޔަގޮތަށް ގޮސް ތަނެއްގައި ޖައްސާލައިފިއެވެ. އުލާގެ ސަބަބުން އެހެން މީހުންގެ ބޮލަށް އުދަގޫވާވަރު ކޮށްލިއެވެ. ކަޑަކަމެއް ކޮށްލެވޭއިރަށް ހިނިގަނޑެއް ޖަހައިލަނީ އޭނަ މަޖަލަކަށް ކުރާކަމަކަށް ހަދާފައެވެ. އެ ހާލުގައި އުޅެމުންގޮސް އުލާ އެއަޕޯޓުން ނުކުމެ ކާރަށް އަރާފައި އޭގެ ތެރޭގައިވެސް ހީވަނީ އެހެންކަމެއް ހެންނެވެ. ނަތާޝާ ތުން ފިތާލައިގެން އިންއިރު ނަތާލީ ދޭތެރެއަކުން އުލާއާއި ދިމާލަށް އެއްޗެކޭ ބުނެލައެވެ. ފުރަތަމަ އެމީހުން ގެނައީ ކައިޒާންގެ ގެއަށެވެ. ކައިޒާންވަނީ އެމީހުންނަށްޓަކާ ކައިރީގައިވާ ކުޑަ ކޮޓެޖެއް ތައްޔާރުކުރުވާފައެވެ. އެވެސް ހިނގާފައި ދެވޭ ހިސާބުކައިރިއެވެ. އެއީ ކެމީލާ ބޭނުންވި ގޮތެވެ. ކައިޒާންއާއިއެކު އެގޭގައި އެއާއިލާ އުޅެން ފަށައިފިއްޔާ ނަތާޝާމެންގެ ހިތް ނުބައިވެދާނެއެވެ. މާމަ ކާރުން ފައިބަން ކެމީލާ އާއި ކައިޒާން އެހީތެރިވެދިންއިރު އުލާ ކާރުން ފުންމާލައިފިއެވެ. ނަތާޝާ ކައިޒާންގެ ނިތްކުރީގައި ބޮސްދީފައި ވަރަށް ލޯބިން ހާލު އަހައިލިއެވެ. ނަތާލީވެސް ދައްތަގެ ދަރިފުޅުގެ ގައިގާ ބައްދާލައިފިއެވެ.

"ދޮންތީ އަހަރެން ނިދާފަތަ؟ މިއީ ހުވަފެނެއްތަ؟ ނިކަން ވިކާބަލަ....." އުލާ ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. ކެމީލާ ނޭފަތުގައި ހިފާ ވިކައިލިގޮތަކުން ލޮލުން ފެން އަންނަވަރުވިއެވެ. ކަންފަތު ތޫރި ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވާފައި ކެމީލާގެ ގައިގާ ބޮނޑިއެއް އަޅާލައިފިއެވެ. ދެން އުފަލުން ފުންމަން ފެށިއެވެ. ވަށައިގެން އެނބުރުނެވެ. ނަށާ ހަޅޭއްލެވިއެވެ.

"ޔޭ ޔޭ އައެމް ސޯ ހެޕީ..ފައިނަލީ އައިމް އިން ޔޫއެސްއޭ. އިޓްސް އޯޓަމް ހިއާ އެންޑް އައިމް ގޯނަ އެންޖޯއި އެލޮޓް ހިއާ.....ތެންކިއު ސްވީޓެސްޓް ސިސް..." އުލާ ކެމީލާގެ ކޯތާފަތަށް ދޮނެއްދީފައި ހިނގައިގަތީ ސެލްފީ ނަގަމުންނެވެ. އެކި އަރިއަރިއަށްހުރެ ފޮނިވެފައި ގަސްތަކާއި ދިމާލަށް ހިނގައިގަތްތަނާ މާކަސްއާއި ފީލިކްސް އެއްކޮށް ކަހަލަގޮތަކަށް ނުކުމެގެން އައެވެ. ކެމީލާ ފީލިކްސް މީހަކަށް ދޭށޭ ކިޔާވަރުން ކައިޒާން ދެރަވިޔަސް އޭނަވަނީ ނާޔަލްއަށް ހަދިޔާކުރަން ނިންމާފައެވެ. ދޭތެރެއަކުން ނާޔަލް ފީލިކްސް ގެންގޮސްހަދައެވެ. އަދިވެސް ކައިޒާންއަށް ހަމަ ފީލިކްސް ދޫކޮށްލާފައި ނުހުރެވެނީއެވެ. އެތައްދުވަހަކަށް ގެންގުޅެފައި ކާންދީ ފެންވަރުވާ ހަދާފައި އެހާ ފަސޭހައިން އެއްލާލެވޭނެ ހެއްޔެވެ. ނަމަވެސް ލޯބިވެރިޔާއަށްޓަކާ އެފަދަ ކުޑަ ގުރުބާނީވެވެން ޖެހޭނެކަމަށް ކައިޒާން ގަބޫލުކުރެއެވެ.

ފީލިކްސް ކުއްލިއަކަށް އުލާއާއި ދިމާލަށް ދުއްވައިގަތުމުން ކަންފަތް ފަޅައިގެންދާހާ ބާރަކަށް ހަޅޭއްލަވަމުންގޮސް މާކަސްގެ ގައިގާ ޖެހިގަތްގޮތަށް ދެމީހުން އެއްކޮށް ބިންމަތީ ޖެހުނެވެ. އުލާ އެގޮތަށް ޖެހިގަތުމުން ވަރުގަދަ ހަށިގަނޑެއް ލާފައި ހުރި މާކަސްވެސް އޮތީ ތަދުވެގެން ހިރިނުލެވޭވަރުވެފައެވެ. މިހާ ރީތި ރަށަކުން މިފަދަ މުސީބާތެއް ދިމާވެދާނެކަމަކަށް އުލާ ހީކޮށްފައެއްނެތެވެ. މިއީ ދުވަހަކު ދުށްޒާތުގެ އެއްޗެއްނޫނެވެ. ފިލްމަކުންވެސް މީގެ އެއްޗެއް އޭނަ ނުދެކެއެވެ.

ކައިޒާން ހެމުން ފީލިކްސް ކައިރިއަށް ގުދުވެ ފިރުމަންފެށިއެވެ. އުލާކައިރި ބުނީ ފީލިކްސްގެ ފަރާތުން ގެއްލުމެއްނުވާނެ ކަމުގައެވެ. އުލާއަށް ޔަގީންކަމެއް ލިބުމުން މާކަސް ގައިމަތިން ތެދުވެ ހޭންފެށިއެވެ. ކަންބަޅިބަކަރިއެއް ދެކެ ބިރުގަންނާނީ ދޮންތަކަހަލަ މޮޔަކުދިންނޭ ބުނުމުން ކައިޒާން ހިނި އައެވެ. އޭރު މާކަސްވެސް ތެދުވެ އުލާއާއި ދިމާލަށް ބަލަން ހުރި ގޮތްފެނި ކައިޒާންއަށް މަޖާވިއެވެ.

"މި ސޮރު ޝީޕަކާއި ވައްތަރީ އެކަމަކު ބާކް ކުރަނީ ޑޯގެއްހެން..........." އުލާ ކިޔާލިއެވެ. ކިތަންމެ ހިތް ތެޅުނަސް އެކަން ނުދައްކާ ގަދަކަމަށް ހެދިގެން ފޮނިވެލިއެވެ. އެމެރިކާއަށް އައިފަހުން މާމައާއިވެސް އޭނައަށް ވާހަކަދެއްކެނީ އިނގިރޭސިބަހުންނެވެ. އެންމެ ދުވަހެއް ނުވަނީސް އުލާއާއި ދިވެހިވަންތަކަން ވަކިވެއްޖެއެވެ.

"މާމާ ފީލިން ކޯލްޑްތަ. ޑޫ ޔޫ ހޭވް އަ ފަޔާ ޕްލޭސް؟ އޯ މައިގޯޑް ދިސް ހައުސް ލުކްސް ލައިކް އެ މެންޝަން......އެންޑް އޫ ދަ ގާޑަން. ސޯ ހިއުޖް އެންޑް ހެވެންލީ.. ދުނިޔެމަތީގެ ސުވަރުގެ..........." އުލާ ކިޔަމުން ދިޔައެވެ. އެކުއްޖާގެ އުފާވެރިކަމާއި ޖޯޝުގެ ސަބަބުން އެހެންމީހުން ތިބީ ހެވިފައެވެ. ފީލިކްސްއާއި ކައިރިއަށްޖެހިލާފައި ސެލްފީއެއްނަގަން އުޅުމުން ފީލިކްސް "ވޮހް ވޮހް" ކިޔާފައި ހަޅޭއްލަވައިގަތެވެ. އުލާ ސިހިފައި ފަހަތަށް ދެތިން ފިޔަވަޅު އަޅާލައިފިއެވެ. އޭރު މާމަ ފިނިވެގެން ރޫރޫއަޅައެވެ. ލައްވާފައި ހުރި ދިގު ޖެކެޓްގެ ބޭރުން ރަޖާއެއް އަޅާލަދިނަސް މި ފިންޏާއި ހަގުރާމަކުރާވަރަށްވުރެ ބަލިކަށްޓެވެ. ނަމަވެސް މާމަވެސް އުފަލުން ހިނިތުންވެލައިގެން ހުރެ މި ބީރައްޓެހި މާހައުލުގެ ރީތިކަމަށް ތައުރީފުކުރިއެވެ. މާމައަށް ހަނދާއި ތަރިތައް އަދި މޫދު ފެންނާނެތޯ ސުވާލުކުރިއެވެ. ގަސްތަކުގައި ރަތްކުލައިގެ ފަތްތައް ހުރެފައި އެވަރަށް ފަތްތައް ފައިބާތީ ސުވާލުކުރިއެވެ. މާމަ ދުވަހަކު ދުށް ޒާތުގެ މަންޒަރުތަކެއް ނޫނެވެ.

"މާމާ އިޓްސް އޯޓަމް. ރާއްޖެހެނެއް ނުވާނެ. އަދި ސްނޯވެސް ފައިބަންފަށާނެ..." އުލާ ފޮނިވެލިއެވެ.

"ދޮންތާ ޕްލިޒް އަވަހަށް ސިމެއް ނަގާދީބަލަ ބޭނުން އިންސްޓާކުރަން.." އުލާ އެދުނެވެ.

ގެއަށްވަދެފައި އެންމެން އެއްކޮށް ކާން ޖައްސައިލިއެވެ. ކާމޭޒުގައި އިށީދެލައިގެން ތިބިއިރު ފްރެންޗު ދޮރުތަކުން ގަސްތައް ފެންނަން އޮތުމުން ހާދަ ނަލައެވެ. އުލާ އިނީ އަނގަ ހުޅުވާލިގޮތަށް ލައްޕާލަންވެސް ނޭގިފައެވެ. ތަށިތަކާއި ޗާންދަލިޔާ އަދި ގޮނޑިތަކަށްދާންދެން އޭނަ ފޮޓޯނެގިއެވެ. ދިގުދަތުރަކަށްފަހު ވަރުބަލިވެފައި ހުއްޓަސް އެކުއްޖާއަށް ލިބިފައިވަނީ ޖޯޝެކެވެ. އޭނަ ބޭނުމީ ކައިގެން ވަގުތުން ބޭރަށް ނުކުމެލާށެވެ. ތަންތަން ބަލައިލަން ދާށެވެ. އޭނަގެ އުމުރުގެ ފިރިހެންކުއްޖަކާއި ރައްޓެހިވާންވެސް ޖެހޭނެއެވެ. ނިއުޔޯކްގައި އުޅޭއިރު ސެލްބްރިޓީއިންނާއި ދިމާވާނެ ވާހަކަ އޭނަވަނީ އަހާފައެވެ. އިންސްޓާ އެއްޗެއްސަށް ފޮޓޯތައްލާން ފެށުމުން އޭނަ ދަންނަ މީހުން ހަސަދައިން ރޫޅޭނެއެވެ. އުލާ ބާޒާރުކޮށްލަންވެސް ބޭނުމެވެ. އަރީން ޓިކެޓްގަންނަން ދިން ފައިސާއަށް އޭނަ ގަންނާނީ ހެދުމާއި މޭކަޕްސާމާނެވެ. އެންމެފަހުން ފޯނު ބާއްވާފައި ކާންވެގެން ތަށިތަކުގެ މަތިތައް ހިއްލާފައި ތައުރީފުކުރަންފެށިއެވެ. ހަލަނިކަމުން އަތުން ޖެހި ތަށިތައް ކިރިޔާ ވިއްސައިގެން ނުދާކަމެވެ. ބީފް ސްޓީކް ކާންވެގެން އަޅާފައި ވަޅިއާއި އުލާ ރަގަޅަށް ބޭނުންކުރަން ނޭނގިގެން ތަށީގައި ވަޅި ތެޅޭއަޑު ގަދަވިއެވެ. އެވަރުންވެސް ބީފްގަނޑު ކަނޑަން ނޭނގި ވިއްސައިގެން އައިގޮތަށް ނަތާލީގެ އުނގުގައި ޖެހުނެވެ. އުލާ ވަގުތުން އެމަސްގަނޑު ނަގާފައި އަލުން ތަށްޓަށް ލައިފިއެވެ.

"އުލާ......." ނަތާލީ ބާރަކަށް އުލާއަށް ގޮވައިލިއެވެ. އުލާ ކަޅި އަޅާލާފައިވެސް މޫނުމަތި ރީތިކޮށްލައިފިއެވެ.

"ކެމީލާ ކޮއްކޮއަށް ރީއްޗަށް ކާންދޭން ދަސްކޮށްދީބަލަ. ޓޭބަލް މެނާސްތައްވެސް. އަހަރެމެން އުލާ ގޮވައިގެން ރާއްޖެއިން މިކޮޅަށް އާދެވުނުއިރު މިކަހަލަ ކިތަންމެ ކަމަކާއި ދިމާވި. ނުހިފެހެއްޓިގެން އުޅެންޖެހުނީ. ކުޑަކުއްޖެއް ގެންނަން ވިނަމަވެސް މާ ބޮލަށް ފަސޭހަވީސްކަން ނޭނގޭ. ކައިގެ އެކުވެރިއެއްގެ އާއިލާއަށްވީމަ ރެސްޕެކްޓްކުރަން އެއްޗެކޭ ނުކިޔާ މިތިބެނީ. އެކަމަކު ދެން. އުލާ. ދައްތަގެ ކައިރިން ބިހޭވްކުރަން ދަސްކޮށްބަލަ................." ނަތާލީ އެއްޗެހި ކިޔައިލިއިރުވެސް އިނީ ހިނިއައިސްފައެވެ. އުލާ ބާރަށް ހިނިގަނޑެއް ޖަހާލައިފިއެވެ.

"ސޮރީ މެޑަމް. އަބަދުވެސް މަންމަ ގޭގައި މި ހަދާ. އެކަމަކު މި އުލާ ވަޅި ތަންކޮޅެއް ކޮށިވީމަ ކަނޑަން އުދަގޫވީ ...." އުލާ ނިކަން މައުސޫމްކޮށް ހީލައިފާ އަތުން ކާންފެށިއެވެ. ކުޅުދިޔާވާހާ މީރެވެ. "ދޮންތި ޑޫ ޔޫ ރިމެމްބާ. މައި ބާތުޑޭގައި މޮމް މޭޑް ދިސް ސްޓަފް..........މިއީ ކޯންޗެއްތަ އައި ފޮގޮޓް ދަ ނޭމް....."

"ބީފް ސްޓީކް...." ނަތާލީ މަލާމާތުގެ ފާޑަކަށް ބުނެލިއެވެ.

"ޔަޕް. ސްޓީކް. ކައިކައި ފޫހިވާވަރަށް ކެވިފައިވާ އެއްޗެއް. މަންމަ ވަރަށް މީރުކޮށް މި ހަދާ.......މި އެހާ މީރެއްނޫން ކާކު ކެއްކީ؟" އުލާ ސުވާލުކުރިއެވެ. މީރު ކެމީލާ އިނީ ލަދުން އިސްއުފުލަން ނުކެރިފައެވެ. އުލާގެ ހުރިހާ ނުބައި ސިފަތައް އިރުގަނޑެއްނުވެ ހާމަކޮށްފިއެވެ. ދޮގުހެދުމާއި ކަޅިއެޅުން އަދި މީހުންނަށް މަލާމާތްކުރުމާއި މަކަރުހެދުމުގައި އޭނަގެ ކޮއްކޮ އެހެން މީހަކަށް ދޫނުކުރާނެއެވެ. އެމީހުން ގޭގައި ސްޓީކް ހެދި ހަނދާނެއް އޭނަ ނެތެވެ. އެހެންމީހުން ކައި ނިމިގެން ނުކުންނާން ދިޔައެވެ. މާމަ ވަރުބަލިވެފައިވާވަރުން ކެމީލާ މާމަ ގެންގޮސް ސިޓިންރޫމްގެ ކައުޗެއްގައި ބައިންދާފައި ކާކޮޓަރިއަށް އެނބުރިއައެވެ. އަދިވެސް އުލާ ކެއުން ހުއްޓާލާކަށް ނޫޅުނެވެ. ފޮނިދެތިން ވައްތަރު ކައިފައި އިނގިލި ލޮވެފައި އެންމެފަހުން އަތްދޮވެލާފައި ތެދުވެ ބަނޑުގައި އަތް ކާއްތާލައިފިއެވެ. ބަނޑުހުރީ ނުކުމެފައެވެ. އުލާ ފޯނު ނަގައިގެން ކުޑަދޮރު ކައިރީ ހުރެ ފޮޓޯނަގަންފެށިއެވެ.

"އިޓްސް ސޯ ބިއުޓިފުލް ދޯ އުލާ. އެކަމަކު ދެން ދޮގުހަދާ ނުބައިކަންތައް ނުކޮށްބަލަ ޕްލީޒް.........."

"އަނގަ ލައްޕާބަލަ ދޮންތީ. ނީމޯގެ ކޮއްކޮއެއް ތަ. ނީމޯ އެގޮތަށް އަނގަ ހުޅުވަ ހުޅުވާފައި އުޅެނީ. ސީރިޔަސްކޮށް މަހަކާއި ވައްތަރު ހަހަ..." އުލާ ހީހީފައި ކެމީލާއަށް ޖެއްސުމެއްކޮށްލިއެވެ. "މަންމަ ކައިރިން އަހަން ޖެހޭނެ ނީމޯއާއި ގުޅުމެއް ހުރިތޯ. ބައިދަވޭ މަންމައަށް ސިއްރުން އެމެރިކާއަށް މިއައީ. މަންމައަކަށް ނޭނގޭނެ އަހަރެމެން ފުރިކަމެއް ދޮންތަ ކައިރިން މަކަރުހަދަން ދަސްކުރީ. އެނީވޭސް އައިމް ހިއާ އެންޑް ދުވަހަކު ދެން އެ ފޫހި ކުޑަ ކޮންޖެސްޓެޑް މާލެއަކަށް ނުދާނަން. އެ ބޯރިން ވިލެޖަށް އުފަންވީކަމަށްޓަކާ ހިތާމަކޮށްފިން. އަހަރެމެން ތިބޭނީ މިގޭގައިތަ؟ "

"ނޫން މިތާ ކައިރީ ހުރި ގެއަކަށް ބަދަލުވާނީ. މާމައާއި އަހަރެމެން ތިންމީހުން އުޅޭނީ އެގޭގައި" ކެމީލާ ބުނެލިއެވެ. އެތަންމިތަނަށް ދާން ޕެކްކުރުން ފަސޭހަނުވިޔަސް އަދިވެސް މިއުޅެނީ އެމެރިކާއަށް އައިފަހުން ހުންނަން ޖެހޭތަނެއް ޔަގީންނުވެފައެވެ. ފޮށިތަކުން އޭނަ ހުރިހާ އެއްޗެއް އަދިވެސް ނުނެރެއުޅެނީ އެހެންވެއެވެ.

ކެމީލާ އޭނަގެ ބައްޕަ ސިޓީއުރައެއް ދިން ހެއްޔޭ އަހައިލުމުން އުލާ ބުނީ ނުދޭކަމަށެވެ. ކެމީލާ އޭނަގެ ބައްޕައަށް ގުޅިއެވެ. ބައްޕަބުނީ ވަގުތެއްވީމަ މެއިލް ކުރާނެކަމުގައެވެ. ކެމީލާއަކަށް އަވަސްކޮށްލަދޭން ބުނާކަށްވެސް ނުކެރުނެވެ. ވަކިން ގެއެއްގައި އުޅެންފެށުމުން ނާޔަލް އުދަގޫކުރަން އަންނާނެ ބާވައެވެ. މާމައާއި އުލާ އުޅޭނެ ނޫންހެއްޔެވެ. ކައިޒާން ބުނީ އެގޭގައި ހުރިހާކަމެއް ކޮށްލަދޭނެ މެއިޑަކުވެސް ހުންނާނެކަމުގައެވެ. ނާޔަލްއަށް ކާމިޔާބެއްނުވާނެއެވެ. ނާޔަލް ފެނުނަސް އޭނަ ބިރުވެސް ގަނެއެވެ. އެހާ ރުޅިއާދެއެވެ. އޭނަ ހުންނަ ތަނަކުން ރައްކާތެރިކަން އިހުސާސެއް ނުކުރެވެއެވެ. ނާޔަލްގެ ރީތިކަމުގެ ފަހަތުގައި ފިލާފައި ހުންނަ ޝައިތާނާ ކޮންމެފަދަ ވަގުތަކުވެސް ހަމަލާދީފާނެހެން ހީވެއެވެ. ކިތަންމެ ރީއްޗަސް ތިމާއަށް ތިމާފެނިފައިވާފަދައެވެ. ފޮނިކަމުގެ އިންތިހާއެވެ. އަބަދު އެންމެ ރީތިކޮށް ސޫޓް އަޅައިގެން ޑޮކްޓަރެއްގެ ގޮތުގައި ހުއްޓަސް ނުރައްކާތެރި މީހެކެވެ.

ކެއުމަށްފަހު މާކަސް މާމައާއި ކެމީލާ އަދި އުލާ ގޮވައިގެން އެމީހުން ދިރިއުޅެން ހަމަޖެހިފައިވާ ގެއަށް ގެންދިޔައެވެ. ގަސްތަކުގެ ތެރޭ ހަދާފައިވާ ހަނި މަގަކުން ދުއްވާލާފައި ދެމިނިޓްވެސް ނުވާނެއެވެ. ނޫކުލައިގެ ފުރާޅެއްލާފައިވާ ހުދުކުލައިގެ ރީތި ކުޑަ ގެއެކެވެ. ނޫކުލައިގެ ބޮޑު ދޮރާށްޓެކެވެ. ކުޑަ ފެންޑާގައި ރޮކިން ޗެއާއެކެވެ. ގެއަށް ވަދެވެނީ ހިމަކޮށް ހުރި ހަތަރު ވަރަކަށް ފަތްތަރު ގިރާކޮށްލާފައެވެ. ގެއާއި ހަޔެއްކަ ފޫޓު ދުރުގައިވާ ގަސްތަކުގެ ގޮފިތައް ފުރާޅުގައި ކޭއްތެއެވެ. އެގަސްތަކުން ވެރިފައިވާ ރަތްކުލައިގެ ކުދި ފަތްތައް މާތަކެއްފަދައިން ވިނަތައް މަތީގައެވެ. ކައިޒާންމެންގެ ފަދައިން ވަށައިގެން ފްރެންޗް ދޮރުތައް ޖަހާ ބޭރު ފެންނާނެހެން ނެތަސް ކުޑަ ސިޓިންރޫމްވެސް އެހާ ހިތްގައިމެވެ. އެފަދަ ކުޑަ ކޮޓެޖެއްގައި އާއިލާއާއިއެކީ ދިރި އުޅެވޭނެ ގޮތެއް ވުމުން ކެމީލާ އުފާވިއެވެ. ނާޔަލްއަށް މިގެއަށް އައިސް ދެނެއް ގޯނާ ނުކުރެވޭނެއެވެ. ކައިޒާން މިގެއަށް ދައުވަތުދީގެން ގެނަޔަސް ނާޔަލްއަކަށް މިގެއަކަށް ނުވަދެވޭނެއެވެ.

މާކަސް އުލާގެ ފޯނަށް ސިމެއް ލައްވާދިނެވެ. އަދި އެގޭގެ ވައިފައި ޕާސްވޯޑްވެސް ބުނެދިނެވެ. މާކަސް ދިޔުމުން ކެމީލާ މާމަ އެނދުގައި ބާއްވާފައި އިލެކްޓްރިކް ރަޖާގަނޑު އަޅާލަދިނެވެ. ކުޑަދޮރުގެ ފަރުދާތައް ކަހާލާފައި ހުރުމުން ބޭރު ފެންނަން އޮތެވެ. އުލާ ކައިރީ އަރާމުކޮށްލަން ޖައްސާލާށޭ ބުނުމުން ކުޑަދޮރު ކައިރި ހުރި ކައުޗްގައި އޮށޯވެލިއެވެ.

"މާމާ މިއީ އެމެރިކާ. ރާއްޖެއިން އެމެރިކާއަށް އައުމުގެ ޝަރަފް ލިބުނު އެންމެ މުސްކުޅި މީހަކަށް މާމަ ވާނީ. މާމަ ފޮނިވާނެކަމެއް ނެތް އިގޭ.........." އުލާ އިންސްޓަގްރާމް ކުރަން އޮވެފައި އެންމެ ކުރިންވެސް ތިމަންނަގެ ނިދާކޮޓަރިން ފެންނަ މަންޒަރޭ ކިޔާފައި ފޮޓޯއެއްލައިފިއެވެ. "ހޭ ކެމް. ކެން ވީ ގޯ ޝޮޕިން ޓުމޯރޯ؟ "

"އޯކޭ......."

"ކޮން މޯލްތަކެއް މިހިސާބުގައި ހުންނާނީ. ކޮންތާކު ސެންޓްރަލް ޕާކް އޮތީ ވޯލްޑް ޓްރޭޑް ސެންޓަރު ބަލައިލަންވެސް ބޭނުން. މިއީ މެންހޭޓްން އޭރިއާތަ؟ އޯ އެމްޖީ އައިމް ގޮނަ ސީ މައި ފެވެރިޓް ނޭޓް ފްރޮމް ގޮސިޕް ގާލް.......ޔިޕީ.... އެންޑް އެނގޭތަ ދޮންތަ ކުޑަކޮށް ވައްތަރޭ ގޮސިޕް ގާލްގައި އުޅޭ ބްލޭކްއާއި. އެހާ އިނޮސެންޓް އެންޑް ފެރެޖައިލް. ކައިޒާން ނޭޓްއާއި ވައްތަރީ. ބުމައާއި ލޯ އަދި ތުންފަތްވެސް.. ހެއަކަޓް....ކައިޒާން މާ އިސްކޮޅުން ދިގީ.......ޓޯލް އެން ހެންސަމް..............."

"ތީ ކެންޑަލް ޖެނާ ދޯ ސޯ މަންމަ ވިހެއީ މުޅިންވެސް ފިލްމީތަރިންނާއި ވައްތަރު ކުދިން. ގޯހެއްނޫން..." ކެމީލާ ހީލިއެވެ.

"މަ މިހާ އެކްސައިޓްވަންޏާ ކާޑިއެކް އެރެސްޓަކަށް އަޅެ ނުދާނެތަ. ދޮންތާ ޔޫ އާ ދަ ބެސްޓް." އުލާ މޫނުގައި ދެއަތުން ހިފަހައްޓައިގެން ކައުޗްމަތީގައިވެސް ނަށައިލިއެވެ.

"އެއްފަހަރުވެސް އުލާ ހަމްދުކޮށްބަލަ ހެއްދެވިފަރާތަށް. ބޭނުންވާ ކަމެއްލިބުނީމަ ޝުކުރުގެ ސަޖިދައެއް ކޮށްބަލަ. ތިހެން އުޅެނިކޮށް އަނބުރާ ތިބުނާ ފޫހި މާލެއަށް ދާންވެޖެއްޔާ ދެންގޮސް ރޮއިފަ ދުޢާކުރަންވީ. އުފާވީމަވެސް ހެއްދެވިފަރާތް ހަދާންކުރޭ ނަމާދުކުރޭ އޭރުން މަރުވީމަ އަދި މިއަށްވުރެ މާ ރީތި ތަންތަނަށް ދެވޭނެ. ސުވަރުގެއާއި ކައިރިކުރާނެތަނެއް ދުނިޔޭގައި ނެތީމަ ބަގީޗާތަކާއި ގަނޑުވަރުތަކުން މިސާލު ޖައްސަވާފައިވަނީ. ޕްލީޒް ނަމާދުކުރަންދޭ." ކެމީލާ ސީރިޔަސްވިއެވެ.

"ޢެއްކަލަ ދޮންތަ ލެކްޗަރ ދޭންފެށީ." އުލާ އިނީ ކަންނެތްވެފައެވެ.

"ނަމާދުނުކޮށް މިގެއަކު ނުހުރެވޭނެ އިނގޭ ރަށުގައި މަންމަ އަންގާހާގޮތަށް އުޅެންޖެހުނަސް މިގޭގައި އޮންނާނީ އަހަރެން ބުނާގޮތަށް ހެދުން. އަޑުއިވޭ؟ އަހަރެން މިދަނީ ވުޟޫކުރަން. ގަޑިންގަޑިއަށް ނަމާދުކޮށް ގުރުއާން ކިޔަވާފައި ދެން އުލާ ބޭނުންކަމެއްކުރޭ ހެޔޮ އެކޮޅުކޮޅުން ތިތާ އެލުވިގެން އޮތަސް..." ކެމީލާ ފާޚާނައަށް ވަނުމުން އުލާ ވައްތަރެއްޖެއްސިއެވެ. ހޭންފެށިއެވެ. ކެމިލާ ބުނާގޮތަށް އޭނަ ހަދާނެއެވެ. ކަންނެތްވިޔަސް ނަމާދުވެސް ކުރާނެއެވެ. ދުޢާކުރީމަ ދުނިޔޭގެ ހުރިހާ އުފަލެއް ލިބޭނެކަން ޔަގީނެވެ.

"ޔަޕް ގޯޑް އިޒް ގްރޭޓް. މަށަށް މިދެއްވި ނަސީބެއް އެހެން މީހަކަށް ނުލިބޭނެ. ދޮންތަވެސް ނަމާދުކުރާތީ ކަން ނޭގޭ މިހެން މިވީ. ޝީޒް ޕްރޮބަބްލީ ރައިޓް......" ހިތާހިތުން އުލާ ކިޔާލައިފިއެވެ.

ކެމިލާއާއި އުލާ އެކީ ނަމާދުކުރުމަށްފަހު މާމަ ވުޟޫކުރުވާ ނަމާދަށް ބޭންދިއެވެ. އިރުކޮޅެއްނުވަނީސް މީހަކު ޓަކިދޭންފެށުމުން ކެމީލާ ބަލައިލިއިރު ނޯޔާއެވެ. އުލާ ދޮރު ހުޅުވާލިއެވެ.

"ވާއު ބައިކްވެސް ދުއްވާލެވޭތަ. ޕްރިޓީ ބައިކް ކެން އައި ރައިޑް؟ " އުލާ ގޮސް ގަހަށް ލައްގާފައި ހުރި ބައިކްގައި ހިފެހެއްޓިއެވެ.

"އާނ ދުއްވާލާ. މިހިސާބުގައި ޓްރެފިކެއް ނެތް. ބޭނުންވަރަކަށް ޖޮގްކޮށް ދުވެ ބައިކް ދުއްވަންވީ.....ހޭއި ކައްމި. މިގެއަށް ބަދަލުވީތަ........." ނޯޔާ ކެމީލާގެ ގައިގާ ބައްދާލިއެވެ. އުލާ ބައިސްކަލަށް އަރާ ދުއްވަން މަސައްކަތްކުރިއެވެ. މާލޭގައި މަޖާކޮށްލާނެ މިފަދަ ފުރުސަތެއް ނެތެވެ. ކުޑަތަންކޮޅެއްގައިވެސް ބައިސްކަލް ދުއްވާފައި އުޅޭނަމަ ހިތްހަމަޖެހުމަކަށް ވާނެއެވެ. ފިލްމުތަކުގައި އަންހެންކުދިން ކުރު ސޯޓުލައިގެން ބައިސްކަލް ދުއްވާއިރު އުލާ ހަސަދަވެރިވެއެވެ. ހޮލީވުޑް ފިލްމުތަކާއި ކޮރެއާ ފިލްމުތަކަށް ދެވިހިފާފައިވާ ކުއްޖެއްކަމުން އެމީހުން އުޅޭގޮތްތަކާ އުލާ ނިކަން ގަޔާވެއެވެ. އެހެން ނޫޅެވިގެން އޭނަ ހުވަފެންތައް ދެކެތާ ކިތަންމެ ދުވަހެކެވެ. އެންމެފަހުން ފުރުސަތެއް ލިބުނީއެވެ. ކެމީލާވެސް ބައިސްކަލް ދުއްވަން ދަސްކުރަން ނޯޔާ އެދުނެވެ. އޭރުން ތިންކުދިންނަށް ދުއްވާލަން ދެވޭނެނޫންހެއްޔެވެ. ނަމަވެސް ކެމީލާ އިންކާރުކުރިއެވެ. އޭނަ ދަސްކުރާނީ ކައިޒާން ކައިރިންނެވެ. ޚާއްސަވާނީ އޭރުންނެވެ. ނޯޔާ އުލާއަށް ދަސްކޮށްދޭން މަސައްކަތްކުރިއިރު ކެމީލާ މަޖާވެފައި ބަލަން ހުއްޓެވެ. އެހެން ހުރިއިރު ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. ކައިޒާންއަށް ޓެކްސްޓްކޮށްލަ ކޮށްލާ ހުރިއިރު ދިރިއުޅުން ފުރިހަމަވަނީކަމުގެ އިހުސާސްކުރެވުނެވެ. ނަމަވެސް ބައްޕަ ސިޓީ ފޮނުވަން ހަދާން ނެތުމުން އެކަމާއި ދެރަވެ ކައިޒާން ކައިރީ ބުނީ އަދި ގުޅައިގެން ބައްޕައާއި ވާހަކަދެއްކުމަށެވެ.

ކައިޒާން: ބޭބީގާލް ކީއްކޮށްލަނީ.

ކެމީލާ: އުލާ ބައިކް ދުއްވަން ދަސްކުރާތަން ބަލަން ގަހަށް ލެނގިލައިގެން. ޝީޒް ސޯ އެކްސައިޓެޑް.

ކައިޒާން:ބޭބީ ދަސްނުކުރާނީތަ؟

ކެމީލާ: ކައި ލައްވާ ދަސްކުރުވަން. މާކް ބުނި ކައި ބައިކް ދުއްވަން ދަސްކޮށްދޭނެއޭ.

ކައިޒާން: އިމޭޖިން އެބަވޭ ބައިކް ދުއްވާލާއިރު ހާދަ ކިއުޓްވާނެއޭ. ބައިކް ޑޭޓަކަށް ކޮންމެހެންވެސް ދާންވާނެ.

ކެމީލާ: އިންޝާﷲ

ކައިޒާން: އިންޝާﷲ

ކެމީލާ: ކައި ކޮންތާކު. ދެކެލާހިތްވެއްޖެ.

ކައިޒާން ވީޑިއޯ ކޯލްޖެއްސިއެވެ. ފްލައިން ކިސްއެއް ފޮނުވާލަމުން ލަވްޔޫ އޭ ބުނެލުމުން ކެމީލާގެ ހިތް ވިރިގެން ފައިބާވަރުވިއެވެ. ކޮންފަދަ އޯގާތެރި ރީތި ހިނިތުންވުމެއްހެއްޔެވެ. ހާދަ ލޯބި ލޯތްބެކެވެ. އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއްނުވެ އެދެމީހުންގެ ހުރިހާ ހުވަފެންތަކެއް ފުރިހަމަވާނެއެވެ. ކެމީލާ ފޯނަށް ބަލަހައްޓައިގެން ހެވިފައި ހުއްޓާ ނޯޔާ ގަސްތަކުގެ ތެރެއިން ވަދެގެން އައިގޮތަށް ލޮލުގައި އަތްއެޅުމުން ބިރުން ހަޅޭއްލަވައިގަނެވުނެވެ. ފޯނުވެސް އަތުން ދޫވިއެވެ. ނަސީބަކުން ފޯނު ޖެހުނީ މަޑުމަޑުފަތްތަކުގެ ދާނުގައެވެ. ކައިޒާން ދިން ފޯނެއްކަމުން އޭނަ ޚާއްސަގޮތެއް ބަހައްޓައެވެ. ކައިޒާން ވީޑިއޯ ކޯލުކޮށްގެން ހުރުމުން ވާހަކަދައްކަނީ ކާކާކަން ނޯޔާއަށް ރަގަޅަށް އެނގުނެވެ. ނަމަވެސް އެކަން ދެނެހުރިކަމަކަށް ނެހެދިއެވެ. ނޯޔާ ހިތްހަމަނުޖެހުނުކަން މޫނުމަތިން އެނގުނެވެ. އެހާވަރަށް ބުނެދިނީމަވެސް ސިއްރުސިއްރުން ކައިޒާންއަށް ގުޅަނީއެވެ. ނޯޔާ ލިބުނު އެކަނިވެރި ފުރުސަތުގެބޭނުން ހިފާ ކެމީލާއާއި ނާޔަލް ގުޅުވަން ވާހަކަދެއްކިއެވެ. ނާޔަލްއަކީ ބިލިއަނަރެއްކަން ހަނދާންކޮށްލަދިނެވެ. ސްވިޒަލޭންޑާއި ފްރާންސްގައި ހުންނަ ނާޔަލްގެ ގެއަށް ގޮސްފިއްޔާ ކެމީލާ ހަމަ މޮޔަވާނެއޭ ބުންޏެވެ. ނިދާ ކޮޓަރިން ސްނޯއިން ހުދުވެފައިވާ ފަރުބަދަތައް ފެންނައިރު އެރީތިކަން ބަޔާންކޮށް ނުދެވޭނެކަމަށާއި ނާޔަލްއާއި ގުޅިގެން ހުރިހާ އުފާތަކެއް ހޯދަން ފަށްފަށުން ބުނެދިނެވެ. ހަނީމޫން އެކަހަލަ ތަނެއްގައި ހޭދަކޮށްލެވޭނީ ނަސީބުވެރި އަންހެންކުއްޖަކަށޭ ބުނެލިއެވެ. ކެމިލާ ބުނީ އެކަމާއި ވިސްނާނެކަމުގައެވެ. ނޯޔާ ހިތްހަމަޖައްސައިލަން އެހެން ބުނެލިކަމުގައިވިޔަސް އޭނަ އުމުރު ހުސްވަންދެން ވިސްނިޔަސް ނާޔަލްއަށް ދޭން އޮތީ އެއްޖަވާބުކަން އެނގެއެވެ. އޭނަ ނާޔަލްއަކާއި ނުގުޅޭނެއެވެ. ނޯޔާ އަބަދު ނާޔަލްގެ މުއްސަދިކަން ހިތަށް ވައްދާދޭން އުޅޭތީ ކެމީލާ ރުޅިއަންނަ ގޮތްވެސްވެއެވެ. އޭނައަކީ އެކަހަލަ އަންހެންކުއްޖެއް ނޫންކަން ހަމަ ނޯޔާއަށް ނޭގެނީބާވައެވެ. ނާޔަލްގެ ފެންވަރު އަންހެންކުއްޖަކު ނުހޯދާ އޭނަފަދަ ނިކަމެތިކުއްޖަކު ހޯދުމުގެ ބޭނުމެއް ނޭގެއެވެ.

އެރޭ ފިނިގަދަކަމުން ކެތްކުރެވޭވަރެއްނުވެއެވެ. ކަށިގަނޑުތެރެއަށްވެސް ފިނިވަދެ ގަނޑުކޮށްލަފާނެފަދައެވެ. ކެމީލާ ބޮޑު އަލިފާންގަނޑެއް އަންދާލައި ކެމީލާގެ މާމަ ފެންޑާގައި ހުރި ރޮކިން ޗެއާއެއްގައި ބޭންދިއެވެ. އުޑުމަތީގައި ތަރިތައް ވިދާބަބުޅަމުންދާތަން އޭނަ ދެއްކިއެވެ. މާމަގެ ލޮލުން ކަރުނަ އަންނަންފެށިއެވެ. ކެމީލާ މާމަގެ ގައިގާ ބައްދާލައިގެން އިންއިރު އޭނަގެ ހިތަށްވެސް ބުނަންނޭގޭފަދަ ހަމަޖެހުމެއް ލިބުނެވެ. މާމައަށްޓަކާ ކަމެއްކޮށްދެވިއްޖެއެވެ. އެ ކޮށްޓެއްފަދަ ހުރަގެއިން ނުކުމެވި ތަނަވަސް މާހައުލަކަށް ނޭވާލުމުގެ ފުރުސަތު ހޯދަދެވިއްޖެއެވެ. މާމަގެ އުއްމީދުތައް ފުރިހަމަކޮށްދެވިއްޖެއެވެ.

ކައިޒާން މެދުވެރިވެގެން އުލާ ޕްރައިވެޓް ސްކޫލަކަށް ވަންނަން ފޯމުލިއެވެ. ބެލެނިވެރިޔެއްގެ ވާޖިބު އަދާކުރަން ކެމީލާ ތައްޔާރުވިއެވެ. އުލާގެ ހަލަނިކަމާއި މިޒާޖު ހުންނަގޮތުން ނުބައި ގޯޅިއެއް އަޅާފާނެތީ ބިރުގަތަސް މާލޭގައި ބެހެއްޓޭކަށްނެތެވެ. އުލާއަށް ދެރަގޮތެއް ވެއްޖެއްޔާ ޒިންމާނަގަން ހުރި މީހަކީ އޭނައެވެ. އުލާއަށް ކޮންމެ ދުވަހަކު ނަސޭހަތްދޭނީއެވެ. ގޯސްކޮށް އުޅެގެން ދިމާވެދާނެ ދެރަގޮތްތަކަށް ހޭލުންތެރިކުރުވާނީއެވެ. ކިޔަވަން ނޫންގޮތަކަށް ސްކޫލަށް ނުފޮނުވާނީއެވެ. ޕާޓީތަކަށް ގޮސް ހިތަށް އެރިގޮތަކަށް އުޅެންޏާ އަރީން ހަދާނެގޮތެއް ހަދަން މާލެ ފޮނުވާލާނީއޭ ބުނެ އިންޒާރުކުރީމަ އުލާ ހާސްވާނެއެވެ. ކަންތައް ހަމަޔަކަށް އެޅުނީމަ އޭނަގެ މަންމައާއި ބައްޕަވެސް ގެންނާނީއެވެ. އެހިސާބުން އުލާގެ ޒިންމާއިން ސަލާމަތްވެވިދާނެއެވެ.

މާމައާއި ކޮއްކޮ އުލާއާއިއެކު ވަކި ގެއެއްގައި ދިރިއުޅެން ފެށުމުން ކެމީލާ ހުންނަނީ ނިކަން އުފަލުންނެވެ. ކައިޒާން ކޮންމެ ދުވަހަކު ޖޫލް ސްކޫލް ނިމުމުން އެގެއަށް ގެނެސް ކެމީލާއާއި ހަވާލުކުރެއެވެ. ކުޑަ ގެއެއްގަ ނަމަވެސް ވެރިކަން ކުރަން ލިބުމުން ކެމިލާ އެގެ ޒީނަތްތެރިކުރަންފެށީ އިސްލާމީވަންތަކަން ހިމެނޭގޮތަށެވެ. އިސްމުފުޅާއި ގުރުއާނުގެ އާޔަތްތައް ހިމެނޭ ފްރޭމްތަކުން ފާރުތައް ފުރިހަމަކުރިއެވެ. ފާރުގައި ތަތްކޮށްފައި ހުންނަ ފަތިޓީވީއިން އުލާ ބޭނުމިއްޔާ ސީރީޒްތައް ބަލަންވީއެވެ. ނަމަވެސް ޖޫލް ނޫޅޭގަޑީގައެވެ. މަޣުރިބާއި އިޝާއާ ދެމެދު ޖައްސާފައި ހުންނަނީ ގުރުއާނެވެ. ރޭގަނޑު އަވަހަށް ނިދާފައި ފަތިހުވެސް ހޭލަންވާނެއެވެ. ގޭތެރޭ ކަންތައްތަކުގަޔާއި ކެއްކުމުގައި އުލާވެސް އެހީވާންވާނެއެވެ. އެހުރިހާ ޝަރުތުތަކަށް އުލާ އެއްބަސްވީ އެމެރިކާގައި ހުރެވޭނީ ކެމީލާގެ ބަސްގަބޫލުކޮށްގެން އެނގިހުރެއެވެ. ދޮންތަގެ އިހުސާންތެރިކަމުގެ ތެރެއަށް ގެނބިފައިވާވަރުން ކެތްތެރިވެ މަޑުން ހުންނަން މަޖުބޫރުވެފައިވެއެވެ.

ފަތިސް ނަމާދުކޮށްލައިގެން ކުޑަކޮށް ނިދާލާފައި ހޭލެވުނުއިރު ފިނިގަދަކަމުން ރޫރޫއަޅާގޮތްވިއެވެ. މުޅި ހަށިގަނޑުގެ ހިއްސުކެނޑިފައިވާފަދައެވެ. ގަނޑުފެނެކޭ ތަފާތެއްނެތެވެ. ކޮންމެ ދުވަހަކު މޫސުމް ލަފާކުރާގޮތް ބަލައިލާއިރު އިންނަނީ ސްނޯވެހޭނެކަމަށެވެ. އެކަމަކު އެހެން ކިޔާތާ ހަފްތާއެއްވީއިރުވެސް ސްނޯކޮޅެއް ފެނިލާގޮތެއްނުވިއެވެ. އެންމެ ގިނަ ދޮގުހަދައިގެން ވަޒީފާ ނުގެއްލޭ ހަމައެކަނި ބަޔަކީ މީޓިރިއޮލޮޖީގައި އުޅޭމީހުންނެވެ. ކެމީލާ ކަންނެތްވެފައި އޮވެފައިވެސް ތެދުވެ ރޫދެމިލައިފިއެވެ. އެންމެކުރިންވެސް އޭނަ މާމަގެ ހާލުބެލިއެވެ. އިލެކްޓްރިކް ރަޖާގެ އަރާމު ހޫނުކަމުގައި ހީފިލުވާލައިގެން މާމަ ގަދަނިދީގައި އޮތްތަން ފެނުމުން ކެމީލާ ހިނިތުންވެލިއެވެ.

"އަހަރެން ބޭނުމީ ހޫނު ޗޮކްލެޓް ތަށްޓަކާއި ޕެންކޭކު............" ކެމީލާ މަޑުފައިވާނަށް ފައި ކޮށްޕާލަމުން ތެދުވެގެން ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ. ޗޮކްލެޓްތަށި ތައްޔާރުކޮށްގެން ރަހަ ބަލައިލިތަނާ މީހަކު ޓަކިދޭންފެށިއެވެ. ނާސްތާ ތައްޔާރުކޮށްލަން ޑެއިޒީ އެގަޑިއަށް އަންނާނެއެވެ. ބަލާވެސް ނުލާ ދޮރު ހުޅުވާލުމާއިއެކު ސިހޭގޮތްވިއެވެ. ދޮރުމަތީގައި ހުރީ ނާޔަލް ފިޔަވާ ދެވަނަމީހެއް ނޫނެވެ. ހަފޫޓު ހަ އިންޗީގެ ދިގު އިސްކޮޅު ފެނިލިޔަސް ކެމީލާ ސިހި ޖެހިލުންވާގޮތްވެއެވެ. ހަށިގަނޑަށް މުށިކުލައިގެ ޓީޝާޓަކާއިނޫ ޖިންސަކާއިއެކު ކާޑިގަންއެއްލާފައި ސްކާފެއް އަޅައިގެން ހުރުމުން ނިކަން ސްމާޓެވެ. ބިލިއަނަރެއްކަން އެމޫނަށް ބަލައިލުމުންވެސް އެނގެއެވެ. އެހާ ފޮނީ ޅައިރު ދުނިޔެ މުށުތެރޭ ލެވުމުންނެވެ. ނަމަވެސް ރުޅިގަދަވަނީ ހުރިހާ އެއްޗެއް ލިބިފައި ހުރެވެސް ކެމީލާ ހާސިލުނުކުރެވިގެންނެވެ. މޫނުމަތީ ދޮރު ލައްޕާލަން އުޅުނަސް ނާޔަލް އެއަށްވުރެ ހުޝިޔާރެވެ. އަތް ދޮރުދޭތެރެއަށް ލެއްވިއެވެ. ނާޔަލްގެ މޫނުމަތިވަނީ ކޮންމެވެސް ވަރަކަށް ރަތްވާގޮތްވެފައެވެ. ފިނިގަދަކަމުން ކަންނޭނގެއެވެ.

"އަހަންނާއިއެކު އާދެބަލަ.. ނޫނީ...." ނާޔަލް މަޑުމަޑުން އެއްޗެކޭ ބުނެލުމުން ކެމީލާގެ މޫނު ހުދުޝީޓެއްހެން ވެގެން ދިޔައެވެ. އަނބުރައިގެންފާނެހެން ހީވިއެވެ. އިންޒާރުދޭން މޮޅެވެ. ބަޑި ނަގާފައި ކެމީލާގެ މޫނުގައި މަޑުމަޑުން ކާއްތާލުމުން އޭގެ ފިނިކަމާއި އެއްވަރަށް ނުރައްކާތެރިކަންވެސް އިހުސާސްވިއެވެ. ނާޔަލް ފެނުމާއިއެކު ރަތް އެލާޓުން ސިކުނޑި ދިއްލި ނުރައްކާތެރިކަން އޭގެ އެންމެ މައްޗަށްދެއެވެ. މިފަހަރު އެހެން ހުރިހާ ފަހަރަކަށްވުރެ ނާޔަލްދެކެ ގަތް ބިރު އިންތިހާއަށް ބޮޑުވިއެވެ. މުޅި ހަށިގަނޑުގައި ފިނި ރާޅުތަކެއް ދުވެލިއެވެ.

"ވަޓް ޑޫ ޔޫ ވޯންޓް..." ކެމީލާ ހިންދިރުވައިލިއެވެ.

"ހާދަ ސުވާލު ގިނައޭ ކެޓް. މާ ގިނަ ވާހަކަ ނުދައްކާ.........." ނާޔަލްގެ މޫނުމަތިން އެއްވެސް ޝުއޫރެއް ފާޅެއްނުވެއެވެ.

"ފިނިގަދަކަމުން ކޯޓު ނުލާ ނުދެވޭނެ. މިދަނީ......."ކެމީލާ އަނެއް ފަރާތަށް އެނބުރުނެވެ.

"އަހަރެން ހުއްޓާ ފިނިވިޔަކަ ނުދޭނަން. ލެޓްސް ގޯ. އަހަންނަށް ޓައިމެއް ނެތް އިނގޭ"

ނާޔަލް ބުނާއިރަށް އޭނައަށް ދެވޭހެއްޔެވެ. މާމައަށް ސައި ދީ ގޭގައި ކުރަންޖެހޭ އެހެން ކަންތައްވެސް އެބަހުއްޓެވެ. ޑެއިޒީގެ ބޮލަށް ހުރިހާކަމެއް ދޫކޮށްލާފައި އޭނައަކަށް ނުހުރެވޭނެއެވެ. އުލާއާއި މާމަ އެކަނި ދޫކޮށްލާފައި ދުރަށް ދިޔުމަކީ އަދި ރަގަޅުކަމަކަށް ނުވާނެއެވެ. އުލާ ފޯރިއާއި ޖޯޝުގައި ގެއިން ނިކުންނަގޮތަށް މިއޮތް ބޮޑު ނިއުޔޯކް ސަރަހައްދަށް ގެއްލިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ. އޭނަ އަކީ ޒިންމާތަކެއް ނަގަން ޖެހިފައިވާ މީހެކެވެ.

"ކޮންތާކަށް އަހަރެން ގެންދަނީ. ކޮބާ ބޭނުމަކީ. ޕްލީޒް ޑޯންޓް ޑޫ ދިސް ޓު މީ ޑޮކްޓަރ ނާޔަލް..." ކެމީލާގެ ލޮލުގައި ކަރުނަ ތިކިތައް ވިދަންފެށިއެވެ. އޭނަ ނުދާންވެގެން ދެފައި ވިއްދައިލިއެވެ. ނަމަވެސް ނާޔަލްފަދަ ބާރުގަދަ ޒުވާނެއްގެ ކައިރީ އޭނައަކަށް ކުރިއެއް ނުލިބުނެވެ. ދާދި ފަސޭހައިން އޭނަ ކެމީލާ އުފުލައިލިގޮތަށް ލުއިބުދެއްހެން ގެންގޮސް ކާރަށް އެރުވިއެވެ. އަދި އޭނަ ލައިގެން ހުރި ކޯޓު ލައްވާދިނެވެ. އެކޯޓުގައި ހިފާލާފައިވީ އަގުބޮޑު ސެންޓެއްގެ ލުއި ވަހެވެ. ސިކުނޑި ތާޒާވާފަދަ މީރުވަހެއް ނޭފަތުގައި ހިފައިލިއެވެ.

އެހެންދުވަހާއި ތަފާތު މިޒާޖެކެވެ. މިވެސް ބައިޕޯލާ މީހަކީހެއްޔެވެ. ކުރިން ރުޅިގަދަވިޔަސް މިފާޑެއް ނޫނެވެ. އަނގައިން ނުބުނެ ކާރު އުދުއްސާލުމުން އަދި ގަނޑުފެނުގެ އަސަރު އެކުލެވޭ ވައިރޯޅިތައް މޫނުގައި ބީހިލަންފެށުމުން ހީކަރުވާގޮތްވިއެވެ. ދުރުދުރަށްދާންދެން އޮތީ ދުންފިނި ހިފާފައެވެ. ކެމީލާ ނޭވާ ހިފަހައްޓާލައިގެން އިންއިރު ދެލޮލުގައިވާ ކަރުނަވެސް ގަނޑުވެފައިވާފަދައެވެ. ކާރު މަޑުކޮށްލީ ނާޔަލްގެ ފަރުބަދަމަތީ ގެއަށެވެ. ކެމީލާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތައް ޖަހަންފެށިއެވެ. މިގެއަށް ނާޔަލް މިގެނައީ ކޮން މަގުސަދެއްގައިބާވައެވެ. ސިޓިންރޫމްގައި ތިބި ބަޔަކު ނާޔަލްއަށް ގޮވާ ވާހަކަތަކެއް ދެއްކުމަށްފަހު ކެމީލާގެ ކައިރިއަށް އައިސް ރަންކިޔާނީ ކިތައް ރުފިޔާއަށް ހެއްޔޭ އަހާލައިފިއެވެ. މިއީ އަނެއްކާ ކައިޒާންއާއި ނާޔަލްގެ ރޭވުމެއްހެއްޔެވެ. ކައިޒާންވަނީ ސަޕްރައިޒެއް ދޭނެކަމަށް ބުނެފައެވެ. ކެމީލާގެ ހިތަށް ކުޑަ ހަމަޖެހުމެއްލިބުމާއިއެކު ވިސްނާލާފައި އެއްމިލިއަން ޑޮލަރުކަމުގައި ބުނެލައިފިއެވެ. އެހާވަރަށް ބުނީ ކައިޒާންގެ އެދުމަށެވެ. ކައިޒާން ބުނެފައިވަނީ އެންމެ މަދުވެގެން އެވަރަށް ނުކިޔަންޏާ އޭނަ ދެރަވާނެކަމުގައެވެ. އެ އަގު ބުނެލުމުން ނާޔަލް ފާޑަކަށް ހީލިއެވެ. އަދި އޭނައާއިއެކު އަންނާށޭ ބުނެލައިފިއެވެ.

"ނާޔަލް. ކައިޒާން ކޮބާތަ؟ ޕްލީޒް ޓެލް މީ ވަޓްސް ގޮއިން އޮން......." ކެމީލާ ކޮރިޑޯއިން ހިނގައިގަތެވެ.

"ކައިޒަން އެބައުޅޭ. މިހިރީ ކެމީލާ ކުރިންވެސް އުޅޭ ކޮޓަރި. މިތާހެދުންތައްވެސް ހުންނާނެއްނު. ކައިވެންޏަށް ތައްޔާރުވެގެން ނުކުމޭ..މިހާރު ގާޒީން އަންނާނެ. ކެމީލާގެ ބައްޕަ ވަލީގެ ސިޓީ ފޮނުވައިފި.........." ނާޔަލް ބުނެލައިފިއެވެ. އިތުރު އެއްޗެއް ނުބުނެ އޭނަ ނުކުތުމުން ކެމީލާގެ ހިތް އުފަލުން ނަށައިލިއެވެ. ނާޔަލް އޭނަ ބަލާ ދިޔައީ ކައިޒާން ފޮނުވައިގެންނެވެ. ބައްޕަ ވަލީދީފައި ސިޓީ ފޮނުވީއެވެ. ނާޔަލް އެހާ ރުޅިގަދަވެފައި ހުރި ސަބަބު އަދި ކިރިޔާ މިއެނގުނީއެވެ. ކުރާނެކަމެއްނެތެވެ. އޭނައަށްވެސް ދެ ފިރިހެނުންނަކާއި ކައިވެންޏެއް ނުކުރެވޭނެ ނޫންހެއްޔެވެ.

(ނުނިމޭ... )

comment ކޮމެންޓް