ޕާކިސްތާނުގެ ހަތް ސްޕެޝަލިސްޓު ޑޮކްޓަރުންނާއެކު ހެލްތު ކޭމްޕެއް ފަށަނީ

އައިޖީއެމްއެޗް ހޮސްޕިޓަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕާކިސްތާނު އެމްބަސީން އިސްނަގައިގެން ޕާކިސްތާނުގެ ހަތް ސްޕެޝަލިސްޓު ޑޮކްޓަރުންނާއެކު ހެލްތު ކޭމްޕެއް ފަށަން ތައްޔާރުވެއްޖެއެވެ.

މާދަމާ ފަށާ މި ހެލްތު ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. މާލޭގެ އިތުރުން ބައެއް އަތޮޅުތަކުގައި ވެސް މި ކޭމްޕު ކުރިއަށްދާނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ޕާކިސްތާނު ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ ހެލްތު ކޭމްޕުގައި ބައިވެރިވެލައްވާނެ ޑޮކްޓަރުންނަކީ ތަޖުރިބާކާރު ޑޮކްޓަރުން ކަމަށާއި މި ކޭމްޕު މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދައްކައި ޑޮކްޓަރުންގެ ލަފާ ހޯދޭނެ ކަމަށެވެ.

ހެލްތު ކޭމްޕު ކުރިއަށްދާނީ އައިޖީއެމްއެޗުގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލް، ހއ. އަތޮޅު ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ފ. އަތޮޅު ހޮސްޕިޓަލް، ދ. އަތޮޅު ހޮސްޕިޓަލް އަދި ތ. އަތޮޅު ހޮސްޕިޓަލުގައެވެ.

ކޭމްޕުގައި ބައިވެރިވެލައްވާ ޔޫރޮލޮޖިސްޓާއި، އުރަމަތީގެ ސާޖަން، ކާޑިއޯ ތޮރެސިކް ސާޖަން އަދި ނިއުރޯ ސާޖަން ބައްލަވާނީ އައިޖީއެމްއެޗުގައެވެ. ދެން ތިއްބެވި ޑޮކްޓަރުން ބައްލަވާނީ ކަނޑައެޅިފައިވާ ހޮސްޕިޓަލުތަކުގައެވެ.

މި ކޭމްޕުގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުން ނަންނޯޓުކުރުން މިހާރު ކުރިއަށް އެބަދެއެވެ.

comment ކޮމެންޓް