ޕްރިޔަންކާގެ ފޮލޮވަރުންގެ އަދަދު 25 މިލިއަނަށް އަރައިފި

ބަތަލާ ޕްރިޔަންކާ---

އިންސްޓަގްރާމްގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފޮލޯ ކުރާ މީހުންގެ އަދަދު 25 މިލިއަނަށް އަރައިފިއެވެ.

އެއާއެކު ޕްރިޔަންކާ މިވަނީ އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ބޮލީވުޑް ފަންނާނުންގެ މަގާމު ހޯދައިފައެވެ.

ޕްރިޔަންކާގެ ފޮލޮވަރުންގެ އަދަދު 25 މިލިއަނަށް އެރި އިރު، އޭނާ އާއި އެންމެ ވާދަވެރި ބަތަލާ ދީޕިކާ ޕަދުކޯން ފޮލޯ ކުރާ މީހުންގެ އަދަދު އުޅެނީ 24.9 މިލިއަންގައެވެ.

އިންސްޓަގްރާމްގައި ޕްރިޔަންކާ ކުރި ހޯދި އިރު، މިދިޔަ މާޗު މަހު އިންޑިއާގައި ފުރަތަމަ ފަހަރަށް ދިން އިންސްޓަގްރާމް އެވޯޑްސްގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ފަންނާނުގެ އެވޯޑު ހޯދީ ދީޕިކާއެވެ.

ދީޕިކާގެ އިތުރުން ޕްރިޔަންކާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (23.5 މިލިއަން)، މެގަސްޓާ އަމީތާބް ބައްޗަން (9.5 މިލިއަން)، ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީ (22.7 މިލިއަން) ގެ އިތުރުން ތިން ޚާނުން ވެސް ފަހަތަށް ޖައްސާލައިފައެވެ.

އިންޑިއާގެ "ދޭސީ ގާލް" ޕްރިޔަންކާ ވަނީ 25 މިލިއަން ފޮލޮވަރުން ހަމަވުމާ އެކު އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ޕްރިޔަންކާ އަކީ އިންސްޓަގްރާމް އަދި ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ސަޕޯޓަރުންނާ ބަދަހި ގުޅުމެއް ބާއްވަމުން އަންނަ ފަންނާނެކެވެ.

ކުރީގެ މިސް ވޯލްޑް ޕްރިޔަންކާ މިހާރު ހޮލީވުޑް ފަތަހަ ކުރަމުން އަންނަ އިރު، އެންމެ ބާރަށް ދެކެވޭ ވާހަކަ އަކީ އޭނާ އާއި ހޮލީވުޑް ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސްގެ ގުޅުމުގެ ވާހަކަ އެވެ.

comment ކޮމެންޓް