ފޯކައިދޫ އަތުން ވިކްޓަރީއަށް ހަނި މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީއާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިކްޓަރީ މޮޅުވީ 2-1ގެ ނަތީޖާއަކުން -- ފޮޓޯ/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހަނި ތަފާތަކުން ށ. ފޯކައިދޫ އަތުން ވިކްޓަރީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފޯކައިދޫގެ މައްޗަށް ވިކްޓަރީން ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރިން ވިކްޓަރީ ކުޅުނު މެޗުގައި ބ. ފެހެންދޫ އަތުން އެއްވަރުފައިވާ އިރު، ފޯކައިދޫގެ ފުރަތަމަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް އަތުން ވަނީ އެއްވަރުވެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީއާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިކްޓަރީ މޮޅުވީ 2-1ގެ ނަތީޖާއަކުން -- ފޮޓޯ/ އެފްއޭއެމް

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން ވަނީ ފޯކައިދޫގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ވިކްޓަރީން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި ލީޑު ހޯދައިފައެވެ. ޗަކަލޯވް ފިރްދޯސް ނަގައިދިން ކޯނަރަކުން ވިކްޓަރީއަށް ލީޑު ހޯދައިދިނީ ޑާލް ކިމް އެލްގާޑެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފޯކައިދޫގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އެ ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް، ވިކްޓަރީގެ އެލްގާޑަށް އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. އެލްގާޑް ފޮނުވާލި ހިލޭ ޖެހުން، ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބް ވަނީ ދިފާއުކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީއާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިކްޓަރީ މޮޅުވީ 2-1ގެ ނަތީޖާއަކުން -- ފޮޓޯ/ އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ފޯކައިދޫން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މުހައްމަދު ޖައިލަމް ދިން ބޯޅައަކުން ފޯކައިދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޚަލީލް ގަމާލްއެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ކުރީކޮޅު ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ މުސްތަފާ މުހައްމަދަށް ލަނޑުޖަހާނެ ތިން ފުރުސަތެއް ލިބިގެންދިޔައެވެ. އޭގެ ތެރެއިން ދެ ހަމަލާއެއް ގޯލާ އަމާޒުވެފައިނުވާ އިރު، އަނެއް ހަމަލާގެ ހުރަހަކަށްވީ ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީއާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވިކްޓަރީ މޮޅުވީ 2-1ގެ ނަތީޖާއަކުން -- ފޮޓޯ/ އެފްއޭއެމް

ވިކްޓަރީގެ ހަމަލާތަކަކަށްފަހު އެޓީމުން އަލުން ލީޑު ހޯދީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދު (އައްމަޑޭ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފޯކައިދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން ސައިމަން ޓިބޯ ފޮނުވާލި ހަމަލާއެއް ކީޕަރު ހަނީފް ސާގިބް ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ.

ލީގު މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އާދީއްތަ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި ބ. ފެހެންދޫއެވެ.

comment ކޮމެންޓް