12 މެންބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ހުކުމް

ސްޕްރީމް ކޯޓު: 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމަރު ބާތިލު ކުރުމަށް ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މައްސަލަ ނިންމުމުގެ ގޮތުން ހުކުމް ކުރުމެވެ.

މިއަދުގެ އަޑުއެހުން ފައްޓަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ އެ އަޑުއެހުން ބާއްވަނީ ކުރިން މައްސަލަ ބެއްލެވި ބެންޗަށް ބަދަލު އައިސްފައިވާތީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ކަމަށެވެ.

ކުރިން ބެންޗުގައި ތިބީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ތިން ފަނޑިޔާރުންގެ އިތުުރުން އަލަށް ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ އެ މައްސަލަ ބައްލަވާ ބެންޗަށް އިތުރުކޮށްފަ އެވެ.

ގޮޮނޑި ނުގެއްލޭ ކަމަށް އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުން އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑިގެއްލޭ ގޮތަށް މީގެ ކުރިން ހުކުމް ކުރި ނަމަވެސް އެކަމާ ގުޅޭ ގާނޫނު ފާސްކުރެވިފައި ނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މެންބަރުންގެ ގޮނޑިގެއްލިއްޖެ ކަމަށް ނިންމައި އެ މެންބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ހެދުމުގެ ސަބަބުން ގައުމުގެ މަސްލަހަތު ގެއްލިގެންދާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.

ނަމަވެސް އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަނީ ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނު ފާސްކޮށްފަ އެވެ. އަދި އެ ގަނާނޫނު ސައްހަކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުން ކަމެއް ނުވަތަ ނުގެއްލޭ ކަމެއް ވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި މީގެ ކުރިން ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެ އެވެ.

ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މެންބަރުން؛

  1. މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު
  2. ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު
  3. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު
  4. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
  5. ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް
  6. މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
  7. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު
  8. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
  9. ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ
  10. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)
  11. ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ
  12. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
comment ކޮމެންޓް