އައްޑޫ ސިޓީގެ ތަރައްގީއަށް މި ސަރުކާރުން 700 މިލިއަން ރުފިޔާ ހަރަދުކޮށްފި

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އައްޑޫގައި އެޅި ފްލެޓްތައް--- ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީގެ ތަރައްގީ އަށް މި ސަރުކާރުން 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ސަން ޓީވީގެ "އިތުރު ކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަބްދުﷲ ޒިޔާދު ރޭ ވިދާޅުވީ އެ ސިޓީގައި ޕަބްލިކް ވޯކްސްގެ ޔުނިޓެއް ގާއިމް ކުރެވުމުން މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެފައިވާ ކަމަށެވެ.

އައްޑޫ ސިޓީ އަށް ގެނެސްފައިވާ ތަރައްގީގެ ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އެ ސިޓީގެ ރަށްތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ނިމުމަކާ ކައިރިވެފައިވާ ކަމަށާއި ފޭދޫގެ ބިންހިއްކުން ނިމި ރިވެޓްމެންޓުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"ދުއިސައްތަ ފަސްދޮޅަސް ހަތަރު ފްލެޓު ހިތަދޫގައި ވާނީ ޤާއިމް ކޮށްފައި، އޭގެ ހުރިހާކަމެއް ނިމި ފްލެޓު ލިބޭ މީހުން ކަނޑައެޅުން ވަރަށް އަވަހަށް އޮންނާނެ. ފްލެޓަށް އެދި ހުށަހެޅި ދެބައިކުޅަ އެއްބައި މީހުންނަށް ފްލެޓު ލިބޭނެ." ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި 2011 ވަނަ އަހަރުގެ ސާކް ސަމިޓު ބޭއްވުމަށް އެޅި ކޮންވެންޝަރު ސެންޓަރު އެޅުމަށް އެ ސަރަހައްދުން ނެގި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެ ސަރަައްދުން 700 އަށް ވުރެ ގިނަ ގޯތި އޭރު ނަގާފައިވާ އިރު، މި މަސް ނިމުމުގެ ކުރިން އެ ހުރިހާ ގޯއްޗެއް ދޫކޮށް ނިމޭނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

މީގެ އިތުރުން ޒިޔާދު ވިދާޅުވީ އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް އީސީސީގައި ގާއިމް ކުރުމުގެ މަސައްކަތް ވެސް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

comment ކޮމެންޓް