ހުޅަނގު އައްސޭރީގެ އަވަށެއް ހުސްކުރުމުގެ މަސައްކަތް އިސްރާއިލް ފުލުހުން ފަށައިފި

ޚާން އަލް އަހުމަރު ހުސް ކުރުމާ ދެކޮޅަށް ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފައި -- ފޮޓޯ: ރޮއިޓާސް

ގުދުސް (ޖުލައި 5): އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށަކުން މީހުން ހުސްކޮށް، އެއަވަށުގައި މީހުން ދިރިއުޅޭ ހުރިހާ ތަނެއް ހަލާކު ކުރުމުގެ މަސައްކަތް އިސްރާއިލް ފުލުހުން ފަށައިފި އެވެ.

ޚާން އަލް އަހުމަރު ކިޔާ އެއަވަށަކީ ގާތްގަނޑަކަށް 180 ބަދަވީން، ޓިނާއި ފިލައިން ހަދާފައިވާ ގެތަކުގައި އުޅޭ އަވަށެކެވެ. އަދި އެއަވަށް އޮންނަނީ އިސްރާއީލުން ޔަހޫދީން އާބާދުކޮށްފައިވާ ދެ އަވަށެއްގެ މެދުގަ އެވެ.

އެހެންކަމުން އިސްރާއީލުން ޚާން އަލް އަހުމަރު ހުސް ކުރަނީ އެއަވަށުގައި ވެސް ޔަހޫދީން އާބާދު ކުރަން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުނެ އެވެ.

އިސްރާއީލުން ބުނާ ގޮތުގައި ޚާން އަލް އަހުމަރުގައި ގެތައް އަޅާފައި ވަނީ އެގައުމުގެ ހުއްދައާ ނުލަ އެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުގައި، ހުޅަނގު އައްސޭރީގައި ގެ އެޅުމަށް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ހުއްދަ ދެނީ ވަރަށް މަދުންނެވެ.

އިސްރާއީލުން ވަނީ އެއަވަށުން ނެރޭ މީހުން ބަދަލު ކުރާނީ ގާތްގަނޑަކަށް 12 ކިލޯ މީޓަރު ދުރުގައި އޮންނަ އަވަށަކަށް ކަމަށް ބުނެފަ އެވެ. ނަމަވެސް ޚާން އަލް އަހުމަރުގެ ރައްޔިތުން ވަނީ އެއަވަށް އޮންނަނީ ކުނިގޮނޑަކާ ޖެހިގެން ކަމަށާއި އެފަދަ ތަނެއްގައި ދިރިއުޅުމަކީ ސިއްހަތަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެފަ އެވެ.

ޚާން އަލް އަހުމަރު ހުސްކުރުމާ ދެކޮޅަށް ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތަކުގައި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 35 މީހަކަށް ވަނީ އަނިޔާވެފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް