ދަގަނޑޭގެ ދެ ލަނޑާއެކު ފެހެންދޫ އަތުން ޓީސީއަށް މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ލަނޑާއެކު ބ. ފެހެންދޫ އަތުން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި ފެހެންދޫ އަތުން ޓީސީ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ލީގުގައި ޓީސީ އަދި ފެހެންދޫ ވެސް ކުޅުނު ދެވަނަ މެޗެވެ. ޓީސީގެ ފުރަތަމަ މެޗުގައި ފ. ނިލަންދޫ އަތުން 6-1ގެ ނަތީޖާއަކުން މޮޅުވި އިރު، ފެހެންދޫގެ ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ވަނީ ޕޮއިންޓެއް ހޯދައިފައެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ޓީސީއެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޓީސީއަށް ލީޑު ހޯދައިދިނީ މިއަހަރުގެ މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުމަށްފަހު، ޕްރިމިއާ ލީގަށް ޓީސީއާ ގުޅުނު ދަގަނޑޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މުހައްމަދު ސާމިރު ދިން ބޯޅައަކުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ލަނޑަށްފަހު ވެސް ޓީސީއަށް ފުރަތަމަ ހާފުގެ ތެރޭގައި ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އިޝާން އިބްރާހިމް (ސައްޓު)އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި ސާމިރަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ޓީސީން މަސައްކަތްކުރީ އެޓީމުން ދަމަހައްޓަމުންދިޔަ ލީޑު އިތުރަށް ފުޅާކުރުމަށެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ޓީސީއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން އިއްބެ ފޮނުވާލި ހަމަލާއެއް ފެހެންދޫގެ ކީޕަރު އިބްރާހިމް ޒަޔާން ދިފާއުކުރި އިރު، ދަގަނޑޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސައްޓު ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ސައްޓު ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 3-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓީސީން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށެވެ. ހަސަން ސޮލާހު ނަގައިދިން ހުރަހަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ދަގަނޑޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފެހެންދޫގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުއްޓެވެ.

comment ކޮމެންޓް