ފަތުވާ މަޖިލީހުގެ ބައިނަލްއަގުވާމީ ސެމިނާ އަންނަ އާދީއްތަ ދުވަހު

ފަތުވާދޭ މަޖިލީހުގެ މެންބަރުން ނޫސްވެރިންނާ މައުލޫމާތު ދެނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރު ގައުމުތަކުގެ ފަތުވާދޭ މަޖިލީހުގެ އިސް މެންބަރުންނާއެކު ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސް އަންނަ މާދީއްތަ ދުވަހު ބާއްވާނެ ކަމަށް ދީނީ ފަތުވާ ދޭ އެންމެ މަތީ މަޖިލީސް މަޖިލީހުން ބުނެފިއެވެ.

އިސްލާމީ މަރުކަޒުގައި ފަތުވާދޭ މަޖިލީހުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އާދިއްތަ ދުވަހު އޮންނަ ސެމިނާގައި ޖުމްލަ ހަ ގައުމެއްގެ ފަތުވާދޭ މަޖިލީހުގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

https://sun.mv/99480

އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާ، މޮރޮކޯ، މިސްރު، އުރުދުން، މެލޭޝިއާ އަދި ސޫދާން ހިމެނެއެވެ. ޒިޔާދު ވިދާޅުވީ މޮރޮކޯ އަދި މިސްރު ފިޔަވާ ސެމިނާގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން އެހެން ގައުމުތަކުން ދީފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުވާދޭ މަޖިލީހެއް އުފެދުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އެ މަޖިލީހުގެ ސަބަބުން ވަރަށް ބޮޑެތި ކާމިޔާބީތަކާ ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ފަތުވާދޭ މަޖިލީހުގެ އެންމެ ބޮޑު އަމާޒަކީ ސަރަހައްދުގައި އެންމެ ޢިލްމީ، ގާބިލް މަޖިލީހަކަށް ހެދުން. މި ސެމިނާ ރާއްޖޭގައި ބޭއްވުމަކީ ރާއްޖެ އަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީ އެއް،" މިނިސްޓަރު ޒިޔާދު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަތުވާދޭ މަޖިލީހުގެ ނައިބު އިބްރާހިމް އަހްމަދު ވިދާޅުވީ ސެމިނާގައި ރާއްޖޭގައި ދިރިއުޅޭ ބޭރުގެ ބައެއް އިލްމުވެރިން ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖޭގައި ތިބޭ އިލްމުވެރިން ވެސް ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއީ އެންމެ ބޮޑު އަދި މުހިއްމު ބައްދަލުވުމެއް. ގިނަ މައުލޫތަކަށް މަޝްވަރާކޮށް ގިނަ ނިންމުންތަކެއް ނިންމާނެ،" ނައިބު ވިދާޅުވިއެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީސް އުފެއްދީ 2016 ވަނަ އަހަރުގައެވެ.

comment ކޮމެންޓް