ސްވިޒަލެންޑް ބަލިކޮށް، 24 އަހަރަށްފަހު ސްވިޑަން ކުއާޓާއަށް

ފީފާ ވޯލްޑް ކަޕްގައި ސްވިޑަނާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްވިޑަން މޮޅުވީ 1-0ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ސްވިޒަލެންޑް ބަލިކޮށް، ސްވިޑަނުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރަޝިއާގެ ސެއިންޓް ޕީޓަސްބާގް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16ގެ މެޗުގައި ސްވިޒަލެންޑް އަތުން ސްވިޑަން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މިއީ ވޯލްޑް ކަޕް 1994ގެ ފަހުން ސްވިޑަން ކުއާޓާއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ސެމީ ފައިނަލުގައި ސްވިޑަން ބަލިވީ ބްރެޒިލް އަތުންނެވެ.

ފީފާ ވޯލްޑް ކަޕްގައި ސްވިޑަނާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްވިޑަން މޮޅުވީ 1-0ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ސްވިޒަލެންޑްގެ ޒާޑަން ޝަކީރީ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައިނުވާ އިރު، ސްވިޒަލެންޑްގެ ސްޓީވަން ޒޫބާ ފޮނުވާލި ހަމަލާ ސްވިޑަންގެ ކީޕަރު ރޮބިން އޮލްސަން ވަނީ ދިފާއުކޮށްފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި ސްވިޒަލެންޑްގެ ކީޕަރު ޔޭން ސޮމާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސްވިޑަންގެ މާކަސް ބާގް ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ޑިފެންޑަރު މެނުއަލް އަކަންޖީ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ސްވިޑަންގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ސްވިޑަންގެ އޮލާ ޓޮއިވޮނެން ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަށް އަމާޒުވާން ދަނިކޮށް ސްވިޒަލެންޑްގެ ކީޕަރު ސޮމާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ހަތް މިނެޓުގެ ތެރޭގައި ސްވިޑަން އަދި ސްވިޒަލެންޑަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސްވިޒަލެންޑްގެ ބްލެރިމް ޖަމައިލީ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައިނުވާ އިރު، ސްވިޑަންގެ އަލްބިން އެކްޑަލް ފޮނުވާލި ހަމަލާ ވެސް ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ފީފާ ވޯލްޑް ކަޕްގައި ސްވިޑަނާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްވިޑަން މޮޅުވީ 1-0ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ސްވިޑަންގެ ޓޮއިވޮނެން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ސްވިޒަލެންޑްގެ ޝަކީރީ ނުރައްކާ ކުރުމުގެ ކުރިން ކީޕަރު އޮލްސަން ވަނީ ބޯޅަ ހޯދައިފައެވެ.

ސްވިޒަލެންޑުން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ސްވިޑަނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޓޮއިވޮނެން ދިން ބޯޅައަކުން ސްވިޑަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެމިލް ފޯސްބާގެވެ. އޭނާ ފޮނުވާލި ހަމަލާ ސްވިޒަލެންޑްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެޓީމުގެ ޑިފެންޑަރު އަކަންޖީގެ ފައިގައި ޖެހިފައެވެ.

ސްވިޑަނުން ލީޑު ހޯދުމާއެކު ސްވިޒަލެންޑުން ވަނީ ކުރިއަށް ޖެހި، ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ސްވިޒަލެންޑުން ތަނަވަސްކުރި ފުރުސަތުތަކުގެ ތެރެއިން ޝަކީރީއާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރީލް އެމްބޯލޯ ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ޝަކީރީ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައިނުވާ އިރު، އެމްބޯލޯގެ ހަމަލާ ގޯލު ކުރިމަތިން ސްވިޑަންގެ ޑިފެންޑަރު އަންދްރޭސް ގްރެންކްވިސްޓް ވަނީ ދިފާއުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގައި ސްވިޑަނާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސްވިޑަން މޮޅުވީ 1-0ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ސްވިޒަލެންޑުން ކުޅުނީ މުޅި ޓީމު ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. އެ ވަގުތުކޮޅު ތެރޭގައި ސްވިޒަލެންޑުގެ ނުރައްކާ ވެސް ފެނިގެންދިޔައެވެ. އެގޮތުން ރިކާޑޯ ރޮޑްރިގޭޒް ނަގައިދިން ހުރަހަކުން ހެރިސް ސެފެރޮވިޗް ފޮނުވާލި ހަމަލާއެއް ސްވިޑަންގެ ކީޕަރު އޮލްސަންއަށް ދިފާއުކުރަން ޖެހުނެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސްވިޒަލެންޑްގެ މައިކަލް ލޭންގްއަށް ރަތް ކާޑެއް ވެސް ދެއްކިއެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ފަހަތުން މާޓިން އޮލްސަންއަށް ކުރި ފައުލާ ގުޅިގެންނެވެ. ރެފްރީ ފުރަތަމަ ޕެނަލްޓީއެއް ކަމަށް ނިންމި ނަމަވެސް، ވީއޭއޭރްއަށް ބެލުމަށްފަހު ސްވިޑަނަށް ހިލޭ ޖެހުމެއް ދިނެވެ.

ކުއާޓާގައި ސްވިޑަން ނުކުންނަން ޖެހޭނީ މިރޭ 11:00ގައި އިނގިރޭސީންނާއި ކޮލަމްބިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

comment ކޮމެންޓް