ދީނަށް ހަޖޫ ޖަހާ މީހުންނަށް ރައީސް ގެ އިންޒާރު، ހަރުކަށި އަދަބު ދޭނަން

ރ. އަތޮޅު މީދުގައި އަލަށް އިމާރާތް ކުރި މިސްކިތް މަސްޖިދުލް އަލް އައްވާބީން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ ރައީސް އޮފީސް

އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ހަރުކަށި އަދަބު ދޭނީ ދީނަށް ފުރައްސާރަކޮށް ދީނަށް ހަޖޫ ޖަހާ މީހުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ށ. މިލަންދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ދީނަށް ހަޖޫޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދެއްކުމަކީ މި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު އެފަދަ އަމަލުތަކަށް ދެއްވާނީ "ޒީރޯ ޓޮލަރަންސް" ކަމަށެވެ.

ރައީސް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ހުޅުވާލަންވީ ކިހާވަރަކަށްތޯ ސުވާލު އުފައްދާފައެވެ.

ޚިޔާލު ފަޅުކުރުމުގެ މިނިވަންކަން ކިތަންމެ ފުޅާކޮށް ދިން ނަމަވެސް އެމަނިކުފާނުގެ ޒާމަތުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ޖާގަ ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން އަރަބި އިސްލާމް މާއްދާއަކީ ސްކޫލުތަކުގައި މަޖުބޫރު މައްދާއެއް ނޫން ކަމަށެވެ. ނަމަވެސް އެކަން މަޖުބޫރު ކުރުވީ މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްލާމީ ރިވެތި އުސޫލުތައް ދަސްކޮށްދެވިފައި ނެތުމަކީ ދީނަށް ފުރައްސާރަކުރަން މަގުފަހި ކުރުވާކަމެއް ކަމަށެވެ.

"އަރަބި އިސްލާމް މަޖުބޫރުނުވެ ރީތި އިސޫލުތައް ދަސްކޮށްދެވިފައި ނެތުމާއި މައިބަފައިން ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ ގާބިލްކަން ނެތުމުގެ ނަތީޖާއަކީ ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމުދީނަށް ހަޖޫޖެހުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ދީނަށް ހަޖޫ ޖެހުން އާންމު ވެފައިވާ މިންވަރު ކިޔާދެއްވަމުން ރައީސް ވިދާޅުވީ ދިވެހިންގެ މެދުގައި ގައިރު މުސްލިމުންނަށް ވުރެ ބޮޑަށް އެކަން އާންމު ވެފައިވާ ކަމަށާއި އެމަނިކުފާނު އެފަދަ ކަންކަން ކުރާ މީހުންނަށް ގާނޫނުގެ ތެރެއިން ދެވެން އޮތް އެންމެ ހަރުކަށި އަދަބުދޭނެ ކަމަށެވެ.

"ޒުވާން ކުދިން ވެސް ބޭނުންނުވާނެ އަޅުގަނޑުމެންގެ މާތް ރަސޫލާއަކަށް ހަޖޫޖަހާތަން އަޑުއަހާކަށް ފެންނާކަށް. އެކަމަކު ބައްލަވާ ބައެއް މީހުންގެ ފޭސްބުކް ޕޭޖްތައް ބައެއް މީހުން ކުރާ ޓްވީޓުތައް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދީނަށް ހަޖޫޖަހާ އަދި ދީނީ ކަންކަމަށް ފުރައްސާރަކޮށް މީސް މީޑިއާގައި އަޑުފަތުރަނީ ކޮން ފިކުރެއްގެ ބައެއްތޯ ބެލުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިހާ ހިނަދަކު އެ މިނިވަންކަން ނުދެއްވާނެ ކަަމަށެވެ.

comment ކޮމެންޓް