ދެކުނު އެފްރިކާގައި އެކްސިޑެންޓުވި އަންހެނަކު މަރުނުވާކަން އެނގުނީ މޯޗަރީގެ ފްރިޖަށްލީ ފަހުން

ދެކުނު އެފްރިކާގައި އެކްސިޑެންޓުވި އަންހެނަކު މަރުނުވާކަން އެނގުނީ މޯޗަރީގެ ފްރިޖަށްލީ ފަހުން -- ފޮޓޯ: ޝަޓާސްޓޮކް

ކޭޕް ޓައުން (ޖުލައި 3): ދެކުނު އެފްރިކާގައި ހިނގި އެކްސިޑެންޓެއްގައި މަރުވި ކަމަށް ބެލެވުނު އަންހެނަކު މޯޗަރީއެއްގެ ފުރިޖަށްލީ ފަހުން، ދިރިއޮތް ކަން އެނގިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ދެކުނު އެފްރިކާގެ ގައުޓެންގް ޕްރޮވިންސުގައި އާދިއްތަ ދުވަހު ހިނގި ކާރު އެކްސިޑެންޓަކަށް ފަހު އެއަންހެން މީހާ ވަނީ މަރުވެފައި ކަމަށް ޕެރެމެޑިކްސް ބުންޏެވެ.

ނަމަވެސް އެއަންހެންމީހާގެ ހަށިގަނޑު މޯޗަރީގެ ފްރިޖަށްލީތާ މާގިނަ އިރުތަކެއް ނުވަނީސް، އޭނާ ނޭވާލާކަން އެތަނުގައި މަސައްކަތް ކުރާ މީހަކަށް ފާހަގަ ކުރެވުނެވެ. އޭގެ ސަބަބުން އެއަންހެންމީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައި އެވެ.

އެހާދިސާގައި އެމްބިއުލާންސް ފޮނުވި ކުންފުނި ޑިސްޓްރެސް އެލާޓުން ވަނީ އެއަންހެން މީހާ ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް ބުނެފައި އެވެ. އަދި އެކުންފުނީގެ އެއްވެސް އިހުމާލެއް އެކަމުގައިވާ ކަމަށް ނުބެލެވޭ ކަމަށް ބުނެފައި އެވެ.

ދެކުނު އެފްރިކާގެ ފުލުހުން މިހާރު ދަނީ އެހާދިސާ ތަހުގީގު ކުރަން ފަށާފައި އެވެ.

comment ކޮމެންޓް