މި ސަރުކާރުން ކޯޓުތަކުގައި ތަޅެއް ނާޅުވާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ށ. ފުނަދޫގައި ބޭއްވި ރަސްމިއްޔާތެއްގަިއ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ހުކުމްތައްކޮށް ޝަރީއަތް ހިންގުމަކީ ކޯޓުތަކުން ކުރާ ކަމެއް ކަމަށާއި ހުދޫދުން ބޭރުން ހުކުމް ކުރިއަސް މިސަރުކާރުން ކޯޓުތަކުގައި ތަޅު ނާޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

މިއަދު ށ. މިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހުކުމް ކުރުމަކީ "ޖާއިޒުކޮށް ކުރިއަސް ނާޖާއިޒުކޮށް ކުރިއަސް އެއީ ކޯޓުތަކުން ކުރާ ކަންކަން" ކަމަށެވެ. އަދި ހުދޫދުން ބޭރުން ކުރާ ހުކުމްތައް ކުރީމަ ގޮސް ކޯޓުގައި ތަޅެއް ނާޅުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ދިނުމަށް ބޭރުގެ ގައުމުތަކުން އެމަނިކުފާނަށް މަޖުބޫރު ކުރެއްވި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ވިދާޅުވީ ހުކުމްތައް ނާޖާއިޒުކޮށް ކުރީމާ އެކަން އެމަނިކުފާނު ބަލާނެ ކަމަށެވެ.

"އެކަމަކު އެކަން ހިނގާފައި އޮތްގޮތެއް އަޅުގަނޑު ބަލާނަން. އެތަކުލީފު އަޅުގަނޑަށް އުފުލެނީ ކިހާވަރަކަށްތޯ ވެސް އަޅުގަނޑު ބަލާނަން. އެ ބެލި ބެލުމުގެ ތެރޭގައި މިކަން ހިނގައި ގޮތް މިއޮތީ ފެންނަން. އެހެންވީމަ އަލީ ހަމީދާއި އަބްދުﷲ ސައީދާ މި ބެފުޅުން ބަންދުވެގެން މިއުޅެނީ އަމުރެއް ނެރެގެނެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދޭތީ ކަމަށް ބުނެ ސަރުކާރަށާއި އެމަނިކުފާނަށް ބޭރުގެ ބޮޑެތި ގައުމުތަކުން އެތައް ގޮތަކަށް ފިއްތުންތައް ކުރިމަތި ކުރުވި ކަމަށެވެ.

"ޑިމޮކްރެސީ ނެތިގެން ހިނގާ ކަންކަމުގެ ތެރޭން މި ފަހަކަށް އައިސް އަޅުގަނޑުމެނަށް ފެނިގެން ދިޔައީ. އިވެމުން ދިޔަ އަޑުތަކަކީ ރައީސް ނަޝީދަށް ކުރިމަތި ނުލެވޭ ކަމަށް ވަންޏާ މިތާ ޑިމޮކްރެސީއެއް ނެތޭ. ބޭރުގެ ފަރާތްތަކުން ވެސް އަޅުގަނޑަށް މަޖުބޫރު ކުރަމުން ދިޔައީ އަޅުގަނޑަށް ޕްރެޝަރު ކުރަމުން ދިޔައީ މިކަން މިގޮތަށް ކުރަން." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ބޭނުންހާ ކަމެއް އަމިއްލަޔަށް ކުރެވެން ހުރި ބޭފުޅެއް ނޫން ކަމަށެވެ. އެބޭފުޅުން ބޭނުންވާ ގޮތަށް އެކަން ކުރެވޭތޯ މަގު ކޮށައިދެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން ކޯޓު މަރުހަލާ އަވަސްކޮށް ދިނުމަށް ނަޝީދުގެ ފަރާތުން އެތައް ސިޓީއެއް އެމަނިކުފާނަށް ލިބުމުން އެކަން އަވަސް ކުރުމަށް ކޯޓުގައި އެދުނު ކަމަށް ވިދާޅުވި އެވެ. އެއީ އަމިއްލަޔަށް ފެނިގެން ކުރިކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަދި ހަމަ އެއާ އެކު ރައީސް ނަޝީދު އެހުންނެވި ހުކުމަކީ ތަންފީޒު ވަމުންދާ ހުކުމަކީ ގާނޫނުގައ އޮތްގޮތުން. އެ ހުކުމް އެހެން އޮއްވަކައެއް އަޅުގަނޑަކަށް އެ ހުކުމަކަށް ބަދަލެއް ނުގެނެވޭނެ. ހުކުމްތައް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއް ނޫން. އަޅުގަނޑުމެނަށް ފެބުރުއަރީ އަކަކުން ދައްކައިދީފި އެއީ ކޯޓުތަކުން ކުރާ ކަމެއް ކަން." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ޑިމޮކްރެސީ ނެތް ކަމަށް ބުނެ ބޭރުގައުމުތަކުގެ ދޮރުތަކުގައި ޓަކި ޖަހަމުން ދާތީ ބޮޑެތި ފިއްތުންތައް ކުރިމަތި ވަމުން ދާ ކަމަށެވެ. އެގޮތުން އެކްޕޯޓު ކުރާ ބައެއް މުދަލުން ލިބޭ އިނާޔަތްތައް ވެސް ހުއްޓިފައި ހުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެންމެ ބޮޑު މައްސަލައަކީ ރާއްޖޭން އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދޭނަމޭ ބުނާ ވާހަކަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަޅުމަހުން އެކްސްޕޯޓު މިކުރާ އިނާޔަތްވެސް. އޭގެ ކުރިން ދޭން ހަމަ ޖެހިފައި އޮތް އިނާޔަތް ވެސް ހަމަ އެ ސަބަބާ ހެދި އެކަނި ހުއްޓާލާފައި އެއޮތީ. ކޮންބައެއްތޯ އެކަމަށް ވަކާލާތު ކުރީ. އެ އިނާޔަތް ހުއްޓާލަން ވަކާލާތު ކުރީ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ނުފޫޒުއް އައިސް ބޭރުގެ އަސްކަރިއްޔާތަކަށް ދައުވަތު ދެމުންދާ އިރު ބަލަން ނުތިބޭނެ ކަމަށެވެ.

comment ކޮމެންޓް