އިދިކޮޅު ކެންޑިޑޭޓަށް މި ސަރުކާރުން ގެނެސްދޭ ކަހަލަ ތަރައްގީގެ ވާހަކަތަކެއް ނުދެއްކޭނެ: ރައީސް

ބިލެއްފަހީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަށް މި ސަރުކާރުން ގެނެސްދޭ ކަހަލަ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ނުދެއްކޭނެ ކަމަށާއި ދައްކާނީ މުޅިން އެހެން ވާހަކަތަކެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ށ. ކަނޑިތީމުގެ ބަނދަރު ރަސްމީކޮށް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާ ވާދަކުރައްވާ ފަރާތްތަކުން ދައްކަވާނީ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ވާހަކައާއި ޑިމޮކްރެސީގެ ވާހަކަ ކަމަށެވެ.

މިހާރުވެސް އެމަނިކުފާނާ ދިމާލަށް އަންނާނެ ވާހަކައަކީ ފަރުދުންގެ މިނިވަންކަމުގެ ވާހަކަ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ފަރުދުންގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ވާހަކަ ދައްކާ އިރު މި ދައްކަނީ އެމެރިކާގައި އޮންނަ ފަރުދުންގެ މިނިވަން ކަމުގެ ވާހަކައެއް ނޫން. އެހިސާބަށް އަޅުގަނޑުމެން ދާއިރު އަޅުގަނޑުމެންގެ ވިސްނުމާއި ހުނަރަށްވެސް އެ ގާބިލުކަން އަންނަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ބައެއް ފަރާތްތަކުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް ބުނެ ވާހަކަ ދައްކާއިރު ބައެއް ފޭސްބުކް ސްޓޭޓަސް ތަކާއި ޓްވީޓް ތަކުން ފާޑު ނުކިޔާ ހަމަ އެއްކަމެއްވެސް ނެތް ކަމަށެވެ. ދީނުގައި ހުރި ބައެއް ކަންކަމަށް ފާޅުގައި ފާޑު ކިޔާފައި ބައެއް މީހުންތިބި ކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ އިސްލާމީ އުންމަތަކަށް ދިވެހިން ކަހަލަ ވަކި އުސޫލުތަކެއްގައި ހިފަހައްޓައިގެން ތިބޭ ބަޔަކަށް އުފުލަން ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ ޚިޔާލުފާޅު ކުރުންތަކަށް ޖާގަ ދެވުނީމަ މަސައްލަހަތު ގެއްލޭ އެތައް ކަމެއް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މުޅި ގައުމަށް އެވަރުގެ ތަކުލީފުތަކެއް އުފުލޭ ވަރުގެ ވާހަކަތަކަށް ޖާގަ ދޭން ޖެހެނީ ފަރުދުންގެ މިނިވަންކަމުގެ ތެރޭގައި ގޮވައެއް ނުލެވޭނެ ސިފައިނާއި ފުލުހުން ނުކުމެ މިވެނި ގޮތަކަށް އަމަލު ކުރާށޭ. ނޫނީ ސިފައިންނާ ފުލުހުންނާ ޖަދަލު ކުރަން ރައްޔިތުންގެ މިނިވަންކަމަކަށް ޖާގައެއް ނުލިބޭނެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ޖާގައެއް ނުދޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ވިދާޅުވާ ޑިމޮކްރެސީގެ ބޭފުޅުން ޑިމޮކްރެސީގެ އަސްލު ނިޒާމުގެ ވާހަކަ ނުދައްކާވާ ކަމަށެވެ. ފަރުދުންގެ މިނިވަންކަމުގެ ތެރޭގައި ރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމްދީން ޖާގަ ނުދޭ ކަންކަންވެސް އެބަހުރި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ދީނީ އިލްމުވެރިންނަށް ދީނީ ކަންކަމުގައި ބަހުސް ކުރެވުނު ނަމަވެސް ދީނީ ކަންކަން ނުދަންނަ މީހުން ފަރުދުންގެ މިނިވަންކަމުގެ ޝިއާރުގެ ދަށުން ދީނީ ކަންކަމަށް ފާޑު ނުކިޔޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ރާއްޖޭގައި ނެތިގެން ވާހަކަ ދައްކާ ފަރާތްތަކުން ގެއްލިގެން މިއުޅެނީ މިނިވަން ކަމުގެ ކޮން ހައްގެއްތޯ ހާމަ ކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ވަކި ކަމެއް ކުރުމަށް ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް ބޭރުގެ ނުފޫޒުގަދަ ގައުމުތައް ލައްވާ ބަޔަކު ބޭރުގައި ތިބެގެން މަޖުބޫރު ކުރުވުމަކީ ރާއްޖެއާ މެދު ވިސްނާ ކޮންމެ މީހަކު ހިޔާލަށް ގެންނަން ޖެހޭ ކަންކަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ވޭތުވެ ދިޔަ ހަފްތާގައި ބޭރުގެ ގައުމުތަކާ ބައްދަލުކުރުމަށް ސަރުކާރުގެ ވަފުދެއް ޒިޔާރަތް ކުރި ކަމަށާއި އިދިކޮޅު ފަރާތްތަކުން އެ ކުރާ ޓްވީޓްތަކުގައި ބުނާ ވާހަކަތަކާ އެބޭފުޅުން ދެއްކި ވާހަކަތަކާއި ތަފާތެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު އެ މަޖުބޫރު ކުރުން. މާދަމާ އެހެން މަޖުބޫރު ކުރުމެއް. އަންނަ އަހަރު އެއަށްވުރެ ބޮޑެތި ކަންކަމެއް. އެހިސާބުން އަޅުގަނޑުމެންގެ ހިތަށް އަންނަންވީ އެކަން ކަމަށް ފަހިކުރާ ސަރުކާރެއް މިތަނަށް އައިސްފި ކަމަށް ވަންޏާ އަޅުގަނޑުމެން އެންމެން މަނާވެގެން ތިބި ކަންކަމާ ދޭތެރޭ ވިސްނަން ނުޖެހޭނެ ބާއޭ. މަޖުބޫރިއްޔަތަށް ދާން ޖެހެންޏާ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މިހާރު ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް ސުލްހަވެރިކަމާއެކީ ރާއްޖެ ތަރައްގީ ކުރެވޭނެ ކަން ގަބޫލު ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ. މުޒާހަރާއެއްގެ ތެރެއިން ގެނެވުނު މަޝްރޫއެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސެޕްޓެމްބަރު 23 ގައި ދެވަނަ ދައުރެއްގެ ފުރުސަތު ރައްޔިތުން އެމަނިކުފާނަށް ދެއްވާނެ ކަމަށް އުންމީދުފުޅު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް