ސިޔާސީ ބޭފުޅުންނާއި ޝަރަފުވެރީން ބަންދުވާކަށް ބޭނުމެއްނޫން: ރައީސް

ށ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ބިލެއްފައްސަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ ބޭފުޅުންނާއި ގައުމަށް ޝަރަފްވެރި ހިދުމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުން ބަންދުވުމަކީ ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅުގެ ހަތަރު ރަށަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ބިލެއްފައްސަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ޒައާމަތަށް ވަޑައިގެންނެވި އިރު ހިތްދަތި ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެފަހުން ސިޔާސީ ގޮތުން ކަންކަން ގޯސްކުރުމަށް ވެސް ބަޔަކު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުން މަޖިލީހުގެ އެތެރެއިންނާއި ބޭރުން އަދި މަގުމަތީގައި ހިނގައި ދިޔަ ކަންތައްތަކަށް ބަލާ އިރު، އުސޫލުގެ ތެރެއިން ކަންކަން ކުރުމުގެ ބަދަލުގައި އެ އުސޫލުތަކަށް ގޮންޖައްސަވާފައި ކުރި މަސައްކަތުން ވަރަށް ބޮޑެތި ގެއްލުންތައް އުފުއްލަވައި، އެކިއެކި ކުށްތަކުގައި އިއްޒަތްތެރި ބޭފުޅުން ވެސް ހައްޔަރުކުރަން ޖެހުނު ކަމަށެވެ.

"އެބޭފުޅުން ވެސް [ހައްޔަރުކުރެއްވި އިއްޒަތްތެރީން] ހައްޔަރުކުރަން ޖެހިފައި އެތިބީ އެބޭފުޅުން ކުރެއްވި ކުށްތަކަށް ޝަރީއަތުގެ މަރުހަލާ ހިނގާ ޝަރީއަތަށް އެކަން ސާބިތުވެގެން. އަދި އެބޭފުޅުން އެބޭފުޅުން ކުރެއްވި ކަންކަމަށް ދައުލަތުން އުފުލި ތުހުމަތުތަކާއި ޝަކުވާތަކުން އެބޭފުޅުންގެ މަސައްކަތްޕުޅުން ބަރީއަތް ނުވެވުނީމަ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި އިރު ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި ހައްޔަރުގައި ތިބި ސިޔާސީ ބޭފުޅުންތަކެއް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ކުރި އަމުރާ ގުޅިގެން ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ގާނޫނު އަސާސީން ލިބިދީފައިވާ ބައެއް ހައްގުތައް ސަރުކާރުން ހިފެހެއްޓި އެވެ.

އަދި އެއަށް ފަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ކުރީގެ ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުނުކަމަށް ސާބިތުވެ، މިހާރު ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

ރައީސް ވިދާޅުވީ އެބޭފުޅުންނަކީ އެއްގޮތަކަށް ވެސް ބަންދުވާން ނުޖެހޭ ބޭފުޅުން ކަމަށާއި އަދި އެކަމުގެ އުދަނގޫ މުޅި މުޖުތަމައު އެބަ އުފުލާ ކަމަށެވެ.

"އަޅުގަނޑުމެން ދެކޭކަށް ބޭނުމެއްނުވޭ އެކިއެކި ސިޔާސީ ބޭފުޅުންނާއި އިސް މަގާމުތައް ނުވަތަ އިސް ހިދުމަތްތަކެއް ރައްޔިތުންނަށް ނުވަތަ މުހިއްމު ޝަރަފްވެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާފައި ތިއްބެވި ބޭފުޅުން މިފަދަކަ ކަންކަމުގައި ބަންދުވާކަށް." ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް