ބިލެތްފަހީގައި އެއާޕޯޓެއް އަޅާނެކަން ރައީސް އިއުލާނު ކުރައްވައިފި

ށ. ބިލެތްފަހި ---

ށ. ބިލެތްފަހީގައި އެއާޕޯޓެއް އަޅާނެކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިއުލާނު ކުރައްވައިފި އެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ރަސްމިއްޔާތު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބިލެތްފަހީ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ރަށުގެ ފަޅަކީ ބޮޑު ފަޅެއް ކަމަށާއި "ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން" ވާ ވަރު އެރަށުގެ ފަޅުގައި ވާ ކަމަށެވެ.

އާބާދީގެ ގޮތުން ކުޑަ ރަށެއް ނަމަވެސް ބިލެއްފައްސަށްޓަކައި ކުރާ އުންމީދުތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. ށ. އަތޮޅުގައި ރަށްތައް ހުރީ ދުރުދުރުގައި ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ކަންތައް ފަސޭހަ ނޫން ކަމަށެވެ. އެ ސަރަހައްދަށް ފަތުރުވެރިކަން ފުޅާނުވެ އޮތީ ދަތުރު ފަތުރު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށާއި ނަމަވެސް ސަރުކާރުގެ "ޓޫރިޒަމް ޗާޓުގައި ހއ، ހދ. އަދި ށ. އަތޮޅުގައި ޖެހިފައިވާ" ކަމަށެވެ. އެންމެ ފަހުން ޓޫރިޒަމްއަށް ހުޅުވާލި ރަށްތަކުގެ 75 ޕަސަންޓަކީ މި ތިން އަތޮޅުގެ ރަށްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"އުފެދޭ ސުވާލަކީ ކީއްވެގެންބާއޭ އިންވެސްޓަރުން ނާންނަނީ. އެ އިންސްވެސްޓަރުން ނާންނަ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ،" ރައީސް ވިދާޅުވިއެވެ. އެ މައްސަލައަ ހައްލެއް ގެނައުމަށް ފުނަދޫގައި އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ ހަމަ މި ބިތުގައި، މިހިސާބުގައި އަދި އެއަށްވުރެ ސީދާކޮށް ދަންނަވާނަމަ ބިލެތްފަހީގައި އިރާދަކުރެއްވިއްޔާ އެއާޕޯޓެއް އަޅަން،"

ރައީސް ވިދާޅުވީ އެއާޕޯޓު އަޅައި ރިސޯޓެއް ހަދަން ބޭރުގެ ފައިސާ ހުރި ފަރާތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެއާޕޯޓު އަޅަން ޝައުގުވެރިކަން ފާޅުކުރި ބޭރުގެ ފަރާތްތަކުން އަންނަ ހަފްތާގައި ޓޫރިޒަމް މިނިސްޓަރު އަރިހުގައި ބިލެތްފައްސަށް ޒިޔާރަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަތަރުސަތޭކަ މީހުން ބިލެތްފަހީގައި އުޅުނަސް އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރުގެ ޒައާމަތުގައި ހުރި ހިޔާލުތަކަށް ބަލާއިރު މިއީ އޭގެ ޒާތުގައި ތަރައްގީކުރެވޭނެ ދާއިރާއެއް،" ރައީސް ވިދާޅުވިއެވެ.

ށ. ފުނަދޫއާއި ބިލެތްފަހީގައި އެއާޕޯޓު ތަރައްގީކުރާއިރު ށ. އަތޮޅު ޓޫރިޒަމަށް ފައްކާވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރުން އިރާދަކުރެއްވިއްޔާ މިތަނުގައި ރިސޯޓުތައް ހެދިގެންދާނެ. މި އަތޮޅުގައި ތިބި ޒުވާނުންނަށާ އެހެން ފަރާތްތަކަށް އޭގެ ނަފާ ފެންނަމުންދާނެ،"

ރައީސް ވިދާޅުވީ ށ. އަތޮޅު ވެގެންދާނީ އުތުރުގައި އޮންނަ ޓޫރިޒަމްގެ ނާރެހަކަށް ކަމަށެވެ.

ބިލެތްފަހީގެ ފަޅަކީ ތަރައްގީގެ އެކިއެކި އުންމީދުތައް ވިންދު ޖަހަމުން ދާ ތަނެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ށ. އަތޮޅުގައި މިހާރުވެސް އެއާޕޯޓެއްގެ މަސައްކަތް ކުރަމުން އެބަދެއެވެ. ށ. ފުނަދޫގައި އަޅާ އެ އެއާޕޯޓުގެ މަސައްކަތް ބާރަށް ދަނީ ކުރިއަށެވެ. ށ އަތޮޅުގައި މިވަގުތު ހިންގަމުން ދަނީ އެންމެ ރިސޯޓެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭނުންވާ ކަންތައްތަކަށް ހައްލު ގެނައުމަށް އަމިއްލައަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ގުދުރަތީ ގޮތުން އެ މައްސަލަތަކަށް ހައްލު ހޯދުމަށް ދުވަސް ނަގާނެ ކަމަށާއި އޭގެ ސަބަބުން ގެންނަން ބޭނުންވާ އެންމެ އެދެވޭ ބަދަލު ނައިސްދާނެ ކަމަށެވެ.

ރާއްޖެ ދަނީ ތަރައްގީގައި ކުރިއެރުންތައް ހޯދަމުން ކަމަށާއި ބޯދާ ވިސްނުމުގެ ތެރެއިން ކުރިއެރުން ހޯދަން ބަލަންޏާ މިހާރު ތިބި ވަރަށްވުރެ އެތަށް އަހަރެއް ދާނީ ފަހަތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން ކެތްތެރިކަން ކުޑަވެފައިތިބި ކަންކަމުގައި ސަރުކާރުން އިސްނަގައިގެން އެކަން ކަމަށް ހައްލު ހޯދުމަކީ ރައްޔިތުން އެދޭ ގޮތް،" ކަމަށް ރައީސް ވިދާޅުވިއެވެ.

ދަރަނި ހުރެގެން ބޭރުގެ ޕްރެޝާ އަންނަ ވާހަކައެއް ނީވޭނެ. އިވޭނީ އިގްތިސާދީ ގޮތުން ތަރައްގީ ވަމުން އަންނަ ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރި ގައުުމެއްކަމަށް ބުނާ ވާހަކަ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް