ތާރީހުގެ ގޮތުން މުއްސަނދި ވެލެންސިއާ، ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ

އެސްޓީއޯ މާލެ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: ފުރަތަމަ ޑިވިޝަންގެ ޕްލޭ އޯފްގައި އެގްރިގޭޓް ނަތީޖާއިން ޔޫވީ އަތުން ބަލިވެ، ވެލެންސިއާ ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހި ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބު ވެލެންސިއާ، ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ ޑިވިޝަންގެ ރެލިގޭޝަން ޕްލޭ އޯފްގެ ދެވަނަ ލެގުގައި ވެލެންސިއާއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ވެލެންސިއާ ރެލިގޭޓްވީ 4-2ގެ އެގްރިގޭޓަކުން ޔޫވީ ކުރި ހޯދުމުންނެވެ. ފުރަތަމަ ލެގު މެޗުގައި ޔޫވީ އަތުން ވެލެންސިއާ ބަލިވެފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ.

މިއަދު ކުޅުނު މެޗުގެ ކުރީކޮޅުގައި ވެލެންސިއާއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ އަށްވަނަ މިނެޓުގައި ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ވެލެންސިއާއަށް ލީޑު ހޯދައިދިނީ މުހައްމަދު ސިފާން (ކުޑައްޓޭ)އެވެ.

އެ ލަނޑަށްފަހު ވެސް ވެލެންސިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހިމް (އަންކޮ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މުހައްމަދު ފާރިޝް އިބްރާހިމް ފޮނުވާލި ހަމަލާއެއް ޔޫވީގެ ކީޕަރު ތޮލާލް ހަސަން ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީން ވަނީ ދެ ލަނޑުޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޔޫވީގެ ފުރަތަމަ ލަނޑު ސެމިއުލް ކޯޑެލް ޑެވޯން ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޔޫވީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ރަފީނިއާއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއިން ލީޑު ހޯދުމަށް މަސައްކަތްކޮށް، ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައި ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ފާރިޝް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އޭނާގެ އެ ހަމަލާ ދިޔައީ ޔޫވީގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އެ ފުރުސަތުގެ އިތުރުން ވެސް ދެވަނަ ހާފުގައި ވެލެންސިއާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ވެލެންސިއާގެ އިބްރާހިމް އަފްލާހާއި، އަހްމަދު ނައުފަލް އަދި ހިރީޝީން ވެލޭރީއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މީގެ 39 އަހަރު ކުރިން އުފެދުނު ކްލަބަކީ ދިވެހި ފުޓްބޯޅައިގައި އަބަދުވެސް ނަން ހިނގައި، ކާމިޔާބު ތާރީހެއް އޮތް ކްލަބެކެވެ. ކްލަބު ވެލެންސިއާއިން ހޯދި ކާމިޔާބީތަކުގެ ތެރޭގައި ފަސް ފަހަރު ދިވެހި ލީގާއި، ފަސް ފަހަރު އެފްއޭ ކަޕާއި، ހަ ފަހަރު ކަޕް ވިނާސް ކަޕް އަދި ތިން ފަހަރު ޕޮމިސް ކަޕް ކާމިޔާބުކޮށްފައިވެއެވެ. އޭގެ އިތުރުން ވެލެންސިއާއިން ވަނީ ސަރަހައްދީ މުބާރާތްތަކުގައި ވެސް ވާދަކޮށްފައެވެ.

comment ކޮމެންޓް