ފ. އަތޮޅު ކައުންސިލުގެ ރައީސް މަގާމުންނާއި މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި

ފ އަތޮޅު ކައުންސިލްގެ ރައީސް އިދްރީސް އަބޫބަކުރު އެ މަޤާމުންނާއި، ކައުންސިލްގެ މެންބަރު ކަމުން ވެސް އިސްތިޢުފާ ދެއްވައިފި އެވެ.

އިދްރީސް ވިދާޅުވީ އޭނާ ކައުންސިލުގެ ރައީސް ކަމުގެ މަގާމުންނާއި ކައުންސިލުގެ މެންބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ ކަމަށާއި އިސްތިއުފާގެ ސިޓީ ވެސް ކައުންސިލަށް ފޮނުވާފައިވާނެ ކަމަށެވެ.

"ވަރަށް ބޮޑު ކަންތައްތަކެއް ދިމާވެގެން އަޅުގަނޑު އިސްތިއުފާ މިދިނީ. އެކަންކަން މިވަގުތު އަޅުގަނޑު ބުނާކަށް ބޭނުމެއް ނޫން. އެކަމަކު ފަހުން އަޅުގަނޑު އެކަން ހާމަ ކުރާނަން،" އެމްޑީޕީއަށް ނިސްބަތްވާ އިދުރީސް ވިދާޅުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކައުންސިލުގެ މެންބަރަކު މިއަދު ވިދާޅުވީ އިދުރީސް، ކައުންސިލުގެ ރައީސްގެ މަގާމުންނާއި މެންބަރުން ކަމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް އިތުބާރުނެއްކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވެފައިވާތީ އެ ވޯޓުން ސަލަމާތްވެ ވަޑައި ނުގެންނެވޭނެކަން އެނގިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލު ދެއްވާކަށް އޭނާ ބޭނުންފުޅެއް ނުވި އެވެ.

އިދުރީސް އިސްތިއުފާ ދެއްވެވި އިރު މީގެ ދުވަސްކޮޅެއްގެ ކުރިންވެސް ވަނީ އޭނާގެ މައްޗަށް އިތުބާރު ނެއްކަމުގެ މައްސަލައެއް ހުށަހަޅާ ވޯޓު ނަގާފަ އެވެ. އެފަހަރުގެ ވޯޓުން އިދުރީސް ހަނި އަޣުލަބިއްޔަތަކުން ސަލަމާތްވެ ވަޑައިގެންނެވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު