ރައީސްގެ އިސްނެންގެވުމާއެކު ގާއިމްކުރާ ނޭޝަނަލް ފުޓްބޯލް އެކަޑަމީ، ތިން މަސްތެރޭ ހުޅުވަނީ

ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ހަރަދުކޮށްގެން ގާއިމްކުރާ ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ މަސައްކަތް މިހަފްތާ ތެރޭގައި ފަށައި، ކުރިއަށްއޮތް 90 ދުވަހުގެ ތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ޓެކްނިކަލް ސްޓާފުން އަތޮޅުތެރެއަށް ގޮސް އެކަޑަމީއަށް ކުޅުންތެރިން ނަގާނެ ކަމަށާއި އެކަޑަމީއެކަޑަމީ ގާއިމްކުރަނީ 100 ކުދިންނަށް ތިބެވޭ ގޮތަށް ކަމަށެވެ. އެތަން ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

"އިރާދަކުރެއްވިއްޔާ މިހަފްތާ ތެރޭގައި އަޅުގަނޑުމެން ގްރައުންޑް ބްރޭކިން ސެރެމަނީއެއް ރާވައި އަދި އަޅުގަނޑުމެންގެ ޓެކްނިކަލް ސްޓާފުން އަތޮޅު ތެރެއަށް ގޮސް، އެތަނަށް ބޭނުންވާ ކުދިން ހޯދުމާއި ހުރިހާ ކަމެއް ފަށައިގަނެގެން ދާނެ. އަޅުގަނޑުމެން މި އެކަޑަމީ މިރާވަނީ 100 ކުދިންނަށް ތިބެވޭ ގޮތަށް. އެތަން ރޭވިފައިވާނީ ކުދިން އައިސް އެތާނގައި ތިބޭގޮތަށް. ކޮލެޖެއްގެ ބޯޑިން ހުންނަ ކަހަލަ ގޮތަކަށް މި އެކަޑަމީ ވާނީ ފުޓްބޯޅައާއި ކިޔެވުމާ އެކީގައި، އެތަނުގައި ތިބެގެން ކުރިއަށްދާ ގޮތަކަށް،" އޭނާ ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އެކަޑަމީ ކުރިއަށްދާނީ އެއް އަހަރުން އަނެއް އަހަރަށް ކުދިންގެ ލެވެލްތައް މައްޗަށް ދާ ގޮތަށް ކަމަށާއި އެއާއެކު އެ ކުދިންގެ ކުޅުމުގެ ހުނަރުވެސް ކުރިއަރަމުންދާނެ ކަމަށެވެ. އަދި ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ފުރަތަމަ ފޭސްގައި ހިމެނެނީ އޮފީސް އަދި އެކޮމޮޑޭޝަން ބްލޮކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"މީގައި އަޅުގަނޑުމެން ބަލާ ކްރައިޓީރިއާތަކެއް ހުންނާނެ. އަޅުގަނޑުމެން މިހާރު ވާނީ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި. އަޅުގަނޑުމެން ދެ ފޭސްއަކަށް ބަހާލައިގެން މި ފަށަނީ. ފުރަތަމަ ފޭސްގައި މި ހިމެނެނީ އޮފީސް އަދި އެކޮމޮޑޭޝަން ބްލޮކެއް. އެއާ އެކީގައި ޓާފް ދަނޑަކާއި ޖިމްނޭޒިއަމްއަކާ އެއްކޮށް ކުރިއަށް މިދަނީ. ހަމައެއާއެކީގައި އެކުދިން ނަމާދުކުރާނެ ތަންކޮޅެއް ވެސް މި ތަނުގައި ހަމަޖެހިގެންދާނެ،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ އެފްއޭއެމް އަދި ސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހަރުފަތަށް ވުރެ އެހެން ހަރުފަތަކަށް ގެންދިއުން ކަމަށާއި ފަސް އަހަރަށްފަހު ކްލަބުތަކަށް ނަގާ ކުޅުންތެރިންގެ ތެރޭގައި ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ ތަމްރީންތައް ފުރިހަމަކުރާ ކުޅުންތެރިން ތިބޭނެ ކަމަށެވެ. އަދި އެކަޑަމީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ރާއްޖޭން ބޭރުގެ ވަރުގަދަ އެކަޑަމީއަކާ ގުޅިގެން މަސައްކަތްކުރުމަށް އެކަޑަމީތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިތަން ފެށުމަށްފަހު ކުރިއަށްއޮތް ގާތްގަނޑަކަށް ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ފުރަތަމަ ޑިވިޝަން ނުވަތަ ދެވަނަ ޑިވިޝަންގެ ޓީމުތަކަށް ވެސް ކުދިންތައް ނެގުމުގައި ނުވަތަ ކުޅުންތެރިން ނެގުމުގައި މި އެކަޑަމީގެ ތެރެއިން ކޮންމެވެސް ވަރެއްގެ މަސައްކަތްކޮށްފައި ތިބި ކުޅުންތެރިން ނެގޭނެ ގޮތަށް ހަމަޖެހިގެންދާނީ. އަޅުގަނޑުމެންގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ރާވާނީ ގާތްގަނޑަކަށް 30 ޕަސެންޓަކީ ކްލަބެއްގެ މިތަނުގެ ގްރެޖުއޭޑްޓްސް ކަމުގައި ވާން ޖެހޭ ގޮތަށް،" ބައްސާމް ވިދާޅުވިއެވެ.

"އެއަށްފަހު ގާތްގަނޑަކަށް 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބަލާނީ 100 ޕަސެންޓް ޓީމުތަކަށް ދާ ކުޅުންތެރިންނަކީ މިތަނުގެ ގްރެޖުއޭޓުންގެ ގޮތުގައި ކުރިއަށްދާން. މި އެކަޑަމީ މިއަށްވުރެ ވަރުގަދަ އެކަޑަމީއަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މިހާރު މިދަނީ ބޭރުގެ ބައެއް އެކަޑަމީތަކާ މަޝްވަރާ ކުރަމުން، އަޅުގަނޑުމެންނާ ގުޅިގެން މި މަސައްކަތް ކުރުމަށް. ވޯލްޑް ކަޕް ނިމުމަށްފަހު މީގެ އެންމެ ވަރުގަދަ މަޝްވަރާތައް ފެށިގެންދާނެ. އެހިސާބަށް ދިޔައީމަ އަޅުގަނޑުމެން އެއީ ކޮން އެކަޑަމީއެއްކަން ހިއްސާކުރާނަން،"

ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު ސާންތި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނޭޝަނަލް ފުޓްބޯލް އެކަޑަމީއަށް ކުޅުންތެރިން ހޯދުމާ ގުޅޭގޮތުން އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްޤަނީ (ސާންތި) ވިދާޅުވީ ފުރަތަމަ ރާވާފައި އޮތީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ހޯދުމަށް ކަމަށާއި ކުދިން ނެގުމުގައި ކްރައިޓީރިއާތަކަކަށް ބަލާނެ ކަމަށެވެ. އަދި ކުދިން ނެގުމުގައި އިސްކޮޅާއި ބަރުދަނާއި ސިއްހީ ގޮތުން ރަނގަޅު ކުއްޖެއްތޯ ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ އަޅުގަނޑުމެން ރާވާފައި މިއޮތީ އަތޮޅު ތެރެއަށް ގޮސް، އެފްއޭއެމްގައި މިވަގުތު ތިބި ކޯޗުންނާއި އެހީތެރިވާން ބޭނުންވާ ފަސްޓް ޑިވިޝަން ނުވަތަ އަޅުގަނޑުމެން ތެރޭގައި ތިބި ކޮލިފައިޑް ކޯޗުން ބޭނުންކޮށްގެން ކުޅުންތެރިންތަކެއް ނަގާ ގޮތަށް. އަޅުގަނޑުމެން ފުޓްބޯލް ޕޮޕިއުލޭރިޓީއަށާއި ކުޅުންތެރިން އުފެދިފައި ތިބި ރަށްތަކަށް އަޅުގަނޑުމެން އިސްކަން ދޭނަން. ފުޓްބޯޅައިގެ ތާރީހު އޮތް ރަށްތަކަށް އަޅުގަނޑުމެން ބޮޑު އިސްކަމެއް ދޭނަން. ޓެކްޓިކަލީ އެ ކުޅުންތެރިޔާގެ ހުނަރާއި، ޓެކްޓިކަލީ އެ ކުޅުންތެރިޔާގެ ފިޒިކަލް އަދި ކިޔެވުމުގެ ބެކްރައުންޑް ވެސް އަޅުގަނޑުމެން ބަލާނަން،" އޭނާ ވިދާޅުވިއެވެ.

ސާންތި ވިދާޅުވީ އަތޮޅުތެރެއިން ހޮވޭ ކުދިން ފައިނަލް ސިލެކްޝަނަށް މާލެ ގެންނާނެ ކަމަށާއި އެއަށްފަހު އެ ކުދިން ވަރަށް ރަނގަޅަށް ސްކީން ކުރުމަށްފަހު މެޑިކަލް ޓެސްޓްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ހޮވޭ ކުދިންގެ ބެލެނިވެރިންނާއި އެފްއޭއެމްއާ ދެމެދު ވެވޭ އެއްބަސްވުމަކާ އެއްކޮށް އެ ކުދިން އެކަޑަމީއަށް ބަދަލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް