ސަންޖޫ: ބާރު ސްޕީޑުގައި ކުރިއަށް

ސަންޖޫގައި ރަންބީރު ކަޕޫރު ----

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ސަންޖޫ" މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފައި ވާއިރު، އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އެބަ ދެއެވެ.

ފިލްމު ރިލީޒް ކުރި ދުވަހު، ފިލްމަށް 34.75 ކުރޯރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއާއެކު "ސަންޖޫ" ވެގެންގޮސްފައި ވަނީ މިއަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.

އެ ރެކޯޑު "ސަންޖޫ" އިން ހޯދީ ސަލްމާން ޚާންގެ "ރޭސް 3" ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދަރްޝް ބުނީ ތިން ދުވަހުގެ ތެރޭގައި "ސަންޖޫ" އަށް 100 ކުރޯރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.

ރާޖްކުމާރު ހިރާނީ ލިޔެ، ޑައިރެކްޓުކޮށްފައިވާ އެ ފިލްމަށް އާންމުންގެ އިތުރުން ކްރިޓީކުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ޚާއްސަކޮށް، ރަންބީރުގެ އެކްޓިން އެންމެން ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ. ރަންބީރުގެ ވާހަކަ ދެއްކުމާއި، ހިނގުމާއި ހަށިގަނޑު ވެސް ސަންޖޭ އާއި ތަފާތެއް ނެތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަދި ފިލްމު ބަލަން އިންނަ އިރު ސްކްރީނުން ފެންނަނީ ސަންޖޭ ދަތު ކަމަށް ހީވާ ފަހަރު ވެސް ދާ ކަމަށާއި، "ސަަންޖޫ" އަކީ ރަންބީރުގެ އެންމެ ކާމިޔާބު ފިލްމަށް ވާނެ ކަމަށެވެ.

ފިލްމުގައި ރަންބީރުގެ އިތުރުން ދެން ފެނިގެން ދާނީ ޕަރޭޝް ރާވަލް، މަނީޝާ ކޮއިރަލާ، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، ދިއާ މިރްޒާ، އަދި ސޯނަމް ކަޕޫރެވެ.

ރަންބީރުގެ އިތުރުން ފިލްމުގެ ސަޕޯޓިން ރޯލަކުން ފެނިގެންދާ އެކްޓަރު ވިކީ ކޯޝަލް އަށް ވެސް ގިނަ ބައެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ.

comment ކޮމެންޓް