ކޮކާ ކޯލާއިން ވޯލްޑް ކަޕް މެޗެއް ބަލައިލުމަށް ރަޝިއާއަށް ފޮނުވާ ފަހު ބެޗު ފުރައިފި

ކޮކާ ކޯލާއިން ވޯލްޑް ކަޕް މެޗެއް ބަލައިލުމަށް ފޮނުވާ ފަހު ބެޗު ރަޝިއާއަށް ފުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮންމެ އަހަރަކުވެސް ކޮކާ ކޯލާގެ ފަރާތުން ދިވެހިންނަށް ވޯލްޑް ކަޕް ތަޖުރިބާ ކޮށްލަން ހިލޭ ދަތުރުތަކެއް ދޭ އިރު، މިއަހަރުގެ ވޯލްޑް ކަޕަށްދާ ދިވެހިންގެ ފަހު ބެޗު މިއަދު ރަޝިއާގެ މޮސްކޯއަށް ފުރައިފިއެވެ.

މިއަހަރު ކޮކާ ކޯލާގެ ފަރާތުން 30 ދިވެހިން ރަޝިއާއަށް ގެންދަން ހަމަޖެހިފައިވާ އިރު، މިއަދު ފުރީ 18 މީހުންގެ ބެޗެކެވެ. އޭގެ އިތުރުން ރަޝިއާއިން ދެ ބައިވެރިޔަކު ޓީމާ ގުޅޭނެއެވެ. ދިހަ މީހުންނާއެކު ކުރިން ފުރި ބެޗު، މިހާރު ވަނީ ރަޝިއާގައި ތަޖުރިބާތައް ކޮށްފައެވެ.

ކޮކާ ކޯލާއިން ވޯލްޑް ކަޕް މެޗެއް ބަލައިލުމަށް ފޮނުވާ ފަހު ބެޗު ރަޝިއާއަށް ފުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޮސްކޯއަށް ފުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ދަތުރުގައި ބައިވެރިވާ ފިރިހެން ބައިވެރިޔަކު ބުނީ ކޮކާ ކޯލާގެ ފަރާތުން މިފަދަ ފުރުސަތެއް ލިބުނީތީ ވަރަށް އުފާކުރާ ކަމަށެވެ.

"ވަރަށް އުފާވޭ ކޮކާ ކޯލާގެ ފަރާތުން މިފަދަ ފުރުސަތެއް ލިބުނީތީ. އެއްވެސް އިރެއްގައި އަޅުގަނޑުމެންނަށް ނުފެންނަ ބޭފުޅުން މިތިބީ. އެކަމަކު ވެސް މިހާރު އެއީ ހަމަ އަޅުގަނޑުގެ ރައްޓެހިން. އެހެންވީމާ ވަރަށް އުފާވޭ،" އޭނާ ބުންޏެވެ.

ދަތުރުގައި ބައިވެރިވާ އަންހެން ބައިވެރިޔަކު ބުނީ ކޮކާ ކޯލާއިން މިފަދަ ފުރުސަތުތަކެއް އާންމު ރައްޔިތުންނަށް ހުޅުވާލާތީ ވަރަށް އުފާކުރާ ކަމަށެވެ.

"އެންމެ އެކްސައިޓް ވަނީ ވޯލްޑް ކަޕް މެޗެއް ބަލައިލެވޭތީ. ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހައިން ލިބޭނެ ފުރުސަތެއް ނޫން މިއީ. މޮސްކޯއަށް ދެވިދާނެ. އެކަމަކު ވޯލްޑް ކަޕް ބަލައިލަން ފުރުސަތު ލިބޭތީ އެންމެ އެކްސައިޓް ވަނީ،" އޭނާ ބުންޏެވެ.

ކޮކާ ކޯލާ މޯލްޑިވްސްގެ ޖެނެރަލް ސޭލްސް މެނޭޖަރު ސްރިކާންތު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ފުރި ބެޗަށް ވޯލްޑް ކަޕް ގަދަ 16ގައި އިނގިރޭސީންނާއި ކޮލަމްބިއާ ބައްދަލުކުރާ މެޗު ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ. އެ މެޗު ބަލައިލުމަށް ދަނޑުގެ ވަރަށް ރަނގަޅު ހިސާބަކުން ޖާގަ ލިބޭނެ ކަމުގެ ޔަގީންކަން ކޮކާ ކޯލާ މޯލްޑިވްސްގެ ޖެނެރަލް ސޭލްސް މެނޭޖަރު ސްރިކާންތު ގުންޑެމޮނީ ދެއްވިއެވެ.

"ރަޝިއާއިން އިތުރު ދެ ބައިވެރިން މި ޓީމާ ގުޅޭނެ. އެ ދެ ބައިވެރިން ވަނީ ރަޝިއާއިން ވަރަށް ރަނގަޅަށް ކަންކަން އިންތިޒާމްކޮށްފައި. މިއީ ހަތަރު ދުވަހާއި ތިން ރޭގެ އިވެންޓެއް. ބަލައިލަން މި ލިބެނީ އެންމެ ވަރުގަދަ އެއް މެޗު. ވަރަށް ރަނގަޅު ހިސާބަކުން މެޗު ފެންނާނެ،" އޭނާ ވިދާޅުވިއެވެ.

ސްރިކާންތު ވިދާޅުވީ މެޗު ބަލައިލުމުގެ ފުރުސަތުގެ އިތުރުން އެ ދަތުރުގައި ވަރަށް ރަނގަޅު ޓުއާތަކެއް ވެސް ހިމެނިފައިވާ ކަމަށާއި ދަތުރުގެ ތެރެއިން ރަޝިއާގެ ތާރީހު ވެސް އެނގިގެންދާނެ ކަމަށެވެ. އަދި ކޮކާ ކޯލާއަކީ ފީފާގެ ޕާޓްނަރެއް ކަމަށްވުމުން ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރު ފުރި ނަސީބުވެރިންނާއެކު 'ސަން'ގެ ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަމްއޫން ވެސް ވަނީ ބައިވެރިވެފައެވެ. ޝަމްއޫނަކީ ސަންގެ ވޯލްޑް ކަޕް ކަވަރޭޖާއި ކުޅިވަރު ހަބަރުތައް ފުރިހަމައަށް ގެނެސްދިނުމަށްޓަކައި އިސް ދައުރެއް އަދާކުރަމުންދާ ނޫސްވެރިއެކެވެ.

ދަތުރުގައި ބައިވެރިވި ސަންގެ ކުޅިވަރު ނޫސްވެރިޔާ ޝަމްއޫން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޮކާ ކޯލާގެ ފަރާތުން ކޮންމެ ފަހަރަކުވެސް ދިވެހިންގެ ތެރެއިން ބަޔަކު ވޯލްޑް ކަޕަށް ފޮނުވަމުންދާ އިރު، މިއަހަރުވެސް 30 މީހުން ހޮވާފައިވަނީ ނަސީބު ކޫޕަން ނަގައިގެންނެވެ. ނަސީބުން ހޮވޭ ފަރާތްތަކަށް ދެކޮޅު ޓިކެޓާއި ދަތުރަށް ދާ ހުރިހާ ހަރަދެއް ދެނީ ކޮކާ ކޯލާއިންނެވެ.

މީގެ ކުރިން ފުރި ބެޗަށް ވަނީ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމްއާއި ޓީއުނީޝިއާ ބައްދަލުކުރި މެޗު ބަލައިލުމުގެ ފުރުސަތު ލިބިފައެވެ. އޭގެ އިތުރުން އެ ބައިވެރިންނަށް ވެސް ރަޝިއާ ބަލާލައި، ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކޮކާ ކޯލާއިން ތަނަވަސްކޮށްދިނެވެ.

ކޮކާ ކޯލާއަކީ ވޯލްޑް ކަޕްގެ އެންމެ ލޯޔަލް އެއް ސްޕޮންސަރެވެ. ކޮކާ ކޯލާގެ ޓްރޮފީ ޓުއާގައި ވޯލްޑް ކަޕްގެ އަސްލު ތަށިވެސް މިފަހަރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. މީގެ އިތުރުންވެސް ވޯލްޑް ކަޕާ ގުޅިގެން ކޮކާ ކޯލާއިން އަބަދުވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންދެއެވެ.

comment ކޮމެންޓް