ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ 52 ޕަސެންޓުން: ނިހާން

ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ނިހާން އަދި ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް --- ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނީ 52 ޕަސެންޓުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރަނިންމޭޓަކު ނެރެގެން އިދިކޮޅު ޕާޓީޓަކުން އިންތިޚާބަށް ނުކުންނަން ނިންމުމާ ގުޅިގެން ނިހާން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ހިސާބު ޖަހާނެ ގޮތަކަށް ޖައްސަވަންވީ ކަމަށެވެ. އަދި ނެރޭނެ ވަރަކަށް ކެންޑިޑޭޓުންނާއި ރަނިންމޭޓުން ނެރެގެންވެސް ދިވެހި ރައްޔިތުން ދެން ތަރައްގީއަށް ނޫނެކޭ ނުބުނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"2018 ރިޔާސީ އިންތިހާބު ﷲގެ އިރާދަފުޅާ މިންވަރު ފުޅާއެކު ރައީސް ޔާމީން 52 ޕަސެންޓުން ކާމިޔާބު ކުރައްވާނެ،" ނިހާން ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.

އެއާއެކު އިދިކޮޅު ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ރޭ ވަނީ އެމްޑީޕީގެ ކެންޑިޑޭޓެއް އަދި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓެއް ނެރުމަށް އެއްބަސްވެފައެވެ. އެމްޑީޕީގެ ކެންޑިޑޭޓު އަދި ކަނޑައަޅާފައެއް ނުވެއެވެ.

ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށް ނިންމައި، ކެމްޕެއިން ވަރުގަދަ އަށް ކުރަމުންނެވެ.

comment ކޮމެންޓް