ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ލަނޑު ޖެހީ ޕްރިމިއާ ލީގާއި ސްޕެނިޝް ލަލީގާއަށް ކުޅޭ ކުޅުންތެރިން!

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ވޯލްޑް ކަޕް 2018ގެ ގްރޫޕް ސްޓޭޖުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ވެސް ގިނަ އަދަދެއްގެ ލަނޑުތަކެއް ފެނިގެންދިޔައެވެ. އެ ލަނޑުތަކުގެ ތެރެއިން އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ސްޕެނިޝް ލަލީގާއާއި އިނގިރޭސި ޕްރިމިއާ ލީގަށް ކުޅޭ ކުޅުންތެރިންނެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު 48 މެޗުން ފެނިގެންދިޔަ 122 ލަނޑުގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން 31 ލަނޑު ކާމިޔާބުކުރި އިރު، ސްޕެނިޝް ލަލީގާގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން 29 ލަނޑު ކާމިޔާބުކުރިއެވެ. އަދި އެ ދެ ގައުމުގެ ދެވަނަ ޑިވިޝަންގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ހަތަރު ލަނޑު ކާމިޔާބުކުރިއެވެ.

އިނގިރޭސި ފޯވަޑް ހެރީ ކޭން ވަނީ ވޯލްޑް ކަޕް 2018ގެ ގްރޫޕް ސްޓޭޖުގައި ފަސް ލަނޑު ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ތެރޭގައި ޕްރިމިއާ ލީގުގައި ކުޅޭ ދެ ކުޅުންތެރިން ހިމެނެއެވެ. ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމުގެ ޓޮޓެންހަމް ހޮޓްސްޕާގެ ފޯވަޑް ފަސް ލަނޑު ލަނޑު ކާމިޔާބުކޮށްފައިވާ އިރު، ބެލްޖިއަމް ގައުމީ ޓީމުގެ މެންޗެސްޓާ ޔުނައިޓެޑް ފޯވަޑް ރޮމެލޫ ލުކާކޫ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހަތަރު ލަނޑު ކާމިޔާބުކޮށްފައިވާ އިރު، އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ސްޕެއިން ފޯވަޑް ޑިއޭގޯ ކޮސްޓާ އަދި ވިޔަރެއާލަށް ކުޅޭ ރަޝިއާގެ މިޑްފީލްޑަރު ޑެނިސް ޗެރިޝޭފް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ވަނީ ވޯލްޑް ކަޕް 2018ގެ ގްރޫޕް ސްޓޭޖުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގަށް ކުޅޭ ކޭން އަދި ލުކާކޫ ވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން ފެނިފައެއް ނުވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސީންނާއި ބެލްޖިއަމް ކުޅުނު މެޗުގައި އެ ދެ ކުޅުންތެރިން ފެނިފައިނުވަނީ އެ ދެ ޓީމަށް ވެސް ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައި އޮތުމުންނެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ފަސް ކުޅުންތެރިން ވެސް ގަދަ 16ގައި ފެނިގެންދާނެއެވެ.

ވޯލްޑް ކަޕްގައި ފްރާންސް ލީގުގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ވަނީ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. ޖަރުމަން ބުންޑަސްލީގާގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން އަށް ލަނޑު ކާމިޔާބުކޮށްފައިވާ އިރު، އިޓަލީ ލީގުގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ވަނީ ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

ވޯލްޑް ކަޕްގައި ރެއާލް މެޑްރިޑަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ވަނީ ނުވަ ލަނޑު ފެނިގެންގޮސްފައެވެ. ބާސެލޯނާއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން އަށް ލަނޑު ފެނިގެންދިޔަ އިރު، ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ވެސް އަށް ލަނޑު ފެނިގެންގޮސްފައިވެއެވެ.

ސްޕެއިން ފޯވަޑް ޑިއޭގޯ ކޮސްޓާ ވަނީ ވޯލްޑް ކަޕް 2018ގެ ގްރޫޕް ސްޓޭޖުގައި ތިން ލަނޑު ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ

މިފަހަރުގެ މުބާރާތުގައި އެންމެ ލަނޑެއް ވެސް ކާމިޔާބު ކުރެވިފައިނުވާ ކުޅުންތެރިންގެ ތެރޭގައި ޖަރުމަން ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން މިއުނިކަށް ކުޅޭ ކުޅުންތެރިން ހިމެނެއެވެ. މީގެ ހަތަރު އަހަރު ކުރިން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ބަޔާނަށް ކުޅޭ ކުޅުންތެރިންނެވެ. އެފަހަރުގެ ވޯލްޑް ކަޕްގައި ބަޔާނަށް ކުޅޭ ކުޅުންތެރިން ވަނީ 18 ލަނޑު ކާމިޔާބުކޮށްފައެވެ.

އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެސްއެލް)އަށް ކުޅޭ ދެ ކުޅުންތެރިޔަކު ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ލަނޑެއް ޖަހައިފައެވެ. އެއީ ލޮސް އެންޖެލެސް އެފްސީއަށް ކުޅޭ މެކްސިކޯގެ ކާލޮސް ވެލާ އާއި ވެންކޯވާ ވައިޓް ކެޕްސްއަށް ކުޅޭ ކޮސްޓަ ރިކާގެ ކެންޑެލް ވެސްޓަންއެވެ.

ގްރޫޕް ސްޓޭޖުގައި ޖުމްލަ 86 ކުޅުންތެރިޔަކު ވަނީ ލަނޑު ޖަހައިފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި 122 ލަނޑު ފެނިގެންދިޔަ ނަމަވެސް، އެއީ މީގެ ހަތަރު އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޖެހި ލަނޑުގެ އަދަދަށްވުރެ މަދު އަދަދެކެވެ. އެފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި 136 ލަނޑު ފެނިގެންދިޔައެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ބައިކޮޅަށް ވަން ނުވަ ލަނޑު ފެނިގެންދިޔައެވެ. އެއީ ވޯލްޑް ކަޕްގެ ރެކޯޑެކެވެ. ގްރޫޕް ސްޓޭޖުގައި ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ހަމައެކަނި މެޗަކީ ފްރާންސްއާއި ޑެންމާކް ބައްދަލުކުރި މެޗެވެ.

comment ކޮމެންޓް