މާޒިޔާއިން ފަހުވަގުތު އީގަލްސްއާ އެއްވަރުކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުްނ އެއްވަރު ވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަހުވަގުތު ކްލަބު އީގަލްސްއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މިއަދުގެ މެޗަކީ އެ ދެޓީމުވެސް ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. އީގަލްސްއަށް މިއަހަރަކީ ދިވެހި ޕްރިމިއާ ލީގު ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އެޓީމަށް މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ގެއްލުނު ނަމަވެސް މި ސީޒަންގެ މާލޭ ލީގުގައި އީގަލްސްއިން ނިންމާލީ ދެވަނައިގައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނީ އީގަލްސްއިންނެވެ. ހާއްސަކޮށް އެޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ހަމަލާތައް އުފައްދަން މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. މާޒިޔާއިން ކައުންޓާ އެޓޭކަށް ވިސްނައިގެން ކުޅުނު އިރު، އެޓީމުން ބޭނުން ކުރަމުން އައީ ފޯވަޑް ކޯނެލިއަސް ސްޓެވާޓާއި ނާއިޒް ހަސަން (ދާދު)ގެ ބާރު ދުވެއްޔެވެ.

މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާގެ ޒުވާން ކީޕަރު ހުސައިން ޝަރީފްގެ ފަރާތުން މުހިއްމު ދެ ސޭވް އެއް ފެނިގެންދިޔަ އިރު، އީގަލްސްގެ ލުއިޒް އެޑުއާޑޯ އޭރިއާ ތެރޭގައި ހުސްކޮށް އޮވެ ފޮނުވާލި ހަމަލާ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވުނެވެ.

މެޗުގެ ފުރަތަމަ ހާފްގެ ފަހު ކޮޅުގައި އީގަލްސްއިން ވަރަށް ބޮޑަށް ޕުޝްކޮށްގެން ކުޅުނު ނަމަވެސް އެޓީމަށް މާޒިޔާގެ ގޯލް ފޫއަޅުވާ ލެވޭގޮތެއް ނުވިއެވެ. އަހުމަދު ރިޒުވާން (ރިޒޭ)ގެ ފުރުސަތެއްގެ އިތުރުން ހަސަން ރާއިފް (ހަންނަ)ގެ ނުރައްކާތެރި ދެ ހުރަހެއްވެސް ފާހަގަކޮށްލެވުނެވެ.

ފުރަތަމަ ހާފްގައި މާޒިޔާގެ އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ފަރާތުން ދުރު ހަމަލާއެއް ފެނުނު ނަމަވެސް އެ ހަމަލާ އަމާޒުވީ ސީދާ އީގަލްސް ގޯލްކީޕަރު ސުޖަން ޕެރޭރާގެ އަތަށެވެ. މެޗުގެ ފަހު ހާފްގެ ފަހު މިނެޓުގައި މާޒިޔާއިން ލީޑު ނެގިއެވެ. އޭރިއާ ތެރެއިން ޑިފެންޑަރު ޝިފާން ހަސަން، މާޒިޔާގެ ކޯނެލިއަސްއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީވެސް ކޯނެލިއަސްއެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުްނ އެއްވަރު ވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލީޑުގައި އޮވެ ދެވަނަ ހާފަށް ނުކުތް މާޒިޔާއިން ކުޅުން ވަރުގަދަ ކުރިއެވެ. ހާފްގެ ކުރީކޮޅުގައި ލިބުނު ކޯނަރަކުން ސަމޫހު އަލީ (ސަމުއްޓޭ) ބޮލުން ޖެހި ބޯޅަ، ގޯލްގެ އަރިމަތިން ބޭރަށް ދިޔަ އިރު، އިސްމާއީލް އީސަ (މެސީ)ގެ ހަމަލާއަށް ހުރަސް އެޅީ އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް)އެވެ.

މާޒިޔާއިން ރަނގަޅަށް ހާފް ފެށި ނަމަވެސް، މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައީ އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރުމުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި ރިޒޭ ހުރަސްކުރި ބޯޅައަށް އޭރިއާ ތެރެއަށް ވަދެ ނިންމާލީ ޕްރިމިއާ ލީގަށް ޓީމާ ގުޅުނު އޮސްޓްރޭލިއާގެ އެޓޭކިން މިޑްފީލްޑަރު ޑިކްޒަން ޑެނިއަލްސްއެވެ.

އޭގެ ފަހުންވެސް މާޒިޔާގެ ކޯނެލިއަސްއާއި މެދުތެރެއަށް ކުޅެމުން ދިޔަ ޔަސްފާދު ހަބީބު (މުލަކޭ)އަށް ދެ ފުރުސަތެއް ލިބި ބޭކާރު ވެފައިވާ އިރު، އަނެއްކާވެސް ލީޑު ނެގީ އީގަލްސްއިންނެވެ. ޑިފެންސްގެ އަރިމަތިން ނޫމާން، މަތިމަތިން ދިން ތުރޫ ބޯޅައަށް އޭރިއާ ތެރެއަށް ވަދެ، ކީޕަރު ބޯމަތިން ބޯޅަ އެއްލުމަށްފަހު ލުއިޒް އެޑުއާޑޯ ބޯޅަ ނިންމާލީ ފަސޭހަ ކަމާއެކު ހުސްކޮށް އޮވެގެންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުްނ އެއްވަރު ވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އީގަލްސްގެ ފޯވަޑް ލުއިޒް އެޑިއާޑޯއަކީ މާލޭ ލީގުގެވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އޭނާ މިއަދުގެ މެޗުގައި ފާހަގަ ކޮށްލެވުނީ ނުރައްކާތެރިކޮށެވެ.

މެޗުގެ ފަހު ވަގުތަށް ދިޔަ އިރު، ދެ ޓީމުންވެސް ވާދަވެރިކަން ފެނިގެންދިޔަ އިރު، މާޒިޔާއިން ކުރިއަށް ޖެހި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެޓީމު ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގައެވެ. ކޯނެލިއަސް ހުރަސް ކުރި ބޯޅަ ތިރި ތިރިން ދިޔަ އިރު، އެ ބޯޅަ ފަސޭހަކޮށް ނިންމާލީ މެސީއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 9:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ފ. ނިލަންދުއެވެ.

comment ކޮމެންޓް