އައްޑުއަށް އެނދު އިތުރުކުރަނީ، ފްލައިޓުތަކަށް އެއާޕޯޓު ތައްޔާރު

އައްޑޫގައި ނޭޗާ ޕާކް ހަދާ ސަރަހައްދުގައި ބަޔަކު ކެނޯ ދުއްވަނީ--

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއަކީ ތަފާތު ސަރަހައްދެކެވެ. ތާރީޚީ ތަންތަނާއި، ތަފާތު ސަގާފަތްތަކާއި ގުދުރަތީ ތަފާތު ރީތިކަމެއް ލިބިފައިވެ އެވެ. އާބާދީވެސް ބޮޑެވެ.

އައްޑޫގައި ތަފާތުތަކެއް އެބަ ހުއްޓެވެ. ގާބިލިއްޔަތު ވެސް އެބަ އޮތެވެ. ނަމަވެސް ނެތީ ފުޅާވެފައިވާ ޓޫރިޒަމް އިންޑަސްޓްރީއެކެވެ.

ރާއްޖޭގެ އެންމެ ދިގު ރަންވޭ އައްޑޫގައި!

އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތް އިރު އައްޑޫގައި އެމީހުން އެޅި އެއާޕޯޓު މަޑުމަޑުން ތަރައްގީކުރަމުން އައިސް އިންޓަނޭޝަނަލް ކުރެވި، މިހާރު އެ އެއާޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި ދިގު ރަންވޭ އޮތް ތަނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރާ ރަންވޭގެ ދިގުމިނަކީ 3.2 ކިލޯ މީޓަރެވެ. އަދި މިހާރު ތަރައްގީކުރާ އާ ރަންވޭގެ ދިގުމިނަކީ 3.4 ކިލޯ މީޓަރެވެ. ނަމަވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ 2016 ވަނަ އަހަރު އެއަށް ވުރެ ވެސް ދިގެވެ. އެއީ 3.6 ކިލޯ މީޓަރެވެ. ކޮމާޝަލް އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހުރިހާ އެއާކްރާފްޓަކަށް ވެސް، ދުވަހުގެ ކޮންމެ ވަގުތެއްގައި ވެސް ޖެއްސޭނެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަށް ބައެއް އިތުރުކޮށް، ބޮޑުކޮށްފައި --

ރަންވޭ އާއި އެއާޕޯޓުގެ އެހެނިހެން ކަންކަން ތަރައްގީކުރުމަށް މިއަދާ ހަމައަށް 585 މިލިޔަން ރުފިޔާ އިންވެސްޓްކޮށްފިއެވެ.

އައްޑޫ އެއާޕޯޓަށް 2016 ވަނަ އަހަރު ސްރީލަންކަން އެއާލައިންސް ވަނީ ޝެޑިއުލް ދަތުރުތައް ފަށައިފައެވެ. ހަފްތާއަކު ތިން ދަތުރެވެ. ފަތުރުވެރިން ރާއްޖެ އަންނަ މަތިންދާބޯޓުތަކަށް ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް އައްޑޫގައި އެބަ ހުއްޓެވެ. އެހެންކަމުން ފަތުރުވެރިން ނުގެނެވެނީ ކީއްވެގެން ހެއްޔެވެ؟

ބެޑް ކެޕޭސިޓީ ދަށް

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރުކަމާ މި އަހަރު ހަވާލުވެވަޑައިގެންނެވި މުހައްމަދު ލަތީފް ވިދާޅުވި ގޮތުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓުތަކުގެ މާ ބޮޑު ޑިމާންޑެއް ނެތީއެވެ.

"އިންޓަނޭޝަނަލް ފްލައިޓްސްގެ މާ ބޮޑު ޑިމާންޓެއް ނެތް. ސަބަބަކީ ޓޫރިސްޓް ބެޑް ކެޕޭސިޓީ މަދުވުން،" ސަން ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަމުން ލަތީފު ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އެމްޑީ މުހައްމަދު ލަތީފް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ބެޑް ކެޕޭސިޓީ ދަށްވެ، ބައިނަލްއަގުވާމީ އެއާލައިނުތައް އައްޑޫއަށް ދަތުރު ނުކުރި ނަމަވެސް، ލަތީފު ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ވެސް އެތައް ޕްރައިވެޓް ޖެޓު ގަން އެއާޕޯޓަށް ޖައްސައެވެ. ގާތްގަނޑަކަށް މަހަކު 12 ޖެޓެވެ.

"ބެޑް ކެޕޭސިޓީ އިތުރުވެގެން ދިޔައިމަ އާޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ އެއާޕޯޓުގެ ޑިމާންޑު އިތުރުވެގެން ދާނެ،" ލަތީފު ވިދާޅުވިއެވެ.

ޓޫރިޒަމް މޮޑެލް ބަދަލުކުރަން ޖެހޭ

ލަތީފްގެ ނަޒަރުގައި ފަތުރުވެރިންނަށް އައްޑޫއިން ލިބޭނެ ތަޖުރިބާ ބައިވަރެވެ.

"ދިވެހިރާއްޖޭގައި ހުރިހާ ދިމާލެއްގައި ވެސް ޓޫރިޒަމުގައި ފެންނަނީ ބީޗާއި މޫދު. ކުޑަކުޑަ ރަށްރަށުގައި ޓޫރިސްޓުން ބަންދުވެފައި މިތިބެނީ،"

"އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވޭ ޓޫރިސްޓުން އެއްތަނެއްގައި ތިބުމަށް ވުރެ، މޫވް އައުޓް ކޮށްގެން މީހުންގެ ތެރެއަށް ގޮސް އުޅެން މާ އެންޖޯއި ކުރޭ،" ލަތީފް ވިދާޅުވިއެވެ.

އެހެން ނަމަވެސް އައްޑޫގައި އެހެނެއް ނުވާނެއެވެ. އެއާޕޯޓު އޮންނަ ގަމާއި ގިނަ ރަށްތަކެއް އޮންނަނީ 16 ކިލޯމީޓަރުގެ ލިންކް ރޯޑުން ގުޅާލެވިފައެވެ. ގަމާއި ހިތަދޫގައި މީގެ އަހަރުތަކެއް ކުރިން އިނގިރޭސީން ބިނާކުރި، ތާރީޚީ ބުރަދަން ހުރި ތަކެއްޗާއި ތަންތަން އެބަ ހުއްޓެވެ. ގުދުރަތީ ގޮތުން ތިމާވެށި ވަރަށް މުއްސަންޖެވެ. ނޭޗާ ޕާކު ވެސް ހުޅުވަން ތައްޔާރެވެ.

އައްޑޫގައި ތަރައްގީ ކުރާ ނޭޗާ ޕާކު މަޝްރޫއުގެ ތެރެއިން ހަދާ ވިޒިޓާސް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ ސީކެޕް

"ގަމުން ހިތަދޫ ކޯއްޓޭ ކޮޅާ ހަމައަށް 16 ކިލޯ މީޓަރު ދުއްވާފައި ބައިސްކަލުގައި އެބަ ދެވޭ،"

އޭގެ އިތުރުން ލަތީފް ވިދާޅުވި ގޮތުގައި، އައްޑޫގެ ލިންކް ރޯޑުން ދާ އިރު މިހާރު މުޅިން ވެސް ފެންނަނީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކެވެ. ބެޑް ކެޕޭސިޓީ އިތުރުވެ، ފަތުރުވެރިން އައްޑޫއަށް ގިނަވާން ފެށުމުން އާންމުންގެ ވިޔަފާރި ވެސް ފުޅާވެގެން ދާނެއެވެ.

އެނދު އިތުރުކުރަން ގިނަ މަސައްކަތްތަކެއް

މިވަގުތު އައްޑޫ ސިޓީގައި ހިންގާ ތިން ރިސޯޓެއް އޮވެއެވެ. އެއީ ގަމުގައި އީކުއޭޓާ ވިލެޖު، ވިލިނގިލީގައި ޝަންގްރިލާ ވިލިނގިލި ރިސޯޓު، އަދި ހެރެތެރޭގައި ކެނަރީފެވެ.

ގަމުގައި ހުންނަ "ދޫގަސް"ގައި ހޮޓަލެއް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ދާދި ފަހުން ވަނީ ހަވާލުކޮށްފައެވެ. ދޫގަހުގައި ގާތްގަނޑަކަށް 150 ކޮޓަރި ހުންނާނެއެވެ.

ލަތީފް ވިދާޅުވީ، ގަން އެއާޕޯޓު ހިންގާ ކުންފުނިން ވެސް ގަމުގައި ތިން ތަރީގެ ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އައްޑޫ ސިޓީގެ ހެރެތެރޭގައި ހަދާފައިވާ ކެނެރީފް ރިސޯޓު --

"އަޅުގަނޑުމެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން އަމިއްލައަށް އަޅާ ހޮޓަލެއް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ. އެއީ 100 ކޮޓަރީ ހޮޓަލެއް. އޭގެ އިތުރުން ދޫގަސް ނިމިގެން ދާ އިރު 150 ކޮޓަރި ހުންނާނެ. އީކުއޭޓާ ވިލެޖުގައި މިހާރު ވެސް 150 އެއްހާ ކޮޓަރި ހުންނާނެ،"

ލަތީފު ވިދާޅުވީ ދޫގަސް މަޝްރޫއާއި އެއާޕޯޓު ކުންފުނިން އަޅާ ހޮޓެލް ނިމުމުން ގަމުގެ ބެޑް ކެޕޭސިޓީ 400 އަށް ވުރެ އިތުރުވާނެ ކަމަށެވެ.

މި މަޝްރޫއުތަކުގެ އިތުރުން އައްޑޫ ސިޓީގެ އިސްމެހެލަ ހެރައިގައި އަމިއްލަ ފަރާތަކުން މިހާރު ދަނީ ރިސޯޓެއް ތަރައްގީކުރަމުންނެވެ. އެ ރިސޯޓު ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގައި ގެސްޓްހައުސް ފަތުރުވެރިކަން ފުޅާކުރުމަށް ޓަކައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވަނީ އެ ސިޓީގެ ހަ ސަރަހައްދެއްގައި މަޝްރޫއެއް ފަށަން ތައްޔާރުވެފައެވެ.

އާ ފްލައިޓުތަކަށް އެއާޕޯޓު ތައްޔާރު!

ގިނަ މަޝްރޫއުތަކެއް ކުރިއަށް ގޮސް، އައްޑޫގައި ގިނަ އެނދުތަކެއް އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރަމުންދާ އިރު، ލަތީފު ވިދާޅުވީ ގަން އެއާޕޯޓު އޮތީ އާ ފްލައިޓުތަކަށް ތައްޔާރަށް ކަމަށެވެ.

"މިވަގުތު 10 އެއާލައިނު އަޔަސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. މުވައްޒަފުން ވެސް ތިބީ ތައްޔާރަށް،" ލަތީފް ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންސްއިން ގަމަށް ޖެއްސި ފުރަތަމަ ފްލައިޓު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ލަތީފް ވިދާޅުވި ގޮތުގައި މިއަހަރުގެ ފަހުކޮޅު ދެކުނު އެފްރިކާގެ ސައުތު އެފްރިކަން އެއާވޭސް އިން ގަމަށް ޗާޓަރު ދަތުރުތަކެއް ކުރުމަށް ވަނީ ނިންމައިފައެވެ. އެގައުމުގެ ޓުއާ އޭޖެންޓުން ރާއްޖެ އައިސް، އައްޑޫގެ ރިސޯޓުތައް ވެސް ބަލައިފައެވެ. އަދި އެ އެއާލައިން ރާއްޖެއަށް ދަތުރުކުރުމަށް ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ހުއްދަ ދޫކޮށްފައިވާ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

"މިއީ އައްޑޫ ރައްޔިތުންނަށް ލިބޭ އުފާވެރިކަން. ދެކުނު އެފްރިކާއާއި ގަމާ ދެމެދު ޑައިރެކްޓް ފްލައިޓުތައް ފެށުމަށް އެއާޕޯޓުގެ ހުރިހާ މުވައްޒަފުން ވެސް ދަނީ ތައްޔާރުވަމުން." ލަތީފް ވިދާޅުވިއެވެ.

comment ކޮމެންޓް