ސްޓެލްކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި

ސުޓެލްކޯ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްކޫލް ނިންމައި، ވަޒީފާގެ ފުރުސަތު ލިބިފައި ނުވާ ޒުވާނުންނަށް ސްޓެލްކޯއިން އެޕްރެންޓިސްޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަކީ ވަޒީފާއެއްގެ ތަޖުރިބާ ނެތް ފަރާތްތަކަށް އެ ވަޒީފާއެއްގައި ހުރެގެން ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާ ޕްރޮގްރާމެކެވެ.

ސަރުކާރުގެ މައި ކަރަންޓް ކުންފުނި ސްޓެލްކޯއިން ބުނީ، މިއީ އެ ކުންފުންޏަށް އަންނަމުންދާ ކުރިއެރުމާއި ގުޅިގެން މުޖުތަމައުއަށް ބޭނުންވާ ޒުވާނުން ބިނާކުރުމުގެ ސިޔާސަތު ދަށުން އެކި ދާއިރާތަކަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ސްކޫލް ނިންމައި ވަޒީފާގެ ފުރުސަތު ލިބިފައިނުވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދެ ޖިންސުގެ ޒުވާނުންނަށް ފުރުސަތު ހުޅުވާލައިފައިވާއިރު، ޕްރޮގްރާމް ފުރިހަމަ ކުރަމުންދާއިރު އެލަވަންސެއްގެ ގޮތުގައި މަހަކު 2،000 ރުފިޔާ ސްޓެލްކޯއިން ދޭނެއެވެ.

ސްޓެލްކޯއިން ބުނީ، އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާއިރު، ޕްރޮގްރާމްގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަކީ އެ ކުންފުނީގެ ބޮޑު އެދުމެއް ކަމަށެވެ.

އެގޮތުން، ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް، އެ ކުންފުނީގެ ނަންބަރު 3338238 އަދި 3338232 އަށް ގުޅައިގެން ނުވަތަ އެ ކުންފުނީގެ މެއިލް ނުވަތަ ހެޑް އޮފީހުގެ ރިސެޕްޝަނަށް ވަޑައިގެން ނަން ނޯޓް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް