އޭސީ މިލާން ވިލާތު ފުޓުބޯޅައިން އެއް އަހަރަށް ސަސްޕެންޑްކޮށްފި

އޭސީ މިލާން ވަނީ އެއް ސީޒަނަށް ވިލާތު ފުޓްބޯޅައިން ސަސްޕެންޑްކޮށްފައި--

ޔޫއެފާ ޗެމްޕިއަންސް ލީގު ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީ ފުޓްބޯޅައިގެ ގަދަ ބާރު، އޭސީ މިލާން އެއް އަހަރު ދުވަހަށް ޔޫރަޕްގެ ފުޓްބޯޅައިން ސަސްޕެންޑް ކޮށްފިއެވެ.

މިލާން ވަނީ، އިޓާލިއަން ލީގުގެ ހަވަނަ ހޯދައިގެން މިސީޒަންގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ވެފައެވެ.

ވިލާތު ފުޓްބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ބުނީ، މިދިޔަ ސީޒަންގެ ހޫނުމޫސުމުގެ ޓްރާންސްފަރގައި މިލާނުން ހޭދަކޮށްފައިވާ 200 މިލިއަން ޕައުންޑަކީ، އެ ކްލަބުގެ "ބްރޭކް އީވަން"އަށް ބޭނުންވާ އަދަދަށް ވުރެ ބޮޑު އަދަދެއްކަމަށްވާތީ، އެއީ ފައިނޭންޝަލް ފައަރޕްލޭ ރެގިއުލޭޝަންއާ ޚިލާފު ކަމެއް ކަމަށެވެ.

ޔޫއެފާގެ މި ނިންމުން، ކޯޓް އޮފް އާރބިޓްރޭޝަން ފޮރ ސްޕޯޓްގައި އެޕީލް ކުރުމުގެ ފުރުސަތު މިލާނަށް އޮންނާނެއެވެ.

ހުކުމުގެ ކުރީން އޭސީ މިލާނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، އެ ކްލަބުން އުންމީދުކުރަނީ، އެންމެނަށް ވެސް ހަމަހަމަ، ހުރިހާ ކަމަކަށް ބެލުމަށް ފަހު، ހަގީގަތާ އެއްގޮތަށް ފިޔަވަޅު އަޅުން ކަމަށެވެ. އަދި ކްލަބަށް މީގެ ކުރީން ގަވާއިދާ ޚިލާފު ކަމެއް ކުރެވިފައިވާ ނަމަ، އެކަން ރަނގަޅު ކުރާން ތައްޔާރު ކަމަށްވެސް މިލާނުން ވަނީ ބުނެފައެވެ.

އޭސީ މިލާންގެ ވެރިއެއްގެ ގޮތުގައި 1986 އިން ފެށިގެން ހުރީ އެގައުމުގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބަރލަސްކޯނީއެވެ. ނަމަވެސް 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޗައިނީޒް ކޮންސޯޓިއަމަަކަށް 648 މިލިއަން ޕައުންޑަށް ކްލަބު ވިއްކާލުމާއެކު، އަލަށް ކްލަބާ ހަވާލުވި ފަރާތުން ވަނީ، ކްލަބު ވަރުގަދަކުރުމަށް ބޮޑު ހޭދައެއް ކޮށްފައެވެ. އެގޮތުން، ލިއޮނާޑޯ ބޮނޫޗީ ހޯދުމަށް ޔުވެންޓަސްއަށް 35.1 މިލިއަން ޕައުންޑް، އަންޑްރޭ ސިލްވަރ ހޯދުމަށް އެފްސީ ޕޯޓޯއަށް 33.6 މިލިއަން ޕައުންޑް ހޭދަކުރިއެވެ. މިއީ މިލާންގެ ތާރީޚުގައި ވެސް ކުޅުންތެރިއަކު ހޯދުމަށް 30 މިލިއަން ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ.

ޔޫއެފާގެ ކަމާބެހޭ ދާއިރާއިން މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނީ، މިލާނުން ފައިސާ ހޭދަކުރުމުގައި، އޮޅުންއަރާ ފަދަ ކަންތައްތަކެއް ހުރި ކަމަށާއި އަދި އެ ޚަރަދުތަކަކީ، މިއަހަރުގެ އޮކްޓޫބަރު މަހު ދައްކައި ޚަލާސްކުރާގޮތަށް އެ ކްލަބުން ނަގާފައިވާ ލޯނުތަކާ ގުޅުން ހުރި ޚަރަދުތަކެއް ކަމަށެވެ.

މިލާނުން ބުނީ، އެކްލަބުން ކުޅުންތެރީންގެ އާ ޖީލެއް ބިނާކުރުމަށްޓަކައި 200 މިލިއަނަށް ވުރެ ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުރަތަމަ އަހަރު ނިމިގެން ދިޔަ އިރުވެސް އެ އިންވެސްޓްމަނަޓްގެ އަގަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، މިލާންގެ މާކެޓް ވެލިއުއަކީ، އިޓަލީ ލީގުގެ ތިންވަނަ ކަމަށެވެ.

ކްލަބުގެ އެއް ނަންބަރު ޓީމުގެ މުސާރަ ހުރީ ލިބޭ އާމްދަނީގެ 60 އިންސައްތައަށް ވުރެ ދަށުގައި ކަމަށާއި، ކްލަބުން އިންވެސްޓްކުރުމުގައި އަމާޒަކަށް ހަދާފައި ވަނީ، މުސްތަގުބަލަށް ރަނގަޅު ޒުވާން ޖީލެއް އުފެއްދުމަށް ކަމަށެވެ.

ކްލަބުގެ ހިއްސާދާރުންގެ އެހީތެރި ކަމާއެކު، ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، ޒިންމާދާރު ކަމާއެކު ދެފުށްފެންނަ ނިޒާމެއް ގާއިމުކުރެވިފައި ވާ ކަމަށް މިލާނުގެ ބަޔާނުގައި ވެއެވެ.

ޔޫއެފާ ފައިނޭންޝަލް ފެއަރ ޕްލޭ ރޫލްސް އަކީ، ކްލަބުތައް ބޮޑެތި އަދަދުތަކުން ދަރަނިވެރިވެ، ބަނގުރޫޓުވުމުން ހުއްޓުވުމަށްޓަކައި ހަދާފައިވާ ގަވާއިދެކެވެ. އެ ގަވާއިދާ ޚިލާފަށް ޚަރަދުކުރާ ކްލަބުތަކަށް އަދަބުދިނުމުގެ އިޚްތިޔާރު ޔޫއެފާއަށް ލިބިގެންވެއެވެ.

މިލާންގެ ޔޫރަޕްގެ ކާމިޔާބީތަކަށް ބަލާއި، އެޓީމުން ވަނީ ޗެމްޕިއަންސް ލީގު ހަތް ފަހަރު، ޔޫއެފާ ކަޕް ވިނަރސްކަޕް ދެ ފަހަރު، ޔޫއެފާ ސުޕަރ ކަޕް ފަސް ފަހަރު އަދި އިންޓަރކޮންޓިނެންޓަލް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް