ރޮހިންގާ މުސްލިމުންނަށް އަނިޔާކުރި ޖެނެރަލަކު މަގާމުން ވަކިކޮށްފި

ރޮހިންގާ މުސްލިމުން މިޔަންމާގައި ދިރިއުޅޭ ރަޚީން ސްޓޭޓްގައި އެގައުމުގެ ސިފައިން ފޯރިމަރަނީ-- ފޮޓޯ: ރޮއިޓާސް

ނެޕީޑޯ (ޖޫން 27): ރޮހިންގާ މުސްލިމުންނަށް އަނިޔާކުރުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންއިން ދަތިކުރުމުގެ ފިޔަވަޅު އެޅި މީހުންގެ ތެރޭގައި ހިމެނޭ މިޔަންމާ އަސްކަރިއްޔާގެ ޖެނެރަލަކު މަގާމުން ވަކިކޮށްފިއެވެ.

ހޯމަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ރަޚީން ސްޓޭޓުގެ ހުޅަނގުގައި އިސްކޮށް ހަރާކަތްތެރިވި މޭޖާ ޖެނެރަލް މައުންގް މައުންގް ސޮއޭ މަގާމުން ވަކިކުރީ އޭނާގެ ޒިންމާތައް ފުރިހަމައަށް އަދާނުކުރުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން މުސްލިމުންގެ އާބާދީ ބޮޑު ރަޚީން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ފެށި ފަހުން، އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާއިންގެ އަދަދު ވަނީ 700،000 އަށް ވުރެ އިތުރުވެފައެވެ. މިޔަންމާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އެއީ ރޮހިންގާއިންގެ ތެރޭގައި ހިމެނޭ ހަތިޔާރު އެޅި ޖަމާއަތަކާ ދެކޮޅަށް ފެށި އޮޕަރޭޝަނެކެވެ.

އީޔޫއިން ސޮއޭއާއި އިތުރު ހަ އޮފިޝަލަކާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކަށް ދިޔުން މަނާކުރުމާއި ގައުމުން ބޭރުގައިވާ އެމީހުންގެ މުދާތައް ހިފެހެއްޓުން ހިމެނެއެވެ.

އީޔޫއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެފިޔަވަޅުތައް އެޅީ 2017 ވަނަ އަހަރުގެ ފަހުކޮޅު ރަޚީން ސްޓޭޓުގައި ރޮހިންގާއިންނާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅުން ހުރި ބަޔަކާ ދެކޮޅަށެވެ. އެޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި ޖިންސީ އަނިޔާ ކުރުމާއި ރޮހިންގާއިންގެ ގެތަކާއި އިމާރާތްތަކުގައި ރޯކުރުން ހިމެނޭ ކަމަށް އެބަޔާނުގައި ވެއެވެ.

ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުން އަނބުރާ މިޔަންމާއަށް ގެންދިޔުމަށް މިދިޔަ ޖެނުއަރީ މަހު އެ ދެ ގައުމުން ވަނީ އެއްބަސްވުމެއް ހަދާފައިއެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް