ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ގްރޭސް މުގާބޭއަށް ތާއިދު ކުރާ ގުރޫޕެއް: ޒިމްބާބުވޭގެ ރައީސް

ޒިމްބާބުވޭގެ ރައީސް އެމާސަން މަނަންގާގުވާއަށް އަމާޒުކޮށް ދިން ހަމަލާގެ ފަހަތުގައި ވަނީ ގްރޭސް މުގާބޭއަށް ތާއިދު ކުރާ ގުރޫޕެއް ކަމަށް ރައީސް ވިދާޅުވޭ -- ފޮޓޯ: ރޮއިޓާސް

ހަރާރީ (ޖޫން 27): ޒިމްބާބުވޭގެ ރައީސް އެމާސަން މަނަންގާގުވާއަށް އަމާޒުކޮށް ހޮނިހިރު ދުވަހު ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ، ގްރޭސް މުގާބޭއަށް ތާއިދު ކުރާ ފެކްޝަނެއް ކަމަށް ރައީސް ތުހުމަތުކުރައްވައިފި އެވެ.

ބީބީސީއާ ވާހަކަ ދައްކަވަމުން މަނަންގާގުވާ ވިދާޅުވި ގޮތުގައި އެހަމަލާގެ ފަހަތުގައިވާ ކަމަށް ބެލެވެނީ ގްރޭސް މުގާބޭ ވެރިކަމަށް ގެންނަން ތާއިދު ކުރި ޖެނެރޭޝަން 40 ނުވަތަ ޖީ40 ފެކްޝަނެވެ. ނަމަވެސް އެހަމަލާގައި ކުރީގެ ރައީސް ރޮބަޓް މުގާބޭ އާއި އަނބިކަނބަލުންގެ ދައުރެއްވާ ކަމަށް މަނަންގާގުވާ ވިދާޅެއްނުވެއެވެ.

"އަޅުގަނޑަކަށް ނޭނގެ އެއީ އެންމެ މީހަކު (ދިން ހަމަލާއެއް ކަމެއް). އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއީ އެކަކަށް ކުރެވޭ ވަރަށް ވުރެ މާބޮޑު ކަމެއް ކަމަށް. އަދި އެއީ ސިޔާސީ އަމަލެއް ކަމަށް،" މަނަންގާގުވާ ވިދާޅުވިއެވެ.

ޒިމްބާބުވޭގައި އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިހާބާ ދިމާކޮށް ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީން ހޮނިހިރު ދުވަހު ބޭއްވި ރެލީއަށް ދިން ހަމަލާގައި ދެ މީހަކު މަރުވެ 40 މީހަކަށް އަނިޔާވި އެވެ. (ބީބީސީ)

comment ކޮމެންޓް