އައްޑޫގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކު ސީރިއަސް ހާލަތެއްގައި

ރޭ ދަންވަރު އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އެހީތެރިވަނީ ---

އައްޑޫ ސިޓީ ފޭދޫ ބޮޑު މަގުގައި ރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހުންގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.

ރޭ ދަންވަރު 01:18 ހާއިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 26 އަހަރުގެ މީހަކާއި 35 އަހަރުގެ، ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓްވި ދެ މީހުން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ފޭދޫ ސިއްހީ މަރުކަޒަށެވެ. ނަމަވެސް ހާލު ސީރިއަސް ކަމުން ދެ މީހުން ވެސް ވަނީ ވަގުތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނެވި ސީނިއާ ކޮމިއުނިޓީ ހެލްތް ވޯކަރ މުހައްމަދު ނަޖީބް 'ސަން' އަށް ވިދާޅުވީ ރޭގެ އެކްސިޑެންޓްގައި އަނިޔާވެގެން ގެނައި ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށާއި އަދި ފަރުވާ ދެމުން ދަނީ އައީސީޔޫގައި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ނަޖީބް ވިދާޅުވިއެވެ.

އަނިޔާވި ދެ މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަން ނަޖީބް ފާހަގަކުރެއްވިއެވެ. އަދި ސީޓް ހަމަޖެހުނުހާ އަވަހަށް ދެ މީހުން ވެސް މާލެ ފޮނުވާލާނެ ކަމަށް ނަޖީބް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ފޭދޫ ބޮޑު މަގުގައި ރޭ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންގެ ބޯ ވަނީ ފަޅައިގެން ގޮސް، ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

comment ކޮމެންޓް