އެމްއެންޑީއެފް އުވާލާން ވިސްނާ ބަޔަކު ވެރިކަމަށް ނުހޮވާނެ: އާދަމް ޝަރީފް

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއެންޑީއެފް އުވާލަން ވިސްނާފަދަ ބަޔަކު ރާއްޖޭގެ ވެރިކަމަށް ދިވެހީން ނުހޮވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފްގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެމްއެންޑީއެފް އުވާލަން ވިސްނާފަދަ "ކޮސް" ބަޔަކު ރާއްޖޭގެ ވެރިކަމަށް ދިވެހީން ނުހޮވާނެ ކަމަށެވެ. އަދި އެމްއެންޑީއެފް އަކީ ރާއްޖޭގެ އައްޑަނަ ކަމަށްވެސް މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައި ވާއިރު ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އޭނާ އެދޭ ވެރިކަމެއްގައި އެމްއެންޑީއެފް އުވާލުމަށް ފަހު ތިބޭނީ ކޯސްޓް ގާޑާއި މެރިން ޕޮލިސް ކަމަށެވެ. އަދި އެމްއެންޑީއެފް އުވާލައި ރައްކާކުރެވޭ ފައިސާ ޚަރަދު ކުރާނީ ރަށް ރަށުގައި ހޮސްޕިޓަލްތައް ތަރައްގީ ކުރަން ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ހުސްނުއްސުއޫދުގެ ޓްވީޓްގައި ބުނެފައިވަނީ، ދުވާލަކު ހަތް މިލިއަން ރުފިޔާ ހަމައެކަނި އެމްއެންޑީއެފްގެ މައްޗަށް ޚަރަދު ކުރާކަމަށާއި މިފަދަ ކުޑަ ގައުމެއްގެ ރަށް ރަށުން ސާފު ބޯފެނާއި ރަނގަޅު ސިއްހީ ޚިދުމަތް ލިބެން ނުހުންނަ އިރުގަ އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ސުއޫދު އެހެން ވިދާޅުވެފައި ވާއިރު އެމްއެންޑީއެފް އަކީ ގައުމުގެ ދިފާއީ ބާރުގެ ގޮތުގައި މީގެ އެތައް އަހަރެއް ކުރިން އުފައްދާފައިވާ މުއައްސަސާއެކެވެ. އަދި ދިފާއީބާރުގައި ގިނަ ބަޔަކު ދަނީ ވަޒީފާ އަދާކުރައްވަމުންނެވެ.

comment ކޮމެންޓް