ވެނަޒުއޭލާގެ ނައިބު ރައީސް ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުން މަނާކޮށްފި

ވެނަޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރީގޭޒްއާ ދެކޮޅަށް އީޔޫއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި -- ފޮޓޯ: ރޮއިޓާސް

ކަރާކަސް (ޖޫން 26): ވެނަޒުއޭލާގައި މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން އެގައުމުގެ ނައިބު ރައީސާއި އިތުރު 10 އޮފިޝަލަކާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ފިޔަވަޅު އަޅައިފިއެވެ.

ޑެލްސީ ރޮޑްރީގޭޒްއާއި ކުރީގެ ނައިބު ރައީސް ތާރިކް އަލް އައިސާމީއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުން މަނާ ކުރުމުގެ އިތުރުން، ބޭރު ގައުމުތަކުގައި ހުރި އެމީހުންގެ މުދާ ހިފަހައްޓާފައި ވެއެވެ.

އީޔޫއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ވެނަޒުއޭލާގެ ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލު ނުކުރެވެއެވެ. އަދި އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އެޅި އޮފިޝަލުންނަކީ "އިންސާނީ ހައްގުތަކަށް އަރައިގަނެ، ޑިމޮކްރަސީއާއި ގައުމުގެ ގާނޫނީ ވެރިކަން ނެގެހެއްޓުމުގައި އިހުމާލުވި" އޮފިޝަލުން ކަމަށް ބުނެފައިއެވެ.

އޭގެ ސަބަބުން ވެނަޒުއޭލާގެ ސަރުކާރުން ވަނީ އީޔޫއިން އެގައުމުގެ ކަންތައްތަކަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ބުނެ، އީޔޫގެ އިންޒާރުތައް ގަބޫލުނުކުރާނެ ކަމަށް ބުނެފައެވެ.

އީޔޫއިން ވަނީ މީގެ ކުރިން ޖެނުއަރީ މަހުވެސް ވެނަޒުއޭލާގެ ހަތް އޮފިޝަލަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި އެމެރިކާއާއި ކެނެޑާއިން ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯވެސް ހިމެނެއެވެ.

ވެނަޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ބޯއިކޮޓް ކުރި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެން މަޑޫރޯ ވަނީ ހަ އަހަރުގެ ދެވަނަ ދައުރަކަށް އިންތިހާބުވެފައެވެ. (ބީބީސީ)

comment ކޮމެންޓް