މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް އެމެރިކާ އިން ހެދި ޕްލޭނަށް އަރަބި 4 ގައުމަކުން ތާއީދު

އެމެރިކާގެ ރައީސްގެ ދަނބިދަރިކަލުން އަދި އިސް މުޝީރު ވަނީ އުރުދުން އަބްދުﷲ ރަސްގެފާނާ ބައްދަލުކުރައްވާފައި -- ފޮޓޯ: އޭޕީ

ގުދުސް (ޖޫން 26): ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމު ކުރުމަށް އެމެރިކާއިން ހަދާފައިވާ ޕްލޭނަށް އަރަބި ހަތަރު ގައުމަކުން ތާއިދު ކުރާ ކަމަށް އިސްރާއީލުގެ ނޫހަކުން ބުނެފި އެވެ.

އިސްރާއީލުގެ ހަޔޫމް ޑެއިލީގައިވާ ގޮތުން އެނޫހުން ވަނީ މިސްރާއި ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި އުރުދުންގެ އޮފިޝަލުންނާ ވާހަކަ ދައްކާފައި އެވެ. އަދި އެހަތަރު ގައުމުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި އިސް މުޝީރު، ޖެރަޑް ކުޝްނާއާ ބައްދަލުކޮށް، އެމެރިކާގެ ޕްލޭނަށް ތާއިދު ކުރާކަމަށް ބުނެފަ އެވެ.

ރައީސް ޓްރަމްޕް "މިގަރުނުގެ އެންމެ މޮޅު ޕްލޭން"ގެ ގޮތުގައި ސިފަ ކުރައްވާފައިވާ އެރޭވުން އަދި ހާމަ ނުކުރެ އެވެ. ނަމަވެސް އެޕްލޭނަށް ތާއިދު ހޯދުމަށް ޓަކައި ކުޝްނާ އާއި އެމެރިކާ އިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޖޭސަން ގްރީންބްލެޓް ވަނީ އެސަރަހައްދަށް ވަޑައިގެން، އަރަބި ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާފައި އެވެ.

ނަމަވެސް ފަލަސްތީނުގެ ސަރުކާރުން ވަނީ ކުޝްނާ އާއި ގްރީންބްލެޓާ ބައްދަލުކުރަން ދެކޮޅު ހަދާފައި އެވެ.

ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން މިދިޔަ އަހަރު ބަލައިގަތް ފަހުން ރައީސް މަހުމޫދު އައްބާސްގެ ސަރުކާރުން ވަނީ އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކުރަން ދެކޮޅު ހަދާފައި އެވެ.

ހަޔޫމް ޑެއިލީގައިވާ ގޮތުން ރައީސް އައްބާސްގެ ސަރުކާރުން އެމެރިކާގެ ޕްލޭނަށް ތާއިދު ނުކުރި ނަމަވެސް މިސްރާއި ސައުދީ އަރަބިއާ އާއި ޔޫއޭއީ އާއި އުރުދުންއިން ވަނީ އެޕްލޭނަށް ތާއިދު ކުރަން ނިންމާފައި އެވެ.

މީގެ ކުރިން ކުޝްނާ ވަނީ ފަލަސްތީނުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި، މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ރައީސް އައްބާސްގެ ގާބިލުކަން އޮތް ކަމާ މެދު ސުވާލު އުފައްދަވާފަ އެވެ. އޭގެ ސަބަބުން ފަލަސްތީނުގެ އިސް ޑިޕްލޮމެޓެއް ކަމަށްވާ ސާއިބު އުރައިގާތު ވަނީ އެމެރިކާ އިން ރައީސް އައްބާސްގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް