އަންހެނުންނަށް އެންމެ ނުރައްކާ ގައުމަކީ އިންޑިއާ: ސާވޭ

އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް އިންޑިއާގައި އަޑު އުފުލަނީ ---

ޖިންސީ ފުރައްސާރައާއި ރޭޕްގެ ސަބަބުން ދުނިޔޭގައި އަންހެނުންނަށް އެންމެ ނުރައްކާ ގައުމަކީ އިންޑިއާ ކަމަށް ސާވޭ އަކުން ދައްކައިފިއެވެ.

ތޮމްސަން ރޮއިޓާސް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ މި ސާވޭ ދައްކާގޮތުން އިންސާނީ ވަގުފާރި، ރޭޕް، ޖިންސީ ފުރައްސާރަ އާއި އަނިޔާ އަދި ގެވެށި އަނިޔާ ލިބޭ އަންހެނުން އިންޑިއާގައި ގިނައެވެ. މި އަނިޔާ ތަހައްމަލު ކުރާ މީހުންގެ ތެރޭގައި އިންޑިއާގެ ދަށް ފަންތީގެ އަންހެނުންނާއި ގޭގޭގައި މަސައްލަތް ކުރާ "ޑޮމެސްޓިކް ވޯކާސް" ހިމެނެއެވެ.

މީގެ އިތުރުން މަޖުބޫރުން ކައިވެނި ކުރުވުމާއި ޖިންސީ އަޅުވެތިކަމަކީ ވެސް އިންޑިއާގައި އާންމު ކަންތައް ކަމަށާއި އޭގެ ސަބަބުން އެގައުމުގައި އުޅޭ އަންހެނުންނަށް ނުރައްކާ އެބައޮތް ކަމަށް ސާވޭގައި ބުނެފައި ވެއެވެ.

އާދަކާދަ އާއި ސަގާފަތަށް ބެލި ނަމަވެސް އިންޑިއާގައި އަންހެނުންނަށް އޮތް ފުރުސަތު ތަކާއި، އަންހެނުންނަށް ކުރާ ގަދަރު ކުޑަ ކަމަށާއި އަންހެނުންނަށް އަމާޒުކޮށްގެމް އެސިޑް ހަމަލާތައް ދިނުމާއި، އަންހެނުން "ޚިތާނަކުރުން"، ޅަ އުމުރުގައި އަންހެން ދަރިން ކައިވެނި ކުރުވުން، ޖިސްމާނީ އަނިޔާ ދިނުން ފަދަ އަމަކުތަކަކީ އެގައުމުގައި އާންމު ކަންތައް ކަން ވަނީ ފާހަގަ ކޮށްފައެވެ.

ގޭންގް ރޭޕާއި އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އިންޑިއާގައި އަޑު އުފުލަން ފަށާފައިވަނީ 2012 ވަނަ އަހަރު ދިއްލީގެ ބަހެއް ތެރޭ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ހާދިސާ އަށް ފަހުއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޖިންސީ އަނިޔާގެ 100 މައްސަލަ އިންޑިއާގެ ފުލުހުންނަށް ކޮންމެ ދުވަހަކުވެސް ރިޕޯޓު ކުރެވެއެވެ.

މީގެ ހަތް އަހަރު ކުރިން މި ސާވޭ ކުރިއަށް ގެންދިޔަ އިރު އިންޑިއާ އޮތީ އަންހެނުންނަށް އެންމެ ނުރައްކާ ގައުމުތަކުގެ ހަތްވަނައިގައެވެ.

އަންހެނުންނަށް އެންމެ ނުރައްކާ ގައުމުތަކުގެ ލިސްޓުގެ ދެވަނާގައި އޮތީ އަފްޣާނިސްތާނެވެ. ލިސްޓިގެ ތިންވަނައިގައި ސީރިއާ އޮތް އިރު ހަތަރުވަނާގައި އޮތީ ސޯމާލިޔާއެވެ. ފަސްނަވާގައި އޮތީ ސައުދީ އަރަބިއާ އެވެ. މި ލިސްޓުގެ 10 ވަނާގައި އޮތީ އެމެރިކާއެވެ.

ދެހާސްތިރީސް އަންނައިރު އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިވާ ތަފާތު ކުރުންތައް ނައްތާލުމަށް ދުނިޔޭގެ ލީޑަރުން ވަނީ އެއްބަސްވެފައެވެ.

ސީއެންއެން

comment ކޮމެންޓް