ގަވާއިދާ ހިލާފަށް ޕާކް ކުރުމުން ކުރާ ޖޫރިމަނާތަކަށް ހައްލެއް ހޯދައިދެނީ

ޕާކިން ޒޯނެއްގައި ސައިކަލުތަކެއް ޕާކު ކޮށްފައި: ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގަވާއިދާ ހިލާފަށް ވެހިކަލް ޕާކް ކޮށްގެން ކުރާ ޖޫރިމަނާތަކަށް ހައްލެއް ހޯދައި ދެއްވަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ. ރައީސް އެގޮތަށް ނިންމަވާފައިވާކަން ހާމަ ކުރެއްވީ، ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ގަވާއިދާ ހިލާފަށް ވެހިކަލް ޕާކް ކޮށްގެން ކުރާ ޖޫރިމަނާތަކަށް ހައްލެއް ހޯދައި ދެއްވަން ސަރުކާރުން ނިންމެވިއިރު، ވެހިކަލް ޕާކް ކުރުމަށް ޖާގައެއް ހޯދުމަކީ މިއަދު މާލޭގައި ދަތި ކަމެކެވެ.

އަދި މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާތީ އެމަގުގެ ބައެއްގައި ޕާކް ކުރުން މަނާ ކޮށްފައި ވުމާއި މާލޭގެ ބައެއް މަގުތައް ހެދުމަށް ކޮނެފައި ހުރުމުގެ ސަބަބުން ވެސް ބައެއް މަގުތަކުގައި ޕާކް ކުރެވޭނެ ޖާގައެއް ނުހުރެއެވެ.

ނިހާންގެ މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މުޅި މާލޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާތީ ޓްރެފިކް ވަޔަލޭޝަން ސްޓިކާ ޖެހުމުން ޒުވާނުންނަށް ވަމުންދާ ގެއްލުން ތަކަށް ހައްލެއް ހޯއްދަވަން ރައީސް ޔާމީން ނިންމަވައިފި ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ވެސް ސަރުކާރުން ވަނީ ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާތައް މައާފު ކޮށްދީފައެވެ. އެ ޖޫރިމަނާތައް މާފުކުރީ ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު މަޖިލީހަސް ހުށަހެޅުއްވި އިސްލާހަކުންނެވެ.

comment ކޮމެންޓް