ކުޅުންތެރިއަކު މަދުކޮށް ކުޅުނު ރަޝިއާއަށް ފުރަތަމަ ބަލި، އުރުގުއޭއަށް ގްރޫޕް އެއްވަނަ

އުރުގުއޭއާއި ރަޝިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ބޮޑުބައިގައި ކުޅުންތެރިއަކު މަދުކޮށް ކުޅުނު ރަޝިއާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި، އުރުގުއޭއިން ގްރޫޕް "އޭ"ގެ އެއްވަނަ ޔަގީން ކޮށްފިއެވެ.

ރަޝިއާގެ ސަމާރާ އެރީނާގައި އެތައް ހާސް ރަޝިއާ ސަޕޯޓަރުންނާއެކު މިރޭ ކުޅުނު މެޗު އުރުގުއޭއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި ރަޝިއާގެ އީގޭ މޮލެނިކޯވްއަށް ދެއްކި ރަތް ކާޑާއެކު ރަޝިއާއިން މެޗުގެ ބާކީބައި ކުޅުނީ ކުޅުންތެރިއަކުން މަދުކޮށެވެ.

މިރޭގެ މެޗަށް ނުކުތް އިރުވެސް ރަޝިއާއި އުރުގުއޭއަށްވެސް އޮތީ ގަދަ 16 ޔަގީންވެފައެވެ. މިއަހަރުގެ ވޯލްޑް ކަޕަކީ 1986 ވަނަ އަހަރަށްފަހުގެ ވޯލްޑް ކަޕަށްފަހު ރަޝިއާއިން ގަދަ 16އަށް ދަތުރު ކުރި ފުރަތަމަ ވޯލްޑް ކަޕެވެ.

އުރުގުއޭއާއި ރަޝިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ކުރީކޮޅުގައި އުރުގުއޭން ވަނީ ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ރަޝިއާ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ސީދާ ގޯލަށް ފޮނުވާލައިގެން އުރުގުއޭއަށް ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒްއެވެ. ސުއަރޭޒް އެ ހިލޭޖެހުން ފޮނުވާލީ ފާރު އެޅުމަށްފަހު ރަޝިއާގެ ގޯލްކީޕަރު އީގޯ އަކިންފީވް ހުއްޓިގެން ހުރި ފަޅީގެ ތިރީ ކަނަށެވެ.

މެޗުގެ ފުރަތަމަ ހާފްގައި އުރުގުއޭއިން ދެ ގޯލްގެ ލީޑެއް ނެގި ނަމަވެސް ރަޝިއާއަށްވެސް ވަނީ ގޯލް ޖަހާނެ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އެޓީމަށް މިއަހަރުގެ ވޯލްޑް ކަޕްގައި ހަތަރު ގޯލް ޖަހައިދީފައިވާ ޑެނިސް ޗެރިޝޭވް ފޮނުވާލި ހަމަލާ ދިފާއުކުރީ އުރުގުއޭގެ ގޯލް ކީޕަރު ފެނާންޑޯ މުސުރޭލާއެވެ.

އުރުގުއޭއާއި ރަޝިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޗެރިޝޭވްގެ ހަމަލާއަށް މާގިނައިރެއް ނުވެ، އުރުގުއޭން ލީޑު ފުޅާކުރިއެވެ. ރަޝިއާގެ އޭރިއާ ބޭރުން ކްރިސްޓިއަން ސްޓުއާނީ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ އޭރިއާ ރޮނގުމަތީގައި ހުރި ޗެރިޝޭވްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް، 36 ވަނަ މިނެޓުގައި މޮލެނިކޯވްއަށް ދެއްކި ރަތްކާޑާއެކު ރަޝިއާއިން ކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ ނަމަވެސް ދެވަނަ ހާފަށް ނުކުމެ ރަޝިއާއިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައްވެސް އުފައްދާފައެވެ.

އެގޮތުން ޒުވާން ފޯވަޑް ފެޑޯ ސްމެލޯވް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އުރުގުއޭގެ ކީޕަރު މުސުލޭރާއެވެ. ރަޝިއާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރި ނަމަވެސް އުރުގުއޭގެ ޑިފެންސް ލައިންގެ މޮޅުކަން މިރޭވެސް ފެނިގެންދިޔައެވެ. ހާއްސަކޮށް ޓީމުގެ ކެޕްޓަން ޑިއޭގޯ ގޮޑިންގެ ލީޑާޝިޕް ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.

ރަޝިއާއިން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް އަނެއްކާވެސް ގޯލް ޖެހީ އުރުގުއޭއެވެ. ލިބުނު ކޯނަރުގައި ޑިފެންޑަރު ޑިއޭގޯ ގޮޑިން ފޮނުވާލި ހަމަލާ ކީޕަރު އަކިންފީވް ދިފާއުކުރި ނަމަވެސް ރީބައުންސް ބޯޅަ ގޯލަށް ވައްދާލީ އެޑިސަން ކަވާނީއެވެ.

އުރުގުއޭއާއި ރަޝިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އުރުގުއޭއިން ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ރަޝިއާ އޮތީ ހަ ޕޮއިންޓާއެކުގައެވެ. ގްރޫޕްގައި ކަޓައިފައިވާ މިސްރާއި ސައުދީ އަރަބިއާ މިރޭ ކުޅުނު މެޗު ސައުދީން 2-1ގެ ނަތީޖާއަކުން ކާމިޔާބު ކުރި އިރު، މިސްރުން މުބާރާތާ ވަކިވީ މޮޅެއް ނުލިބިއެވެ.

comment ކޮމެންޓް