ވެރިކަމާ ހަމައިން ކޭކު ފަޅާކަށް އިދިކޮޅު ލީޑަރުން ބޭނުމެއް ނުވި: ރައީސް ޔާމީން

ރައީސް ޔާމީން ގުރައިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ--ފޮޓޯ/ރައީސް އޮފީސް

މިވީހާ ދުވަހު އިދިކޮޅުގައި ތިބި ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް ހަގީގަތަކީ ވެރިކަމާ ހަމައިން ކޮންމެ މީހަކުވެސް ބޭނުންވަނީ މުޅި "ކޭކު" އެއްކޮށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންތިޚާބާ ހަމައަށްދާއިރު ކުރިން ހީފުޅުވީ ގިނިކަންޏާ ހުންނެވީ އެމަނިކުފާނު އެކަނިކަމަށާއި ނަމަވެސް ފަހުން އެނގިވަޑައިގެންނެވީ އިދިކޮޅުން މަސައްކަތް ކުރާ ހުރިހާ ލީޑަރުންވެސް ވެރިކަމާ ހަމައިން ތިއްބެވީ އެކަނިކަން ކަމަށެވެ.

"މީގަ މިއަދު އަޅުގަނޑުމެން ގަބޫލު ކުރަންޖެހެނީ އެމީހުންގެ[އިދިކޮޅު މީހުންގެ] ތެރޭގައި ކޮންމެ ކަހަލަ ވާހަކައެއް ދެއްކި ކަމުގައިވީނަމަވެސް ކޭކު ފަޅާ ހިސާބަށް ދިޔާމަ ހަމަ ކޮންމެ ބޭފުޅަކުވެސް ބޭނުންވަނީ ނުފަޅާ މުޅި ކޭކު،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކަން މިހެން އޮތް އިރު އެމަނިކުފާނުގެ ޕާޓީން އެންމެ ކުރިންވެސް ނިންމީ ކޭކު ނުފަޅަން ކަމަށާއި އަދި އެމަނިކުފާނުގެ ޕާޓީން ނިންމީ ކޭކު ދޭނީ މިހާރުގެ ޒައާމަތައްކަމަށެވެ. އެގޮތަށް ނިންމި ސަބަބެއް ކަމަށް ވިދާޅުވީ ދިވެހިރާއްޖޭގައި އަމާން ސުލްހަވެރި އަދި ރައްޔިތުންނަށް އޯގާތެރި މުޖްތަމައުއެއް ބިނާކުރުމަށާއި އިސްލާމީ ރިވެތި އުސުލުތަކާއި ހަގީގީ ޑިމޮކްރަސީއަކީ ކޮން އެއްޗެއްކަން ދައްކައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ޑިމޮކްރަސީ ބަޔަކަށް ކަމުނުގޮސްގެން އުޅެނީ އެމީހުން ބޭނުންވާ ގޮތަށް ކަންކަން ނުވެގެން ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރާ ކަަމަށް އަޑު ފެތުރި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން އެއްވެސް ކޯޓަަކަށް ނުފޫޒެއް ނުފޯރުވާނެ. އެކަމަކު ކޯޓަށް ނުފޫޒު ފޯރުވި މީހުން މިހާރު އެތިބީ ހާމަކަން ބޮޑު ގޮތެއްގައި ފަލީހަތްވެފައި. މިއީ ޑިމޮކްރަސީ ގޮސްފައިވާ ހިސާބު،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީއަކީ ނިޒާމްތަކެއް ކަމަށާއި އަދި އެއީ ނިޒާމްތަކާއި އެއްގޮތައް އަމަލު ކުރުން ކަމަށެވެ. އަދި އެ ނިޒާމްތަކުގެ ބެރުން ކަން ކުރުމުން އެ ނިޒާމް ހިފަހައްޓަން މަސައްކަތް ކުރާ މީހާ އާޚިރުގައި ޚުދުމުޚްތާރު ވެރިއަކަށް ވެގެންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް