ކޭންއަށް ހެޓްރިކް، އިންގްލެންޑަށް ތާރީހީ މޮޅެއް!

އިންގްލެންޑާއި ޕެނަމާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މިރޭ އިންގްލެންޑުން ޕެނަމާ ކޮޅަށް ހަ ގޯލް ޖަހައި ގަދަ 16 ޔަގީން ކޮށްފިއެވެ.

ނިޒްނީ ނޮވްގްރޯޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ހެޓްރިކް ހަދައިފައިވާ އިރު، މިރޭގެ ނަތީޖާއަކީ ވޯލްޑް ކަޕް މެޗެއްގައި އިންގްލެންޑް ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.

މީގެ ކުރިން އިންގްލެންޑުން ވޯލްޑް ކަޕް މެޗެއްގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވެފައި އޮތީ 3-0ގެ ނަތީޖާއަކުންނެވެ. އިންގްލެންޑުން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން 3-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއީ 2002 ވަނަ އަހަރު ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން 1986 ވަނަ އަހަރު ޕެރަގުއޭއާއި ޕޮލެންޑާ ކުޅުނު މެޗުތަކުންނެވެ.

އިންގްލެންޑާއި ޕެނަމާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިރޭގެ މެޗަށް ނުކުތް އިރު، އިންގްލެންޑުން އޮތީ ގްރޫޕް ޖީގައި ކުޅުނު ފުރަތަމަ މެޗުގައި ޓިއުނީޝިއާ ބަލިކޮށްފައެވެ. އެ މެޗުން އިންގްލެންޑް 2-1ގެ ނަތީޖާއަކުން މޮޅުވި އިރު، ދެ ގޯލްވެސް ޖެހީ ކެޕްޓަން ކޭންއެވެ. ޕެނަމާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

އިންގްލެންޑުން މެޗު ފެށީ ވަރުގަދަކޮށެވެ. ފުރަތަަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރާ ޕެނަމާއަށް މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އިންގްލެންޑުގެ އެޓޭކުގެ ނުރައްކާ ކުރިމަތިވެގެން ދިޔައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި އިންގްލެންޑުން ލީޑު ނެގިއެވެ. ކެވިން ޓްރިޕިއާގެ ކޯނަރު، އޭރިއާ ތެރޭ ހުސްކޮށް އޮވެ ގޯލަށް ވައްދާލީ ޑިފެންޑަރު ޖޯން ސްޓޯންސްއެވެ. އެ ގޯލަކީ ސްޓޯންސް އިންގްލެންޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

އިންގްލެންޑާއި ޕެނަމާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފުރަތަމަ ގޯލާއެކުވެސް ޕެނަމާގެ ޑިފެންސް ތެރެއިން ގިނަ ޖާގަތަކެއް ހުސްވެގެން ދިޔަ އިރު، އިންގްލެންޑްގެ ފޯވަޑް ލައިނަށް ކުޅޭ ޔެސޭ ލިންގާޑާއި ރަހީމް ސްޓާލިން ވަނީ ގިނަ ފަހަރެއްގެ މަތިން ޕެނަމާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގެ 22 ވަނަ މިނެޓުގައި އިންގްލެންޑުން މެޗުގެ ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ. ޕެނަމާ އޭރިއާ ތެރެއިން ލިންގާޑަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށްދިނީ ކޭންއެވެ. ކޭންގެ ގޯލަށް މާ ގިނައިރެއް ނުވެ އިންގްލެންޑުން ތިން ވަނަ ގޯލެއްވެސް ޖެހިއެވެ. ވާތް ފަރާތަށް ކުޅެމުން ދިޔަ އެޝްލީ ޔަންގާއި ރަހީމް ސްޓާލިންގެ ރީތި ޕާސްތަކަކާއެކު އިންގްލެންޑުން އުފެއްދި ހަމަލާ، ޕެނަމާގެ އޭރިއާ ބޭރުން ގޯލްގެ ކަނަށް ފޮނުވާލައިގެން ތިން ވަނަ ގޯލް ކާމިޔާބުކޮށްދިނީ ލިންގާޑެވެ.

ތިން ގޯލްގެ ލީޑަކަށްފަހު އިންގްލެންޑުން ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ އިރު، ޕެނަމާ ފެނުނީ ގޮތް ހުސްވެފައި ކަހަލަ ގޮތަކަށެވެ. އިންގްލެންޑުގެ ހަލުވި އެޓޭކަށް ފަރުވާލެއް ނެތެވެ. މެޗުގެ 40 ވަނަ މިނެޓުގައި އިންގްލެންޑުން އަނެއްކާވެސް ޕެނަމާގެ ޑިފެންސް ފޫއަޅުވާލިއެވެ. ހާފްގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން ވަރަށް ރާވާލައިގެން އިންގްލެންޑުން ކުރިއަށް ފޮނުވާލި އިރު، އެ ބޯޅަވެސް ބޮލުން ގޯލަށް ވައްދާލީ ފުރަތަމަ ގޯލް ޖެހި ސްޓޯންސްއެވެ.

ހާފް ނިމުމުގެ ކުރިން އަނެއްކާވެސް ކޭންގެ ޕެނެލްޓީއާއެކު އިންގްލެންޑުން އެޓީމުގެ ފަސް ވަނަ ގޯލް ކާމިޔާބުކުރިއެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ އިންގްލެންޑުންނެވެ. ހާފް ފެށިގެން މާ ގިނައިރެއް ނުވެ، ކޭން އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. ރޫބަން ލޮސްޓަސް ޗީކު ފޮނުވާލި ހަމަލާ ގޯލަށް ވަނީ ކޭންގެ ކަކުލުގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

އިންގްލެންޑާއި ޕެނަމާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގައި ޕެނަމާއިން ޖެހި ހަމައެކަނި ގޯލް ފެނުނީ 78 ވަނަ މިނެޓުގައެވެ. ޕެނަމާއަށް ލިބު ހިލޭ ޖެހުމަކުން އެޓީމު ގޯލް ޖެހި އިރު، އިންގްލެންޑް ޑިފެންސްގެ މާކިން ފެނުނީ ދަށްކޮށެވެ. ޕެނަމާގެ ތާރީހުގައިވެސް ވޯލްޑް ކަޕްގައި ޖެހި އެންމެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 37 އަހަރުގެ ފެލިޕް ބަލޯއެވެ.

ޕެނަމާގެ ގޯލަށް ފަހުވެސް މެޗުގެ ކޮންޓްރޯލް އޮތީ އިންގްލެންޑް އަތުގައެވެ. މެޗުގެ ފަހު ކޮޅުގައި އިންގްލެންޑުން ފަސޭހަ ކުޅުމެއް ކުޅެ އިންގްލެންޑުން ގަދަ 16 ޔަގީން ކުރިއެވެ.

މިރޭގެ ނަތީޖާއާއެކު ގްރޫޕް ޖީގައި ބެލްޖިއަމް އަދި އިންގްލެންޑަށްވެސް ދެ މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ޓިއުނީޝިއާއި ޕެނަމާ، ދެ މެޗުންވެސް ބަލިވެ ވަނީ ކަޓައިފައެވެ. ގްރޫޕްގެ އެއްވަނަ އެނގިގެންދާނީ ބެލްޖިއަމްއާއި އިންގްލެންޑް ކުޅޭ މެޗުންނެވެ.

comment ކޮމެންޓް