ތާރީޚީ ދަތުރުފުޅެއްގައި ޕްރިންސް ވިލިއަމް މެދު އިރުމައްޗަށް

ޕްރިންސް ވިލިއަމްސް އުރުދުންއަށް ވަޑައިގަތުން --- ފޮޓޯ: ކެންސިންޓަން ޕެލަސް

މެދުއިރުމައްޗަށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ޕްރިންސް ވިލިއަމް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ޕްރިންސް ވިލިއަމް މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ އުރުދުން އަށެވެ. އުރުދުން އަށް ވަޑައިގެން އެ ގައުމުގެ ވަލީއަހުދު ޕްރިންސް ހުސައިން އާ ބައްދަލުކުރައްވާނެއެވެ.

ފަސް ދުވަހުގެ މި ދަތުރުފުޅުގައި ވިލިއަމް އުރުދުންގައި ދެ ދުވަހު މަޑުކުރައްވާނެއެވެ. އެގައުމުގައި ހުންނަވާ ދުވަސްތަކުގައި އެ ގައުމުގެ ލީޑަރުންނާވެސް ބައްދަލު ކުރައްވާނެއެވެ. އުރުދުން ގައި މަޑުކުރައްވާ ދުވަސްތަކުގައި އެގައުމުގައި ދިރިއުޅޭ ރެފިއުޖީ ކުދިންނާ ބައްދަލު ކުރައްވާ އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ޕްރިންސް ވިލިއަމް އިސްރާއިލަށާއި ފަލަސްތީނަށްވެސް ވަޑައިގަންނަވާނެއެވެ. މިއީ އިސްރާއީލު-ފަލަސްތީނު ސަރަހައްދަށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ބޭފުޅަކު ރަސްމީ ޒިޔާރަތެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ޕްރިންސް ވިލިއަމް އަންގާރަދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބައްދަލު ކުރައްވާނެއެވެ. އަދި ބުދަ ދުވަހު ފަލަސްތީނަށް ވަޑައިގެން އެގައުމުގެ ރައީސް މަހުމޫދު އައްބާސް އާ ބައްދަލުކުރައްވާނެއެވެ.

ކެންސިންޓަން ޕެލަސްއިން ބުނީ މި ދަތުރުފުޅުގެ ބޭނުމަކި އެ ސަރަހައްދުގެ ރައްޔިތުންނާއެކު ގުޅުން ބަދަހިކުރުން ކަމަށެވެ.

ޕްރިންސް ވިލިއަމްގެ މެދު އިރުމަތީގެ ދަތުރުފުޅުގައި އަނބިކަނބަލުން ކޭޓް ބައިވެރިވެ ނުލައްވާނެއެވެ.

comment ކޮމެންޓް