އިންތިޚާބު ކުރަން ޖެހޭނީ ވައުދު ވެފައި ވައުދު ފުއްދާ ރައީސެއް: ތޯރިގު

މިނިސްޓަރު ތޯރިގު އިބްރާހިމް --- ފޮޓޯ: ރައީސް އޮފީސް

އިންތިޚާބު ކުރަންޖެހޭނީ ވައުދު ވެފައި އެ ވައުދު ފުއްދާ ރައީސެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫގައި ގާއިމް ކުރި ސާފު ބޯފެނުގެ ނިޒާމާއި ބަނދަރު އިފްތިތާހު ކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ބޭނުންވަނީ ކަންތައްތައް ކުރެވޭ ރައީސެއް ކަމަށެވެ.

"ކުރިއަށް މިއޮތީ ރިޔާސީ އިންތިޚާބު. ރިޔާސީ އިންތިޚާބުގައިވެސް އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނަށް ވައުދުވެ ވަޑައިގެންފައި އެ ވައުދު ފުއްދަވާ ދެއްވާ ރައީސެއް ހޮވަން،"

މިނިސްޓަރު ވިދާޅުވީ މިހާރުގެ ރައީސް ޔާމީނަކީ ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް އިތުރު ދައުރެއް ދޭންޖެހޭ ކަމަށެވެ.

ގުރައިދޫ އަކީ މާލެއާ ކައިރީ އޮތް ރަށެއް ނަމަވެސް އެ ރަށަކީ މީގެ ކުރީ ސަރުކާރު ތަކުގައި މާބޮޑު އަޅައިލުމެއް ނުލިބި އޮތް ރަށެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން 105 މިލިއަން ރުފިޔާ ގުރައިދުއަށް ޚަރަދުކޮށްފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ. އެ އަދަދަކީ އެރަށުގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޚަރަދު ކުރި މިންވަރު އެރަށަށް ހޭދަކުރި މިންވަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު މާލެ ހިމަނައިގެން ސާފު ބޯފެނުގެ ހިދުމަތް ލިބެނީ ހަ ރަށަށް ކަމަށެވެ. ނަމަވެސް ފާއިތުވި ހަތަރު އަހަރާއި ބައިގެ ތެރޭގައި ސާފު ބޯފެނުގެ ހިދުމަތް މުޅިން އަލަށް 19 ރަށަކަށް ދޭން ފެށިފައިވާ ކަމަށާއި މިހާރުވެސް 20 ރަށެއްގައި ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން 75 ޕަސެންޓް ރަށަށް ސާފު ބޯފެނުގެ ޚިދުމަތް ދިނުންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ސާފު ބޯފެނުގެ ޚިދުމަތް ދޭނެކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުރައިދޫގައި ތަރައްގީކުރި ބަނދަރަކީ ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްގީކޮށްފައިވާ ބަނދަރެއް ކަމަށެވެ.

ގައުމުގެ ތަރައްގީއަށް ރައީސް ކޮށްދެއްވާ މަސައްކަތްތައް ބަލައިގަންނަން ޖެހޭ ކަމަށާއި މިއަހަރުގެ އިންތިޚާބުގައި ރައީސް ޔާމީނާއެކު ކުރިއަށް ދިއުމަށް މިނިސްޓަރު ވަނީ ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

comment ކޮމެންޓް