ރަޝިއާގައި ހުންނަ ނޮން ރެޒިޑެންޓް ސަފީރަކަށް މުންދު އައްޔަނު ކުރަނީ

ޕީޕީއެމްގެ ޖަލްސާއެއްގައި މުންދު ވާހަކަ ދައްކަވަނީ --- -ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއިން ރަޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް، ސްރީލަންކާ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަނު ކުރަން ނިންމައިފިއެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަޝިއަން ފެޑެރޭޝަން އަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މުންދުގެ ނަންފުޅު ދިރާސާކުރުން ވަނީ އެޖެންޑާ ކޮށްފައެވެ.

ރަޝިއާ އަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް މުންދު އައްޔަނު ކުރިނަމަވެސް ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ސަފީރުގެ މަގާމުގައިވެސް މުންދު ދެމި ހުންނާނެއެވެ. ނަން ރެޒިޑެންޓް ސަފީރަކަށް އައްޔަނު ކުރުމުން ރަޝިއާ އަށް ވަޑައިގަންނަވާނީ ބައްދަލުވުމެއް އޮވެއްޖެ ނަމަ ނޫނީ މަސައްކަތެއް އޮވެއްޖެ ނަމަ ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ އޭނާ ރެޒިޑެންޓުކޮށް ހުންނަވާނީ ސްރީލަންކާގައި ކަމަށެވެ.

މުންދު މި ސަރުކާރުގައި އެންމެ ފުރަތަމަ އަދާކުރައްވާފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމެވެ. އޭގެ ފަހުން ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމުވެސް އަދާކުރެއްވިއެވެ. މުންދު މިހާރު ހުންނެވީ ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

އެ މަގާމަަށް މުންދު އައްޔަނު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.

comment ކޮމެންޓް