ގުރައިދޫ ބަނދަރާއި ފެނުގެ ނިޒާމު އިފްތިތާހު ކޮށްފި

ކ. ގުރައިދޫ --- ފޮޓޯ: އެމްޓީސީސީ

ކ. ގުރައިދޫ ގައި ތަރައްގީ ކޮށްފައިވާ ބަނދަރާއި ފެނުގެ ނިޒާމު އިފްތިތާހުކޮށްފިއެވެ.

މި ދެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ކ. އަތޮޅުގެ ތިން ރަށަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީން އެވެ.

ގުރައިދޫގައި ތަރައްގީ ކޮށްފައިވާ ބަނދަރަކީ އެމްޓީސީސީ އާ ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ ބަނދަރެކެވެ. 281 މީޓަރު ދިގު 142 މީޓަރު ފުޅާ މި ބަނދަރަކީ 88 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓު ޖަހައިގެން ތަރައްގީކޮށްފައިވާ ބަނދަރެކެވެ. ބަނދަރުގައި 277 މީޓަރުގެ ބޮޑު ހިލަ ބޭރުތޮށި އަދި 287 މީޓަރުގެ އެއްގަމު ތޮށި ވަނީ ގާއިމްކޮށްފައެވެ.

ސާޅީސް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި މި ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2014ވަނަ އަހަރުއެވެ. މަސައްކަތް ނިންމާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ގުރައިދޫގައި ތަރައްގީ ކުރި ފެނުގެ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން 25 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ފެނުގެ ނިޒާމެކެވެ. އެ ރަށުގައި ތަރައްގީ ކުރި 7.3 ކިލޯ މީޓަރުގެ ފެނުގެ ވިއުގަ އަކީ ސްޓެލްކޯ އާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. މި ފެނުގެ ނިޒާމަކީ 60 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިގެންވާ ފެނުގެ ނިޒާމެކެވެ.

comment ކޮމެންޓް